ވިޔަފާރި

ބޮޑެތި މަޝްރޫއުތަކުން ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ލިބޭނެ: އައިއެމްއެފް

May 27, 2016
  • ފިސްކަލް ޕޮލިސީ ހަރުދަނާ ކުރަން ވަނީ ގޮވާލާފައި
  • ލޯނުތައް ނެގުމުގައި ސަމާލުވުމަށް ގޮވާލާފައިވޭ
  • އެސްއީޒެޑްތަކާ ގުޅޭ ކަންކަން ހަރުދަނާ ކުރަން ގޮވާލި

ރާއްޖޭގެ އިގްތިސާދަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް، ސަރުކާރުން ފަށަފައިވާ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން އިގްތިސާދީ ކުރިއެރުން ލިބި އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފް އިން ބުނެފި އެވެ.

ރާއްޖޭގެ އިގްތިސާދު ރިވިއު ކުރުމަށް ފަހު، މި މަހުގެ 13 ވަނަ ދުވަހު އައިއެމްއެފްގެ ބޯޑުން އާންމު ކުރި ރާއްޖެއާ ބެހޭ ހުލާސާ ރިވިއުގައި، އައިއެމްއެފްގެ އެކްޒެކެޓިވް ކޮމިޓީގެ ޑައިރެކްޓަރުން ވިދާޅުވެފައި ވަނީ އެއާޕޯޓް ތަރައްގީ ކުރުމާއި، ހުޅުލެ-މާލެ ބްރިޖް އަދި ހުޅުމާލެ ތަރައްގީ ކުރުން ފަދަ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން އޭގެ ހެޔޮ އަސަރު އިގްތިސާދަށް ކޮށް އެދެވޭ ބަދަލުތަކެއް އިގްތިސާދަށް އަންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިގްތިސާދަށް ކުރިއެރުން ލިބޭނެ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. އަދި މި މަޝްރޫއުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ރާއްޖެއަށް އެހީއަކަށް ވާނެ ކަމަށް ވެސް އައިއެމްއެފްއިން ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ގައުމުގެ އުފެދުންތެރިކަން ނޫނީ، ރިއަލް ޖީޑީޕީ މިއަހަރު 3.5 ޕަސެންޓްގައި ކުރިއަރާނެ ކަމަށް އައިއެމްއެފްއިން ލަފާކުރެ އެވެ. މިއަހަރު ޖީޑީޕީ ކުރިއަރާނީ އައިއެމްއެފް އިން ބުނާ ގޮތުގައި ޓޫރިޒަމް ކުރިއެރުމުގެ ސަބަބުންނެވެ.

އެހެން ނަމަވެސް އުމްރާނީ މަޝްރޫއުތަކަށް ރާއްޖެއިން ބޭރުން ނަގާ ލޯނުތަކުގެ ސަބަބުން ރާއްޖޭގެ ދަރަނި ބޮޑުވާނެކަން ފާހަގަ ކުރަމުން އައިއެމްއެފް އިން ބުނެފައި ވަނީ، ބޮޑެތި މަޝްރޫއުތަކަށް މުޅިން އަލަށް ނަގާ ލޯނުތައް ނެގުމުގައި ރާއްޖެއިން ސަމާލުވެ، އެ މަޝްރޫއުތަކާއި ލޯނުތަކަކީ އިގްތިސާދަށް އެންމެ ފައިދާ ހުރި ގޮތުގައި ނެގޭ ލޯނުތަކެއްކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ އެތެރެ އާއި ބޭރުގެ ދަރަނީގެ ހާލަތަށް ބަލައިގެން، އެ ހާލަތު ގޯސްނުވާނެ ގޮތަކަަށް ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެ ރިޕޯޓްގައި އައިއެމްއެފްގެ ބޯޑުން ރާއްޖެއަށް ވަނީ އިރުޝާދު ދީފަ އެވެ.

ދަރަނި ބޮޑުވަމުން އަންނަ މި ދަނޑިވަޅުގައި، ދައުލަތުގެ އާމްދަނީ އާއި ހަރަދު ކުރުމުގެ ސިޔާސަތު، ނޫނީ ފިސްކަލް ޕޮލިސީ އިތުރަށް ހަރުދަނާ ކުރުމަށް އިސްކަން ދިނުމަށް އައިއެމްއެފް އިން ރިޕޯޓްގައި ވަނީ ލަފާދީފަ އެވެ. އެގޮތުން މައިގަނޑު ހަތަރު ފިޔަވަޅެއް އެޅުމަށް އައިއެމްއެފް އިން ވަނީ ލަފާދީފަ އެވެ.

ފިސްކަލް ޕޮލިސީއަށް ދީފައިވާ ލަފާ:

  • އުމްރާނީ ތަރައްގީއަށް ކުރާ ހޭދަ އެންމެ މުހިންމު މަޝްރޫއުތަކަށް އިސްކަން ދީގެން ކުރުން
  • ޓެކްސް ނަގާ ނިޒާމް އިތުރަށް ހަރުދަނާކޮށް ޓެކްސް ނެގޭ ފަރާތްތައް ފުޅާކުރުން
  • އަލަށް ހަދާ އިންފްރާސްޓްރަކްޗާތައް ބޭނުން ކުރާއިރު ފީ ނެގޭނެ އުސޫލު ގާއިމްކުރުން
  • ދައުލަތުގެ ހަރަދުތައް މިންގަނޑެއްގައި ހިފަހައްޓާ ހަރުކަށިކުރުން
  • ދައުލަތުގެ ފައިސާއިން ކުރާ އިންވެސްޓްމަންޓްތައް ކުރާ ގޮތާއި އެކަން ބަލައި ނިޒާމް ހަރުދަނާކުރުން

ކުރިއެކޭ ވެސް އެއްގޮތަށް އައިއެމްއެފް އިން މިފަހަރު ވެސް ފާހަގަކޮށްފައިވާ ގޮތުގައި އެކްސްޗޭންޖް ރޭޓް ހިފަހައްޓާފައި މިހާރު އޮންނަ އޮތުން ރަނގަޅެއް ނޫނެވެ. އޭގެ ބަދަލުގައި ފައިސާގެ އަސްލު އަގު ހޯދުމަށް އުނދަގޫވެފައިވާކަން އައިއެމްއެފް އިން ވަނީ ފާހަގަކޮށްފަ އެވެ. ހިފެހެއްޓިފައިވާ އެކްސްޗޭޖް ރޭޓެއް ރާއްޖޭގައި އޮންނަ އިރު އައިއެމްފް އިން ބުނީ، މިވަގުތަށް އެޅޭނެ ފިޔަވަޅަކީ ފިސްކަލް ޕޮލިސީ ހަރުދަނާ ކުރުމާއި މަނިޓަރީ ޕޮލިސީތައް ހަރުދަނާކުރުމެވެ. އަދި މަރުކަޒީ ބޭންކް އެމްއެމްއޭ އިން ގެންގުޅޭ ސިޔާސަތުތައް ޖުމްލަގޮތެއްގައި ރަނގަޅުކަން އައިއެމްއެފް އިން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރަށް، އައިއެމްއެފް އިން ވަނީ އަތޮޅުތައް ތަރައްގީ ކުރުމަށް ރީޖަނަލް ހަބްތަކެއް ގާއިމް ކުރުމުގެ ސިޔާސަތު ކުރިއަށް ނެރުމަށް ރާއްޖެއަށް ލަފާދީފަ އެވެ. އަދި ހިދުމަތުގެ އަގާއި އިގްތިސާދު މިހާރަށް ވުރެ ފުޅާކުރުމަށް އިސްކަން ދިނުމަށް ވެސް އެމްއެމްއޭ އިން ވަނީ ލަފާދީފަ އެވެ. އަދި ވަކިވަކިން ހުރި ރަށްތަކަށް އަސާސީ ހިދުމަތްތަކާއި ތަރައްގީ ގެނައުމުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް ރިވިއުގައި ވަނީ މަރުހަބާ ކިޔައިފަ އެވެ.

އިގްތިސާދީ ހާއްސަ ސަރަހައްދުތައް ނޫނީ، އެސްއީޒެޑްތައް ގާއިމް ކުރާ އިރު ޓެކްސްއަށް މަކަރު ހެދުމާއި އޮޅުވާލުން ފަދަ ކަންކަމަށް މަގުފަހި ނުވާނެ ގޮތަކަށް އެ ތަންތަނާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް އައިއެމްއެފް އިން ރާއްޖޭގެ ކިބައިން ވަނީ އެދިފަ އެވެ.