މީގެކުރިން މާލޭގެ ހާލަތު އޮތް ގޮތައް ބަލައި އިރު ގިނަ ބަޔަކު އުޅެން ޖެހެނީ ކުދި ކޮންކްރީޓު ގޮޅިތަކުގައެވެ. ބޭރަށް ނިކުމެލާނަމޭވެސް ހިތައް އަރުވުމަކީވެސް ބޮލުގަ ރިހުމަކަށް ވެއެވެ. ސައިކަލުގެ ބޯދުންގަނޑުން ޖައްވު ފުސްކޮށްލާފައިވާ އިރު މެދުނުކެނޑި އެއް އަޑަކަށް އިވެނީ އެކި އުޅަނދުތަކުގެ އިންޖީނުތަކުގެ އަޑެވެ. އަދި އެނުތަނަވަސްކަމުން ދުރުވާން އަޅައިފައި ހުންނަ ހަމައެކަނި ބީޗަށް ޖެހިލައި އިރު އެތަންވެސް މަސްމާރުކޭޓަކާއި އެއްވަރު ވާނެ އެވެ. ވާނީވެސް މިހެން ނޫންތޯއެވެ. ކުދި ގޮޅިތަކުން ނިކުމެ ބޯ ހަމަޖައްސާލާނެ ރަނގަޅު ތަނަކަށް އޮންނަނީ ވެސް ހަމައެކަނި އެ ބީޗެވެ.
ހާލަތު މިފަދަ ގޮތަކަށް އޮއްވައި މި ސަރުކާރު އައިފަހުން ދުވަހަކުން ދުވަހެއް ދިޔައީ އުންމީދުގެ ހުޅުކޮޅެގެ ރޯވަމުންނެވެ. ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެންނަށް ވަޑައިގެން ރައީސް އެކަން އަމަލީ ގޮތުން ދައްކައި ތަނެވެ. އަނެއްހެން ބުނާނަމަ ބިޔަ ކޮންކްރީޓު ޖަންގަލިން ބޭކާރު ގަސްތައް ނަގައި، ނޭވައި ލެވޭނެ ބަގީޗާތައް ގިނަ ކުރަން ފެށިއެވެ. ހަމަ ރައްޔިތުންގެ ހިންހަމަޖެހުމަށެވެ. އާޓިފިޝަލް ބީޗައް އެންމެން ގޮސް ތޮއްޖެހުމުގެ ބަދަލުގައި މާފަންނު ކޮޅުގައިވެސް އެއަށްވެރެއް ބޮޑު ބީޗެއް އެޅިއެވެ. އަދި މާލޭ އެކި ސަރަހައްދުގައި ޕާކާއި މައިޒާންތަކުން ދިވެހިން މޫނުމައްޗައް ހިނިތުންވުން ގެނެސްދިނެވެ. ކުރިން ބޭރަށް ނުނިކުންނަށް އަޒުމު ކަނޑައަޅައިގެން ތިބޭ މުސްކުޅިންވެސް މިހާރު ގޭތެރެއަށް ވަންނަ ހިތެއް ނުވެއެވެ. އެހެން ކަމުން "މާލެ ކުރިން އޮތީ ތޮއްޖެހިފައޭ" ބުނުމުން ދޮގަކަށް ނުވާނެ އެވެ.
ކޮންމެއަކަސް މިއީ ރައްޔިތުން ބޭނުންވާ ތަރައްގީ އެކެވެ. ތަރައްގީއޭ ބުނުމުން އެއީ ބޮޑެތި އިމާރާތްތަކާއި މޮޅެތި އުޅަނދުތަކެއް ހުރުމެއް ނޫނެވެ. ގައުމެއް ކުރިޔަށް ދިޔުމަށް އިޖްތިމާއީ ކުރިއެރުމަކީ އެންމެ މުހިންމު އެއްކަމެވެ. އެ އިޖްތިމާއީ ކުރިއެރުން މިހާރު ލޮލުން ފެނި އަތުން ހިފެއެވެ. އެހެންވީމައި ސުވާލަކީ ފަރުދީ ޒިންމައި ކޮބައިތޯއެވެ. ހިން ހަމަޖައްސާލަން ހަމައެކަނި މައިޒާންތަކެއް ހުރުމުން ނިމުނީތޯއެވެ. އޭގެން ފައިދާވާނީ އަހަރުމެންނަށް ކަން ދަނެގެން އެ ބަލަހައްޓަންވެސް ޖެހޭނީ ހަމަ އަހަރުންނެވެ!
ނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި ފެނުނީ މިޔައި މުޅިން އެއާ ހިލާފު ކަންތަކެކެވެ. ބައެއްގެ ފަރުވާ ކުޑަކަމުން، ތުއްތު ކުދިންގެ ލޯބި ހިނިތުންވުންތަކާއި އާއިލީ ގުޅުންތައް ބަދަހި ކުރުމަށް ހަދައިފަވާ މައިޒާންތަކައް ގެއްލުންވީތަނެވެ. އެއްފަހަރަކުއެއް ނޫނެވެ. ސުނާމީ ބިނާ މައިޒާންއަށް ދެ ފަހަރުގެ މަތިން ދޯންޏެއް އަރައިފަވާ އިރު އިއްޔެ ރޭ ވަނީ ރައިވެރިބޭ މައިޒާނުގެ ފެންސުތަކަށް ވެހިކަލްއެއް އަރުވާލައި ފުންޑު ކޮށްލާފައެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް މިފަދަ މަޝްރޫއުރައް ހިންގަމުންދާއިރު އެފަދަ ހާދިސާތައް ވިޔަނުދިޔުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއް ކަމަށެވެ.
"އޮޅިގެން މީހަކަށް ކަމެއް ވެދާނެ. ނަމަވެސް ގަސްތުގައި މިކަން ކުރަންޏާ އެއީ ވަރަށް ދެރަ ކަމެއް. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ކޮންމެ މީހެއްގެވެސް އިޖްތިމާއީ ޒިންމާއެއް އޮންނާނެ އެތަންތަން ރަނގަޅަށް ބަލަހައްޓަން. އެންމެނަކީ މުޖުތަމައުގެ ފަރުދުން. ކޮންމެ ތަނަކީވެސް އެމީހެއްގެ އަމިއްލަ ތަނެއް. އެހެންވެ މުޖުތަމައުއަށް ފައިދާ ވާގޮތައް އަމަލުވެސް ބަހައްޓަން ޖެހޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިއީ ރައްޔިތުން ގަބޫލު ކުރާނެ ކަންތައް ހެއްޔެވެ. އާއެކެވެ. މީހަކަށް ކުށެއް ކުރެވިދާނެއެވެ. ނަމަވެސް ކުޑަކުދިންތަކެއް އުޅޭ ތަނެއްގެ ކައިރިން މިއުޅަނދުތައް ދާއިރު އެކްސިޑެންޓު ހިނގި ގަޑީ އެތަނުގައި ތުއްތު ކުއްޖަކު ހުރި ނަމަ ކިހިނެތް ވާނެ ހެއްޔެވެ. މިއަދު އެތަނަށް ގެއްލުން ވިޔަސް މާދަމާވާނީ ކިހިނެތްތޯ ބަލައިގެން ވިސްނަން ޖެހެއެވެ. ފަރުވާ ބަހައްޓައިގެން ހަމަ ރައްޔިތުންގެ ފައިދާއަށް ހަދައިފަވާ ތަންތަނަށް ފަރުވާ ބަހައްޓައިށެވެ!
ފަރުވާކުޑައީތަ ބަޔަކު ގަސްތުގައި ކުރަނީތަ؟
މިއީވެސް އުފެދޭ ބޮޑު ސުވާލެކެވެ. އެއީ އިޖްތިމާއީ ކުރިއެރުމަށް ރައްޔިތުންގެ ލާބަޔަށް ޕާކުތައް އެޅުމުން ސިޔާސީ ބޭނުމަށް އެތަން ހަލާކުކޮށް މީހުނަށް އެތަން ބޭނުން ނުކުރެވޭ ވަރު ކުރާ ހިއްވާބައެއްވެސް އުޅެއެވެ. އެކަން ފުރަތަމަ ފެންމަތިވީ ގިނަ ބަޔަކަށް މިހާރު އެންމެ ކަމުދާ ރަސްފަންނު ބީޗު ހުޅުވުމާއި އެކު އެންމެންގެ ހޯތައް އެތަނަށް ގެއްލިފައިވަނިކޮށް ވެސްޓު ޕާކު ކައިރިން ބާލައިފަ އޮތް ނަޖިސް ހޮޅިއެއް ފަޅައިން ދިޔަ ހިސާބުންނެވެ. އެކަން އެހެން ދިމާވުމުން ބީޗުގެ ސާފުތާހިރު ކަމަށް މީހުންގެ ހިތުގައި ޝައްކު އުފެދުނެވެ. އަދި ބީޗު ބަނދުކޮށް އެތަށް ސަތޭކަ ބައެއްގެ ހައްގުތަކެއް އުނިވެގެން ދިޔައެވެ. ކަން މިހެން އޮއްވައި ހައުސިން މިނިސްޓްރީ އިން ބުނީ މިހާތަނަށް ބެލިބެލުމުން ބަޔަކު އެ ނަޖިސް ހޮޅި ގަސްތުގައި ފަޅައިލިކަން އެނގިފައިވާ ކަމަށެވެ. މިއީ ދެރަކަމެއް ނޫންތޯއެވެ.
ދާދިފަހުން ހިނގި ދެ ހާދިސާއާ މެދު ފުންކޮށް ވިސްނިޔަސް ސުވާލު އުފެދޭ ކަންކަން ހުރެއެވެ. އެއީ ސުނާމީ ބިނާ މައިޒާންއަށް ދެ ދުވަހެއްގައި ފެރީއެއް އަރައި ގެއްލުންވި ހާދިސާއެވެ. އެސަރަހައްދުގައި ޒަމާނުއްސުރެއް ވިލިނގއްޔަށް ދާ ފެރީތައް ދަތުރު ކުރެއެވެ. ނަމަވެސް މީންދުވަހަކު ކުރިން އިންނަ ތިން ރުއް ޕާކަށް ފެރީއެއް އެރި ހާދިސާއެއް އަޑެއް ނާހަމެވެ. ނަމަވެސް އެތަނުގައި ސުނާމީ ބިނާ އެޅުމުން ދެން ކުއްލިއަކަށް އެތަނަށް ފެރީ އަރައި ގެއްލުންތަކެއް ވިއެވެ. ގައުމު ކުރިޔަށްވުރެއް މިހާރު އެތަން ރޭގަނޑު އަލިވެސް ވާނެ ނޫންތޯއެވެ. އަދި މި ނިިމުނީކީ ނޫނެވެ. ފުރަތަމަ އެކްސިޑެންޓު ހިނގި އިރު ފެރީ ދުއްވަން އިނީ މަސްތުވެފައިވާ ހާލުގައި އިން މީހެކެވެ. ބަޔަކު ގަސްތުގައި ކުރިކަމެއް ކަމަށް އުފެދޭ ޝައްކުތައް ގިނަ ވެއެވެ.