ރިޕޯޓް

އީ-ވޯޓިންގެ ހޫނު ބަހުސް: ރާއްޖެއަށް ހެޔޮވަރުގެ ނިޒާމެއްތަ؟

  • އީވޯޓިން އާ މެދު މުޅި ދުނިޔޭގައިވެސް ފުޅާބަހުސްތައް ކުރެވޭ
  • އީވޯޓިން ތައާރަފް ކުރަން މީގެ ކުރިންވެސް މަސައްކަތްކޮށްފައިވޭ
  • ހުރިހާ ވެސް މައްސަލައަކީ މުއައްސަސާތަކަށް އިތުބާރުނެތުން

ކުރިއަށް އޮތް އިންތިހާބުތަކުގައި އީ-ވޯޓިން ބޭނުން ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާ އެކު ސިޔާސީ އުދާސްގަނޑެއް މި ވަނީ އަނެއްކާ ވެސް ބޯމަތިވެފަ އެވެ. އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އިން އެ ނިޒާމަށް ފާޅުގައި ދެކޮޅު ހަދައި މިހާރު ވެސް އިހުތިޖާޖު ފަށައިފި އެވެ. އެ މީހުން ބުނަނީ، ރާއްޖޭގެ ހާލަތު އޮތް ގޮތުން އީވޯޓިން ނިޒާމެއް ގެނެސް ވޯޓުލާ ނިޒާމު އެއްފުށް މި ފުށަށް ޖެހުމަކީ މިވަގުތަށް ކޮންމެހެން ބޭނުން ކަމެއް ނޫން ކަމަށެވެ. އީވޯޓިން އަކީ މިނިވަން އިންތިހާބަކަށް އޮތް ބޮޑު ހުރަހެއް ކަމަށް އެ ޕާޓީ އިން އެ ވަނީ ދުރާލައި ގަބޫލުކޮށްފަ އެވެ. ތަފާތު އެކި ހިޔާލުތައް އީވޯޓިން އާ މެދު ރާއްޖޭގައި ވެސް ފެންމަތިވެ މި ދުވަސްވަރުގެ އެންމެ ބޮޑު އަދި ހޫނު ބަހުސަކަށް މި އޮތީ ބަދަލުވެފަ އެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން އީވޯޓިންއާ މެދު ކުރާ އުންމީދުތައް ވަކި ކުޑައެއް ނޫނެވެ.

މުޅި ދުނިޔޭގައި ވެސް އިވޯޓިންގެ ނިޒާމާ މެދު އަބަދުވެސް ބަހުސް ހިނގަ އެވެ. ރާއްޖޭގައިވެސް ފެންމަތިވެ ހިނގައިގަނެގެން މި އުޅެނީ ހަމަ އެފަދަ ބަހުސްތަކެވެ. ސުވާލަކީ ރާއްޖެއަށް މި ނިޒާމު ފެތޭ ހެއްޔެވެ؟ ނޫނީ މިކަމެއް ތައާރަފް ކުރަން ވަގުތު އެބަ އޮތް ހެއްޔެވެ؟ އީވޯޓިން އަށް އިތުބާރު އުފައްދިދާނެ ހެއްޔެވެ؟ މީގެ ސަބަބުން ޝަކުވާތައް ކިހާ ވަރަކަށް މަދުކޮށްދޭނެ ހެއްޔެވެ؟

ދުނިޔޭގައި އީވޯޓިންގެ ހާލަތު

އީވޯޓިންގެ ނިޒާމަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެސް އަދި ތަޖުރިބާ ކުރަމުން އަންނަ ނިޒާމެކެވެ. ވޯޓްލުމުގައި އިލެކްޓްރޯނިކް އާލާތްތައް ބޭނުންކޮށް މުޅިން އޮޓޮމައިޒްކޮށްގެން އިލެކްޝަންސްތައް ކުރިއަށް ގެންދިޔުމުގައި އެންމެ ބޮޑު ނަމޫނާއެއް އޮތީ އަވަށްޓެރި އިންޑިއާގަ އެވެ. އެ ގައުމުގައި އީ ވޯޓިން ބޭނުން ކުރުމުގެ ފުރަތަމަ ތަޖުރިބާ ކޮށްފައި ވަނީ އެ ގައުމުގެ ކެރެލާ ސްޓޭޓްގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބެއްގައި 1982 ގަ އެވެ. އެއަށް ފަހު އެކި އިންތިހާބު ތަކުގައި ޕައިލެޓް ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންގޮސް މުޅި ނިޒާމް އީވޯޓިން އަށް ބަދަލުކޮށްލީ 2003 ވަނަ އަަހަރުން ފެށިގެންނެވެ. އިންޑިއާގައި ވޯޓުލުމަށް ބޭނުން ކުރަނީ އެ ގައުމުން ތައްޔާރުކޮށްފައިވާ ބަޓަންތަކެއް ލީ މެޝިނެކެވެ. އިންތިހާބުގައި ވާދަކުރާ ކޮންމެ ކެންޑިޑޭޓެއްގެ ނަން ޖަހާފައި ވަކި ބަޓަނެއް އެ މެޝިންގައި ހުރެ އެވެ. އެ މީހަކު ވޯޓުލުމަށް ބޭނުްވާ ކެންޑިޑޭޓެއްގެ ނަން އޮތް ބަޓަނަށް އޮއްބާލުމުން ވޯޓުލެވުނީ އެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުގައި ވަރަށް ފުޅާކޮށް އީވޯޓިން ބޭނުން ކުރި ނަމަވެސް، އެމެރިކާ ފަދަ ގައުމުތަކުގައި މެނުއަލްކޮށް ވޯޓު ގުނަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭ ގޮތަށް މުޅި ނިޒާމް އޮންނަނީ ބައްޓަންކޮށްފަ އެވެ. އެއީ އެ ގައުމުތަކުގައި ބޭނުން ކުރާ ނިޒާމަކީ ވޯޓު ކަރުދާސް ޖެނެރޭޓް ކުރާ މެޝިންތަކެއްގެ އެހީގައި ހާއްސަ ވޯޓު ކަރުދާސްކޮޅެއް ޖެނެރޭޓްކޮށް ވޯޓްލާ ފޮއްޓަކުން އެ ވޯޓުތައް ގުނަމުން ދިޔުމެވެ. އަދި ޔޫރަޕްގެ ބައެއް ގައުމުތަކުގައި އީވޯޓިން އަދިވެސް ބޭނުން ކުރަނީ، ހަމައެކަނި އެ ގައުމުތަކުގެ ލޯކަލް އިންތިހާބުތަކުގަ އެވެ.

ނެދަލެންޑްސް ފަދަ ގައުމުތަކުގައި އީވޯޓިން ތަކުގައި ބޮޑެތި މައްސަލަ ޖެހި ތަހުގީގުތައް ހިނގައި މައްސަލަ ކޯޓާ ހިސާބުން ނިންމަން ޖެހިފައިވެ އެވެ. އެ ނިޒާމުގެ ރައްކާތެރި ކަމާއި ދެ ފުށް ފެންނަ ގޮތެއްގައި އީވޯޓިން ނިޒާމް ކުރިއަށް ގެންދިޔުމާ މެދު ބޮޑެތި ބަހުސްތައް ދުނިޔޭގެ ބައެއް ގައުމުތަކުގައި އަދިވެސް އެބަ އޮތެވެ. އެހެން ނަމަވެސް އެ ހުރިހާ ބަހުސްތަކަކާ އެކުވެސް ދުނިޔޭގެ އެކި ގައުމުތައް އީވޯޓިންގެ ނިޒާމެއްގެ ތެރެއަށް އަންނަނީ ބަދަލުވަމުންނެވެ. ފިލިޕީންސް ފަދަ ގައުމުތަކުން 160 މިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓަކާ އެކު އީވޯޓިންގެ ނިޒާމެއްގެ ތެރެއަށް ބަދަލުވެ، 2010 ވަނަ އަހަރުން ފެށިގެން އެ ގައުމުގައި އެ ނިޒާމް ކާމިޔާު ކަމާ އެކު ބޭނުން ކުރެ އެވެ.

އީ-ވޯޓިން؛ ރާއްޖެއަށް އާ ވާހަކައެއް ނޫން

އީވޯޓިން ތައާރަފް ކުރުމުގެ ވާހަކަތައް ރާއްޖެއަށް ވެސް އަލެއް ނޫނެވެ. އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނާ އެކުހެން އެވާހަކަތައް ދެކެވެ އެވެ. ވޯޓަށް އޮޅުވާލުމާއި ވޯޓާޒް ރަޖިސްޓްރީ ސައްހަ ނުވުމުގެ މައްސަލަ އާއި އެކަކު އެތައް ފަހަރަކު ވޯޓު ލުމަކީ ރާއްޖޭގެ އިންތިހާބުތަކުގައި ކުރިމަތިވާ ބޮޑެތި ޝަކުވާތަކެވެ. މި ހުރިހާ ކަމަކާ ހުރެ 2008 ވަނަ އަހަރުން ފެށިގެން ގޮސް އިލެކްޝަންސް ކޮމިޝަން އޮންނަނީ އިންތިހާބުތަކާ އެކު ހޫނު ފެނަށް ވެއްޓިފަ އެވެ. އެކަމަށް ހައްލެއް ހޯދަން އީވޯޓިންގެ ނިޒާމަކަށް ދިޔުމަށް ވިސްނާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އެކި ފަހަރު ހާމަކޮށްފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ، އީވޯޓިން ރާއްޖެއަށް ތައާރަފް ކުރުމަށް މަސައްކަތް ނުކުރާ އިލެކްޝަންސް ކޮމިޝަނެއް ނެތް ކަމަށެވެ. އަދި އެ މަސައްކަތްތައް އެންމެ ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސްފައި ވަނީ އިލެކްޝަންސް ކޮމިޝަނަރަކަށް، ފުއާދު ތައުފީގް ހުންނެވި ދުވަސްވަރުގައި ކަމަށް އަކުރަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ދުވަސްވަރު އީވޯޓިންއާ ގުޅޭ ބައެއް ކަހަލަ އެމްއޯޔޫތަކުގައި ވެސް ސޮއިކޮށްފައި އެބަ ހުއްޓެވެ. އަދި އޭގެން ކުރިން އޮތް އިންތިގާލީ އިލެކްޝަންސް ކޮމިޝަނާއި އެހެން ބައެއް ކޮމިޝަންތަކުން ވެސް ރާއްޖެއަށް އީވޯޓުން ގެނައުމަށް ދިރާސާކޮށް މަސައްކަތް ކޮށްފައި އެބަހުރި ކަމަށް އަކުރަމް ވިދާޅުވި އެވެ. އަދި 2013 ވަނަ އަހަރު ރާއްޖެއަށް އިވޯޓިން ތައާރަފް ކުރުމަށް ހުދު ކޮމިޝަނުން އެކަން އިއުލާންކޮށް އެކަމަށް މަސައްކަތް ކުރި ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން އަލަށް ކުއްލިއަކަށް ފަށައިގަތް ކަމެއް ނޫން. މީގެ ކުރިން އެތައް ބަޔަކު އިލެކްޝަންސް ކޮމިޝަންގައި ތިއްބެވި އިރު މި މަސައްކަތް ފަށައިގަތީ. އަޅުގަނޑުމެން ވެސް ކުރީގެ ކޮމިޝަންތައް ހިނގި މަގުން މި ހިނގަނީ. އަޅުގަނޑުމެން ގަބޫލު މި ކުރަނީ ރާއްޖެއަށް ފައިދާ ނުކުރާ ނަމަ އެބޭފުޅުން ވެސް ދިރާސާތައް ކޮށް އެކަމަށް އެމްއޯޔޫތައް ހައްދަވައި އެ މަސައްކަތެއް ނުކުރައްވާނޭ. އަނެއްކާ އީވޯޓިން ތައާރަފް ކުރުމަށް ކުރާ މަސައްކަތް ފުރަތަމަ އިއުލާން ކުރެއްވީ ވެސް މިދިޔަ ކޮމިޝަނުން،" އަކުރަމް ވިދާޅުވި އެވެ.

އެހެން ވީމާ، އީވޯޓިންގެ ވާހަކަ ރާއްޖެއަށް އަލެއް ވެސް ނޫނެވެ. އެކަމަށް ހުރީ މަސައްކަތްތަކެއް ވެސް ފަށައިގަނެވިފަ އެވެ. އެކަމަކު އީވޯޓިން ގެ ބަހުސް އެންމެ ހޫނު ގަދަ އަދި އަރައިރުން އެންމެ ބޮޑު ބަހުސަކަށް ބަދަލުވެގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟

އެންމެ ބޮޑު މައްސަލައަކީ އިތުބާރު

ޒަމާނުއްސުރެ އިލެކްޝަންސް ކޮމިޝަނާ މެދުވެސް އެކި ގޮތްގޮތުން ކުރާ ޝައްކުތަކާއި ތުހުމަތުތައް ވަރަށް ވެސް ގިނަ އެވެ. ވޯޓާޒް ރަޖިސްޓްރީ އޮޅުވާލުމާއި އެކި ނަންމުގައި އޮޅުވާލައިގެން ވޯޓުލައިގެން ވޯޓަށް ވައްކަން ކުރުމުގެ ސަގާފަތެއް އޮތްކަމަށް ގަބޫލު ކުރާ މީހުން އަދިވެސް ގިނަ އެވެ. ރާއްޖޭގެ އިންތިހާބުތަކުގައި ޒަމާނުއްސުރެ ހުރި ޝަކުވާތަކުގެ އަސްލަކީ ރާއްޖޭގައި އޮތް މުޅި ނިޒާމު ކަމަށް ގަބޫލު ކުރާ ހިސާބަށް އެ ޝަކުވާތަކުގެ ލިސްޓް މި އޮތީ ދެމިގެން ގޮސްފަ އެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން އީވޯޓިންގެ ވާހަކަ އެކުވެ މި އޮތީ ގުޅިލާމެހިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު، އީވޯޓިންއާ ގުޅޭ ގޮތުން ވިދާޅުވެފައި ވަނީ، މުޅި ނިޒާމަށް ރައްޔިތުންގެ އިތުބާރު ގާއިމް ނުކުރެވޭ ނަމަ އީވޯޓިން ތައާރަފް ކުރުމަކީ، މައްސަލަތަކުގެ ހައްލެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިހާރު މި އޮތް ނިޒާމަށް ރައްޔިތުން ކުރާ ކުޑަ ނަމަވެސް އިތުބާރު އެކީ ގެއްލިގެން ދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. މުޅި ނިޒާމަށް ރައްޔިތުންގެ އިތުބާރު ނުހޯދެނިސް އެކަން ކޮށްފި ނަމަ، އިންތިހާބީ ނިޒާމު ބޮޑު މައްސަލަގަނޑަަކަށް ވެއްޓިދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެހެން ކަމުން މިއީ އެކަމަށް އޮތް ދަނޑިވަޅު ނޫން ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

އީވޯޓިންގެ ނިޒާމަކާ އެކު ބާއްވާ އިންތިހާބެއް ގަބޫލު ނުކުރާނެކަން އެމްޑީޕީ އިން މިހާރު ވަނީ ބައިނަލްއަގުވާމީ ފަރާތްތަކަށް ވެސް އަންގައިފަ އެވެ. އަދި އެކަމާ ދެކޮޅަށް މަސައްކަތް ފަށަން އެމްޑީޕީގެ ސައްލާ މަޖިލީހުން ބޮޑު ގަރާރެއް ވެސް ނެރެފައިވެ އެވެ. އެ ޕާޓީއިން ތުހުމަތު ކުރާ ގޮތުގައި މިއީ ވޯޓުން ވައްކަން ކުރުމުގެ އާ ވައްތަރެކެވެ. އެ ޕާޓީގެ އެންމެ މުހިންމު ކަންބޮޑުވުމަކީ ވެސް އިތުބާރު ނުކުރެވުމެވެ. އެ ޕާޓީ އަށް އެކަން ގަބޫލު ކުރަން އުނދަގޫވެގެން އުޅެނީ އެހެންވެ އެވެ.

އެމްޑީޕީގެ ސައްލާ މަޖިލީހުގައި ވާހަކަދައްކަވަމުން، ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލް ހަސަން ލަތީފު ވިދާޅުވަނީ، މިހާރު އޮތް ނިޒާމަށް ރައްޔިތުންގެ އިތުބާރާއި ބޭރުގެ ފަރާތްތަކުގެ އިތުބާރު އެބަ އޮތް ކަމަށެވެ. އަދި ކުދިކުދި މައްސަލަތައް ކުރިމަތިވި ނަމަވެސް އެ ނިޒާމަކީ އެތައް ފަހަރަކު ޓެސްޓްކޮށް އެއަށް އިތުބާރު އޮތް ނިޒާމެއް ކަމަށެވެ. އަދި އެ ނިޒާމް އޮތްގޮތަށް އޮއްވައި އަނެއްކާ އެހެން ނިޒާމެއް އަވަސް އަރުވާލައިގެން ގެންނަން އުޅުމަކީ އެއްގޮތަކަށް ވެސް ހެޔޮވާވަރު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މުއައްސަސާތަކަށް އިތުބާރު ކުރެވޭނެ ވެއްޓެއް ނެތި މުޅިން ބީރަށްޓެހި ނިޒާމެއް ތައާރަފް ކުރުމަކީ ގަބޫލު ކުރަން ދަތިކަމެއް ކަމަށް ވެސް ވަކީލް ދެކެވަޑައިގަންނަވަ އެވެ.

"ތިން ލައްކަ މީހުންގެ އާބާދީއެއްގައި ވޯޓު ގުނާކަށް އީވޯޓިން ބޭނުމެއް ނުވޭ. މިހާރު އޮތް ނިޒާމު ދޫކޮށްލާފައި އީވޯޓިންނަށް ދާންޖެހޭ ސަބަބެއް އަޅުގަނޑުމެންނަކަށް ނުފެނޭ. ދުނިޔޭގެ ގައުމުތަކުގައި މި ނިޒާމް ގެންގުޅެނީ އާބާދީ ބޮޑުވީމާ އަވަހަށް ނަތީޖާއެއް ނެރުމަށް. ރާއްޖޭގައި މިހާރު މިގެންދާ ނިޒާމުގައި އެ މައްސަލައެއް ނާދޭ. އެހާމެ އަވަހަށް ނަތީޖާ އާދޭ،" ހަސަން ވިދާޅުވި އެވެ. "މިކަމުގައި ވަރަށް ވިސްނުންތެރިކަމާއެކު، އިންތިހާބުތަކުގައި ލިބިފައިވާ ހިތި ތަޖުރިބާގެ އަލީގައި ވަރަށް ރަނގަޅަށް ނިންމަންޖެހޭ، ބޮނޑިއެއްދޭން ރާވާ މަޅީގައި އަޅުގަނޑުމެން ޖެހިގެން ނުވާނެ."

މިއީ އެމްޑީޕީގެ ވިސްނުން މައްސަލައިގައި އޮތް ގޮތެވެ. އެ ޕާޓީއަށް އީވޯޓް ތައާރަފް ކުރުން ތަސައްރަފު ކުރެވެނީ އެ ޕާޓީއަށް ދޭން އުޅޭ ބޮޑު ބޮޑިއެއްގެ ގޮތުގަ އެވެ. އެ ޕާޓީ މަޅިއަކަށް މަހާލުމަށް ޖަހާ ދަންތުރައެއްގެ ގޮތުގަ އެވެ.

އީ-ވޯޓިންއަށް އިތުބާރު އުފެއްދިދާނެތަ؟

އީވޯޓިންގެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަން ކިތަންމެ ރަނގަޅަކަށް ވެސް މި ވަނީ ހޫނު ފެނަށް ވެއްޓިފަ އެވެ. ބޭރުގެ ޖަމާއަތްތަކާ އެކުވެސް އިލެކްޝަންސް އިން ބައްވާ ބައްދަލުވުންތަކުގައި ވެސް މައިގަނޑު މައުލޫމާއަކީ އެ އެވެ. އެންމެ ފަހުން އީޔޫގެ ގައުމުތަކާ އެކު އިލެކްޝަންސް އިން ބޭއްވި ބައްދަލުވުމުގައި ވެސް، ކޮމިޝަނުން ވަނީ ރައްޔިތުންގެ އިތުބާރު ނެތް ނަމަ އީވޯޓިން ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. ސަރުކާރުގެ ފަރާތުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް އެ ޔަގީންކަން ދެއްވަ އެވެ. އަދި އެއީ ރައްޔިތުންގެ މައްޗަށް ގަދަ ބާރުން ތަންފީޒު ކުރާނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވެސް ވިދާޅުވެ އެވެ.

އަކްރަމް ވިދާޅުވީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އީވޯޓިން ބޭނުން ކުރާނީ ބައެއް ސަރަހައްދުތަކުގައި ޓެސްޓަކަށް ކަމަށެވެ. އަދި އެއީ ނަތީޖާ ނެރެން ބޭނުން ކުރާނެ ނިޒާމަކަށް ނުވާނެ ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޓެސްޓްތައް ކުރުމަށް އީވޯޓިން ބޫތްތައް ގާއިމް ކުރާ އިރު އެ ތަންތަނަށް ވޯޓު ލާންދާނީ އީވޯޓިން ބޭނުން ކުރަން މައްސަލައެއް ނޯންނަ ރައްޔިތުން ކަމަށެވެ. އަދި އެކަން ކުރަނީ ތަޖުރިބާގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަކުރަމް ވިދާޅުވީ ކުއްލިއަކަށް މުޅި ނިޒާމް އީވޯޓިން އަށް ބަދަލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި ރާއްޖޭގައި ބޭނުން ކުރާނެ އީވޯޓިންގެ ނިޒާމެއް ނުނިންމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީވޯޓިންއާ ގުޅޭ ހުރިހާ ނިންމުމެއް ނިންމާނީ ވެސް ކަމާ ގުޅޭ ހުރިހާ އިދާރާތަކާއި، ސިޔާސީ ޕާޓީތަކުގެ މަންދޫބުގެ ހިމެނޭ ގޮތަށް ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެ މީހުން ޝާމިލް ކޮށްގެން ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އީވޯޓިންގެ ސަބަބުން އެކަކު ދެފަހަރު ވޯޓުލުމާއި މަރުވެފައިވާ މީހުންގެ ނަމުގައި ވޯޓްލުމާއި ވޯޓާޒް ރަޖިސްޓްރީ ސައްހަ ކުރުމަށް ބޮޑު ބާރަކަށް ވާނެ އެވެ. އަދި އީވޯޓިން ތައާރަފް ކުރާނީ ބައިބަޔަށް ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.

"ކޮން ކަހަލަ ނިޒާމެއްތޯ ތައާރަފް ކުރާނީ. ކޮން ބަޔެއްގެ އަތުންތޯ އެ ގެންނާނީ. އޭގެން އެއްވެސް އެއްޗެއް އަދި އަޅުގަނޑުމެން ނުވެސް ނިންމަން. މި އުޅެނީ ޕްލޭނިން ސްޓޭޖްގައި. އެކަމުގައި އަޅުގަނޑުމެން ލަފާ މި ހޯދަނީ ދުނިޔޭގެ އިލެކްޝަންސް ކޮމިޝަންގެ މައި ޖަމްއިއއްޔާ އިން. އިތުބާރު ހިފޭ ފަރާތްތަކުގެ ކިބައިން. އަޅުގަނޑުމެން ގެންނަ މެޝިން ވެސް ޕާޓީތަކުގެ އިންތިހާބުތަކުގައި ބޭނުން ކުރަން ފުރަތަމަ ދޭނީ. އެއަށް ފަހު ޕަޓީތަކުގެ މަންދޫބުންނަށް އެ މެޝިނެއް ޓެސްޓް ކުރުމުގެ ފުރުސަތު ވެސް ދެވޭނެ. އަދި އެންމެ ފުރަތަމަ އަޅުގަނޑުމެން މި ނިޒާމް ތަޖުރިބާކޮށްލަން ވަކި ރަށްތަކެއްގައި ބަހައްޓާނީ ވެސް. މިއީ އަޅުގަނޑުމެން ކުއްލިއަކަށް ކުރަން އުޅޭ ކަމެއް ނޫން،" އަކުރަމް ވިދާޅުވި އެވެ.

އެހެން ވީމާ، އިލެކްޝަންސް ކޮމިޝަނުން މި ނިޒާމާ މެދު ދެކެނީ ވަރަށް އުންމީދީކޮށެވެ. އެހެން ނަމަވެސް އަދި ނިމުނީއެއް ނޫނެވެ. މުޅި ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޭނުންވެ އެވެ. ސިޔާސީ ޕާޓީތަކުގެ އިތުބާރު ވެސް ބޭނުންވެ އެވެ. އެހެން ނޫނީ އީވޯޓިންގެ ނިޒާމުން ނިކުންނާނެ ހެޔޮ ނަތީޖާއެއް ނެތެވެ. އީވޯޓިން ނިޒާމުގެ ކުރިން ހޯދަން ޖެހެނީ ރައްޔިތުންގެ އިތުބާރެވެ. ނިޒާމަށް ރައްޔިތުންގެ ހޭލުންތެރި ކަމެވެ. ނިޒާމު ރާއްޖެއަށް ހެޔޮވަރުކަން ނުވަތަ ނޫންކަން ނިންމާނީ ރައްޔިތުންނެވެ.