މާލޭ ސިޓީ

މާލޭ ބޭރު ތޮށިގަނޑު ބަދަލުކުރީ ގެއްލުންނުވާ ގޮތަށް: މިނިސްޓްރީ

  • ތޮށިގަނޑު ވަނީ ބޭރަށް ޖައްސާފައި
  • އެ މަސައްކަތްކުރީ ތަޖުރިބާކާރުން
  • ތޮށިގަނޑުގެ ޑިޒައިން ބަދަލެއް ނުކުރޭ

ޖަޕާނު ސަރުކާރުން މާލެ ވަށައި ލީ ކަނޑު ތޮއްޓަށް ބަދަލު ގެނެސްފައިވަނީ އެ ތޮށިލާން ހަދާފައިވާ ދިރާސާއަށް ބެލުމަށްފަހު ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ. މި ދިރާސާ ހަދާފައިވަނީ، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖޭއައިސީއޭ) އިންނެވެ.

މިނިސްޓްރީން މިހެން ބުނެފައި މިވަނީ ރަސްފަންނާއި ސިނާއީ އަވަށް އެޅުމަށް މާލޭގެ ބޭރު ތޮއްޓަށް ބަދަލުތަކެއް ގެނެސްފައިވާތީ އެކަމުގެ ސަބަބުން މާލެއަށް ގެއްލުންތަކެއްވެ، މާލެ ރައްކާތެރި ނުކުރެވިދާނެ ކަމަށް ބުނެ ވާހަކަތަކެއް ފެތުރެމުން ދަނިކޮށެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވިދާޅުވެފައިވަނީ، ރަސްފަންނާއި ސިނާއީ އަވަށް އެޅުމަށް މާލޭ ބޭރު ތޮއްޓަށް ބަދަލު ގެނެސްފައިވަނީ އެކަމަށް ރާއްޖޭގައި ތިބި އެންމެ ތަޖުރިބާކާރު ފަރާތްތައް ކަމަށާއި، އެކަން ކޮށްފައިވަނީ ޖޭއައިސީއޭއިން ހަދާފައިވާ ދިރާސާތަކަށް ބެލުމަށްފަހު ކަމަށެވެ.

މުއްތޮލިބު ވިދާޅުވީ، ރަސްފަންނާއި ސިނާއީ އަވަށް އެޅުމަށް ބޭރު ތޮއްޓަށް ބަދަލު ގެނެސްފައިވީ ނަމަވެސް ޗެނަލް ޑިޒައިނަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމަށެވެ. އެ ސަރަހައްދުގައި ގެރިގަލުން ހަދާފައިވާ ބޭރު ތޮށިގަނޑު ކުރިން އޮތް ވަރަށްވުރެ މިހާރު ވަނީ ބޭރަށް ޖައްސާފަ އެވެ. އަދި ކުރިއަށްވުރެ އެ ތޮށިގަނޑު މިހާރު ވަރުގަދަވާނެ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.

ތޮށިގަނޑު ޑިޒައިންކޮށްފައިވަނީ އެންމެ ގޯސް މޫސުމަށް ވެސް ވިސްނައިގެން ކަމަށާއި މިފަހުން ރާއްޖޭގެ މޫސުން ގޯސްވެގެން ދިޔައިރު ވެސް ކޯސްޓަލް ޕްރޮޓެކްޝަނަށް އެއްވެސް ގެއްލުމެއްވެފައި ނެތް ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.