އަވަސް ވީކެންޑް

އަފީ ބުނަނީ ފަލަކަމުން ފިލްމު ކުޅެވެން ނެތް ކަމަށް!

  • ކޮންމެކޮންމެ ބަޔަކާ އެކީ ފިލްމު ކުޅެން ފިރިމީހާ ވެސް ހިތްހަމައެއްނުޖެހޭ
  • އަފީ ބުނަނީ ފަލަކޮށް ހުރެގެން ޓީވީ އިން ފެންނަން ނުކެރޭނެ ކަމަށް
  • މިހާރުގެ ލައިފް ވަރަށް ހެޕީ، އެކަމަކު ފިލްމީ ދާއިރާ މިސްވޭ

މަރިޔަމް އަފީފާ (އަފީ) އަކީ އެއްއިރެއްގައި ނިކަން އުއްމީދީ ބަތަލާއެއްގެ ދަރަޖަ ދިވެހި ފިލްމީ ދާއިރާގައި ހޯދި ފަންނާނެކެވެ. އޭނާގެ ރީތިކަމާއި ހުނަރުވެރިކަމުން އެތައް ހިތެއް ކަތިލައި ފަތަހަކުރި އެވެ.

ފަހަރެއްގައި މަޖަލަކަށް ކުޅެލި ލަވައަކަށް ފަހު ފިލްމީ ދާއިރާގެ މަސައްކަތްތަކަށް އޭނާ "ދެވިހިފީ" ވެސް އާންމުންގެ ފަރާތުން ލިބުނު ލޯތްބާއި ސަޕޯޓަކުން ކަމަށް ވެދާނެ އެވެ. ނަމަވެސް ތަރިއެއްހެން އަރައިގެން ދަނިކޮށް ފިލްމީ އުދަރެހުން އޭނާ ކުއްލިއަކަށް ގެއްލުނީ އެވެ. ވަރަށް ގިނަ ފިލްމީ ތަރިންނަށް ދިމާވާ ގޮތަށް، ކައިވެންޏެއްކޮށްގެން ޒަވާޖީހަޔާތުގެ ބެލްޓުން ބަނދެވުނީ އެވެ.

ނަމަވެސް އަލަތު ކައިވެނި ނުވަތަ އަލަތު ލޯބިވީ އަފީ ހީކުރި ކަހަލަ ނުވަތަ އުއްމީދުކުރި ކަހަލަ ތަޖުރިބާއަކަށް ވެސް ނޫނެވެ. ހަޔާތް ދިނީ ކެއްސެވެ!

އޭގެ ފަހުން މިހާރު އަނެއްކާވެސް އެތައް އަހަރެއް ފާއިތުވެގެން ހިނގައްޖެ އެވެ. މިއަދު އަފީގެ ދިރިއުޅުން ވަރަށް ވެސް ސާފެވެ. އުފާވެރި އެވެ. ނަމަވެސް އޭނާ ބުނަނީ ބޮޑު ސްކްރީނުން އަލުން ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.

ތިރީގައި މި އޮތީ އަވަސް ވީކެންޑަށް އަފީ ދިން ހާއްސަ އިންޓަވިއުއެވެ. މި އިންޓަވިއުގައި އޭނާ ނުދައްކާ ވާހަކައެއް ނެތެވެ.

ތަރިއެއްހެން އަރައިގެން ގޮސް ކުއްލިއަކަށް ގެއްލުނީ. ފިލްމީ ދާއިރާއިން ގެއްލުނު ގޮތް ނުވަތަ ދުރަށް ދިޔަ ސަބަބު ކިޔައިދީބަލަ އެންމެ ފުރަތަމަ ވެސް؟

"ފިލްމީ ދާއިރާ އިން ދުރަށް ދިޔައީކީއެއް ނޫން. ވިހައިގެން، މީހާ ދެން ވަރަށް ފަލަވެގެން އަދިވެސް މި އުޅެނީ. ބޮޑަށް ފިލްމީ ދާއިރާއާ ދުރަށް ޖެހިލީ މެރީކޮށްގެން. އޭރު ދެން އެހާ ފިލްމު ކުޅޭހިތް ވެސް ނުވަނީ. ދެން އަނެއްކާ އެހެން ހުއްޓާ ޕްރެގްވީ. އަނެއްކޮޅުން އަމިއްލަ ވިޔަފާރިއެއް ކަހަލަ ކަމެއް ފަށަން ޝައުގުވެރިވެފައި އޮތުމަކީ ވެސް ފިލްމީ ދާއިރާއާ ދުރަށް ޖެހިލެވުނު ސަބަބެއް."

"އެކަމަކު އަދިވެސް އެއްކޮށް ފިލްމު ކުޅުން ހުއްޓާލީކީއެއް ނޫން. އަދި ފިލްމީ ދާއިރާ އަށް އެނބުރި ގޮސްވެސްދާނަން."

ފިލްމުކުޅުން ނުވަތަ އެ ދާއިރާ އެއީ އެހެންވީމަ އަފީގެ ހަޔާތުގެ މުހިންމު ޗެޕްޓަރެއް ނޫންތާ؟

"އަސްލުވާގޮތަކީ އެންމެ ފުރަތަމަ ފިލްމު ފިލްމު ކުޅޭކަށެއް ނޫން އެންމެ ފުރަތަމަ އެކަމެއްކުރީކީ. އެ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން އުޅޭކަށެއް ނޫން. ލަވައެއް ކުޅެލީ. އެއަށް ފަހު އެ ދާއިރާގައި އުޅެން ފެށީމަ ވަރަށް މަޖާކުރެވޭ ނުވަތަ އެންޖޯއިކުރެވޭ ކަމަކަށްވީ. އަނެއްހެން ބުނަންޏާމު ދެވިހިފީ. ކުރާހިތުން ފަހުން އެ މަސައްކަތްކުރީ"

"އޭރު ދެން އަޅުގަނޑު ޖޮބަކަށް ވެސް ނުދަން. މާލޭގައި އުޅެނީ ކުއްޔަށް. އެހެންވީމަ ފިލްމު ކުޅެން ފެށީ ސީރިއަސްވެގެނެއް ނޫން. އެކަމަށް މުޅިން ހުސްވާކަށެއް ނޫން. އިތުރު މަސައްކަތެއް ކުރަމުން އެކަން ކުރަން ބޭނުންވީވެސް. މިހާރު ބޭނުންވަނީ ވިޔަފާރިއެއް ފަށަން."

އެހެންވީމަ ފިލްމު ކުޅެގެން އެއްވެސް އާމްދަނީއެއް ނުވަތަ މާލޭގައި ދިރިއުޅެލެވޭ ވަރު ވެސް ނުވަނީތާ؟

"ފިލްމު ކުޅެގެން އަނެއްހެން ރަނގަޅު އާމްދަނީއެއް ނުލިބެނީކީއެއް ނޫން ވަކި. މިސާލަކަށް ފެށިއިރު 10،000. ދެން 20،000 އަދި 25،000ރ. އޭތި ލިބޭނީ ވެސް ބަހާލައިގެން. ދެން ވާގޮތަކީ ފިލްމަކަށް ފަހު މަސައްކަތް މެދުކެނޑުނީމަ ސީދާ އެކަމަކަށް ހުސްވެގެނެއް ނޫޅެވޭނެ. އެގޮތަށް އުޅެން ފަސޭހައެއް ނޫން. އޭރަކު އެގޮތަކަށް އާމްދަނީއެއް ނުލިބޭ. ދެން މިހާރުގެ ގޮތެއް ނޭނގޭ."

ބުނެވިދާނެތަ އަފީގެ ފިރިމީހާ ބޭނުން ނުވަނީއޭ އަފީ ފިލްމުކުޅެން؟

"އުނހޫ. ދާއިރާގައި އުޅެން ބޭނުން ނުވަނީކީއެއް ވެސް ނޫން. އަޅުގަނޑު ވަރަށް ފަލަ ދޯ މިހާރު. ދެން އަސްލު ސީދާ އަޅުގަނޑު ވެސް އެހާ ބޭނުމެއް ނުވޭ ފިލްމީ ދާއިރާ އަށް އަލުން ނުކުންނާކަށް. ފިރިމީހާ ވެސް އެހާ ބޭނުމެއް ނުވޭ އަޅުގަނޑު އެ ދާއިރާ އަށް ނުކުންނާކަށް. އެކަމަކު ނުއެއް ބުނޭ ފިލްމު ނުކުޅޭށެކޭ."

"އެކަމަކު ވެސް އެހާ ލައިކްނުވާ ނަމަ އެނގޭނެ ދޯ އުޅޭގޮތުން. މިސާލަކަށް ފިލްމެއް މި ކުޅެނީ ޑައިރެކްޓަރު މޫމިން ފުއާދު ކަހަލަ މީހަކާ އެކު. އެކަހަލަ މީހަކާ އެކުގައޭ ބުނެފިއްޔާމު ޔަގީނަށް ވެސް ފޮނުވާނެ. އެއީ ވާނުވާ އެނގޭ މީހަކަށްވީމަ. އެކަމަކު ވެސް އަޅުގަނޑު ފިލްމު ކުޅެން ފިރިމީހާ އެހާ ބޭނުމެއް ނުވޭ. އަދި ދަރިއަކު އޮތީމަ އެ ދާއިރާ އަށް ގޮސް ހުސް ނުއެއްވެވޭނެ."

މިހާރު އިނދެގެން ތިއުޅޭ މީހާ އަކީ އަފީގެ ދެ ވަނަ ދޯ. އަޑުއިވިފައި އޮތީ ފުރަތަމަ ކައިވެންޏަށްވީ ވަރަށް ވަރަށް ކުރު މުއްދަތެކޭ. ކިހިނެތްތަވީ؟ ކޮބައިތަ އެހާ އަވަހަށް އެ ކައިވެނި ރޫޅިގެން ދިޔަ ސަބަބަކީ؟

"އުމުރުން 21 އަހަރުގައި ފުރަތަމަ ކައިވެނިކުރީ. ވަރަށް ލޯބިވެގެން، މެރީ ވެސް ކުރާހިތުން މެރީ ކުރީ ވެސް ދެ މީހުން. އެކަމަކު ވާގޮތަކީ އަހަރެމެން ދެ މީހުންގެ މިޒާޖު ވަރަށް ނުގުޅޭ. އެހެން ގޮސްސަ ދެން ހަމަ ޑިވޯސްއަކަށް ދިޔައީ ދެން. އިނދެގެން އެކުގައި އުޅެވުނީ ގާތްގަނޑަކަށް ހަތް މަސް. ފައިޓްކުރަން ބޭނުންނުވަނީ އަސްލު."

އަފީގެ ހިޔާލުގައި ޒުވާން ލޯބިވެރިންނާއި އަލަށް ކައިވެނިކުރާ ޒުވާނުން އެހާ އަވަހަށް ވަކިވާން ޖެހެނީ ކީއްވެ؟ އަމިއްލަ ތަޖުރިބާއިން ކިޔައިދޭ ނަމަ؟

"ވެދާނެ މެޗުއާ ނުވަނީ ކަމަށް ފުރަތަމަ. މިހާރު އޭތި ފީލްވޭ. މިސާލަކަށް ކުދިކުދި ކަންކަމާ ވެސް ހިތްހަމަނުޖެހިދާނެ. ހިނގާލެވޭ ގޮތަކުން ވެސް ހިތްހަމަނުޖެހިދާނެ. އެކަހަލަ ކަންތައްތަކާ ހަމަ އެއްގޮތަކަށް ވެސް އަޅުގަނޑު ފައިޓަކަށް ދާން ބޭނުންނުވީމަ ވަކިވީ. ދެން އެގޮތަށް މައްސަލަ ޖެހުމަށް ވުރެ ބޮޑުވާނީ ޑިވޯސްވުން ދޯ؟.

"ޑިވޯސްވީމަ މީހުން ވަރަށް އެއްޗެހިކިޔާނެއޭ ވެސް ހިތަށް އެރި. އެކަމަކު އެއަށް ވުރެ ބޮޑަށް ވިސްނަން ޖެހޭނީ އަމިއްލަ ލައިފަށްދޯ."

މިހާރުގެ ލައިފް ކިހިނެތް؟ މެރީކޮށްގެން އުޅޭތާ ވެސް ވަރަށް ދުވަސްވެއްޖެ؟ ކުއްޖަކު ވެސް އެބަހުރި؟

"ތިން އަހަރުގެ ކުއްޖަކު އެބަހުރި. މިހާރުގެ ލައިފް ބުނެވޭނީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ތަފާތޭ. އެއީ ވާގޮތަކީ، މައްސަލަ ނުޖެހެނީކީއެއް ވެސް ނޫން. މައްސަލަ ވެސް ޖެހޭ ކިތަންމެ ވަރަކަށް ވެސް. އެކަމަކު މައްސަލައެއް ޖެހުނީމަ މިހާރު އެ މައްސަލައެއް ހައްލުކޮށްލާނެ ގޮތް އެނގޭ ވަރަށް ފަސޭހައިން. ކުރީގައި ނަމަ ހަމަ ދެ މީހުން ޒުވާބުކުރުން އޮންނާނީ."

"އަދި މިހާރު ދަރިއަކު ލިބުނީމަ އަދި މާ ބޮޑަށް ފީލްވޭ ކަންތައް ރަނގަޅުކުރަން. ކުރީގައި ނަމަ ޒުވާބުނުކޮށް ކެތްވެސް ނުކުރެވެނީ. މިހާރުގެ ލައިފް ވަރަށް ހެޕީއޭ ބުނެވޭނީ."

އެހެންވީމަ ފިލްމީ ދާއިރާ އަށް އެނބުރި އައިސްފާނަންތަ؟ ކިހިނެތްތަ ލިބޭ ފުރުސަތުތައް އުޅެނީ؟

"ވިހައިގެން ބޭބީ އަށް އަހަރުވީ ފަހުން ޑައިރެކްޓަރު އަބްދުލް ފައްތާހު ގުޅާފައި ބުނި އަފީ ދެން ހިކެންވެއްޖެއޭ. މިހާރު ފިލްމެއް ކުޅެން ނުކުންނަންވީއޭ މިވެނި ޑޭޓެއްގައި ފިލްމެއް ޝޫޓްކުރަންށޭ މި އުޅެނީ ވެސް. އެކަމަކު އޭރު ހިކެން އެއްވެސް މަސައްކަތެއް ނުކުރަން."

"އޭރު ފުދޭވަރަކަށް ފުރުސަތު ވެސް ލިބުނު އަލުން ފިލްމު ކުޅެން. އެކަމަކު މިހާރު އެފަދަ ފުރުސަތެއް ނުލިބޭތާ އަހަރެއްވަރު ވަނީ. ދެން މިހާރު ނޯ ބުނެ ބުނެ ވެސް މީހުން ފޫހިވާނެ ދޯ. އަސްލު ވަރަށް ފަލަވީމަ ވެސް ދެން ބޭނުމެއް ނުވޭ ފިލްމު ކުޅެން ދާކަށެއް. އެކަމަކު ވެސް ފިލްމެއް ކުޅެލަފާނަން އަދިވެސް."

އަފީ ފަލަވީމަ ފުރުސަތު ނުދޭން އުޅެނީތަ މީހުން؟

"ނޫން. މިސާލަކަށް ކޮންމެ އެއްޗެއްގައި ވެސް ކެރެކްޓާއެއް އިންނަން ޖެހޭނެ ދޯ. ކެރެކްޓާގެ ސިފަ ބުނެދޭ ގޮތަކަށް ނޫން މި އިންނަނީ އަޅުގަނޑު. އަހަރެން ގަބޫލެއް ނުކުރަން ފަލަވީމަ ފުރުސަތު ނުދެނީއެކޭ ނުވަތަ ފުރުސަތު ނުލިބެނީއެކޭ ކަމަށް ވެސް. އެ ކެރެކްޓާއަކަށް ބޭނުންވާ ސައިޒެއް ދޯ ހޯދާނީ."

"އަމިއްލަ އަށް ވެސް ލަދުގަންނާނެދޯ މިހާ ފަލަކޮށް ހުރެ ޓީވީއަށް އަރަން."

މާ ބޮޑަށް ފަލަ، ހިކި ކަމުގެ ވާހަކަ ދައްކާތީވެ ހަމަ އަހާލާހިތްވަނީ، ފަލަވީމަ ހަޑީތަ؟

"ފަލަވީމަ ދެން މީހާގެ ސިފަ ގެއްލޭނެދޯ. ކުރީގަ ހުރި ސިފަ ގެއްލުނީމަ ކޮންމެ ކޮންމެ ހެދުމެއް ވެސް ނުލެވޭނެ. ފަލަވީމަ ދެން، ފަލަވީމަ ހަޑިއެއް ނޫންތަ؟"

"ރީތިތަ؟ އަހަންނަށް ވަރަށް ހަޑި ފަލަވީމަ. ފަލަ ކޮންމެ މީހަކު ހަޑީކީއެއް ނޫން. އަމިއްލަ މީހާ އަށް، އަމިއްލަ ނަފުސަށް ހަޑިވެދާނެތާ."
"ފަލަވީމަ އަހަންނަށް ހަމަ ހަޑީ. ދެން ފެންނައިރަށް ވެސް ކޮންމެ މީހަކު އަފީ ހާދަ ފަލައޭ، ހާދަ ފަލައޭ، ހާދަ ފަލައޭ ކިޔާނީ. ދެން އަމިއްލަ އަށް ވެސް ފީލްވޭ. ލޯގަނޑު ކުރިމައްޗަށް އަރާލީމަ ވެސް އެނގޭ ފިލްމީ ދާއިރާ އަށް ނުކުންނަ ވަރަށް ކައިރި ވެސް ނުވާކަން އަދި."

ދެން ކޮންމެގޮތެއްވިޔަސް ފިލްމީ ދާއިރާއާ ވަރަށް ދުރުގައި ތި އުޅެނީ. އެއްވެސް ވަރަކަށް މިސްވޭތަ އެ ދާއިރާ ނުވަތަ އެ މަސައްކަތް؟

"ވަކި ކަމެއް ނޫން. ހުރިހާ ޝޫޓިންއެއްގައި ހިނގައިދިޔަ ކަންތައް ވެސް ވަރަށް މަޖާ. އެ ކަންތައް އަދިވެސް ހަނދާންވޭ. ހިތަށް އަރާ. އެކަމަކު އެންމެ ބޮޑަށް ހަނދާންވަނީ ފުރަތަމަ ފިލްމު ވާލޯބި އެނގޭނެ ނަމަ. އޭރު ވަރަށް އާވާނެ. ދެން ޑައިރެކްޓަރު ކިރިޔާ ވެސް ހިތްހަމަނުޖެހިގެން އެއްޗެކޭ ބުނެލާއިރު ވެސް ހުންނާނީ ކިރިޔާ ނުރޮވި."

  • ފޮޓޯގްރެފީ: މިލްޒީރޯ ނިޝާން
  • މޭކަޕް އެންޑް ހެއާ: އަމާނީ
  • ސްޓޫޑިއޯ: ޑިޖިޓަލް ސްޓޫޑިއޯ
  • ވޯޑްރޯޑް: ރިވެންޖު ބައި ކެވިން
  • ވީޑިއޯ އެންޑް އެޑިޓިން: އަޒާން/ޝުރާއު
  • ޕްރޮޑަކްޝަން މެނޭޖަރު: އަހުމަދު ނާއިފް