ޓެކްނޯލޮޖީ

ސެމްސަންގްގެ އާ ހަދިޔާ: ބެޓްމޭން އެސް7 އެޖު

މަޝްްހޫރު އަދި ގިނަ ބަޔެއްގެ ލޯބި ހޯދައިފައިވާ ސެމްސަންގް ގެލެކްސީ ސީރީސްއިން މިފަހަރު ގެނެސްދެނީ މުޅިން ތަފާތު ޕްރޮޑަަކްޓެކެވެ. ޑީސީ ކޮމިކްސްގެ މަޝްހޫރު ސުޕަހީރޯ ކެރެކްޓާ، ބެޓްމޭން އަށް ލޯބި ކުރާ ފަރާތްތަކަށް ހާއްސަ ގެލްކްސީ އެސް7 އެޖް އެކެވެ.

ބެޓްމޭން ތީމަކަށް ހަދައިފައިވާ މި ފޯނަކީ ސެމްސަންގްއިން މިގޮތަށް ނެރޭ ފުރަތަމަ ގްލެކްސީ އެޖް 7 އެވެ. މި ފޯނަށް ސެމްސަންގްއިން ދީފައިވާ ނަމަކީ ސެމްސަންގް ގެލެކްސީ އެސް7 އެޖް އިންޖަސްޓިސް އެޑިޝަންއެވެ. މިފޯން ޑިޒައިން ކުރެވިފައިވަނީ މެޓް ބްލެކް ކުލައިންނާއި ރަން ކުލައިންނެވެ. މި ފޯން ނެރުނީ ބެޓްމޭން އިންޖަސްޓިސް ސީރީސްއަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައިއެެވެ. އެގޮތުން މި ފޯނު ޑިޒައިންކޮށް ނެރުމަށްޓަކައި ވާރނާ ބޮރޯސް އާއި ސެމްސަންގާ ދެމެދު ވަނީ ކޮންޓްރެކްޓެއް ހެދި ސޮއި ކޮށްފަ އެވެ.

މި ފޯނާއި އެއްކޮށް ބެޓްމޭން ތީމްއިން ޑިޒައިން ކޮށްފައިވާ ސެމްސަންގް ކިޓެއްވެސް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ސެމްސަންގް ވިޝުއަލް ރިއެލިޓީ ގިއާ ހެޑްސެޓެއްގެ އިތުރުން އަސްލު ރަނުން ހެދިފައިވާ ބެޓްމޭން ލޯގޯއެއް ނުވަތަ ބެޓްރިންގްއެއްވެސް ލިބޭނެ ކަމަށް ސެމްސަންގްއިން ވަނީ އިއުލާންކޮށްފައެވެ. އަދި އެއާއެކު ބެޓްމޭން ރަބާ ފޯނު ކަވާއެއްވެސް މި ފޯނާއި އެކު ލިބިގެންދާނެއެވެ.

މި ފޯނުގެ ބޭރުގައި ވާ ޑިޒައިންނާ އެއްގޮތަށް މި ފޯނުގެ އިންޓީރިއާވެސް ޑިޒައިން ކުރެވިފައިވާނީ ބެޓްމޭންގެ ތީމް ބޭނުންކޮށްގެންނެވެ. އަދި މި ފޯން ގަންނަ އިރުވެސް މި ފޯނުގައި ބެޓްމޭން އިންޖަސްޓިސް ގޭމް އިންސްޓޯލް ކޮށްފައި ހުންނާނެ އެވެ.

މި ފޯނު ބާޒަރަށް ނެރެން ހަމަޖެހިފައިވަނީ އަންނަ މަހުގެ ކުރީކޮޅުގައި ކަމަށް ސެމްސަންގްއިން ވަނީ ބުނެފައެވެ. ނަމަވެސް މި އާއެކު ސެމްސަންގްއިން ވަނީ ހިތާމަވެރި ހަބަރެއްވެސް ދީފައެވެ. މި ފޯނަކީ ލިމިޓެޑް އިޑިޝަނެއްކަން ސެމްސަންގްއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން މި ފޯނު އޮފިޝަލީ ވިއްކުމަށް ހަމަޖެހިފައިވަނީ ޗައިނާ، ސިންގަޕޫރު، ކޮރެއާ، ލެޓިން އެމެރިކާގެ އިތުރުން ރަޝިޔާގައިއެވެ. އަދި ސެމްސްންގްއިން ޕްރި އޯޑާ ނަގަން ފެށިކަން އިއުލާން ކޮށްފައެއް ނުވެއެވެ.

ސެމްސަންގްއިން މި ފޯނު ނެރެން އުޅޭކަން އިއުލާން ކުރުމާ އެކު ގިނަބަޔަކު ދަނީ މި ފޯނު ގަތުމަށް ޝައުގުވެރިކަން ފާޅުކުރަމުންނެނެވެ. އަދި ޕްރީ އޯޑާ އިއުލާން ކުރަން ފަށާ ތާރީހަކަށް ގިނަ ބަޔަކު ވަނީ ކެތްމަދުވެފައެވެ.