އެސްޓީއޯ

އެސްޓީއޯއިން ހާބަރު ކަޑަތައް ތަޅާލައި ފެންސް ޖަހައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފުޑް ކޯޓްތައް ތަރައްގީ ކުރުމަށް ހާބަރު ކަޑަތައް ތަޅައި ސާފު ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފި އެވެ.

އެސްޓީއޯގެ ޖެނަރަލް މެނޭޖާ މުސްލިހް މަސީހް މިއަދު ވިދާޅުވީ ހައުސިން މިނިސްޓްރީއާއެކު އެއްބަސްވެފައިވާ ގޮތަށް ކަޑަތައް ތެޅުމާއި އެސަރަހައްދު ހުސްކޮށް ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ހަތަރު އޭރިއާ އަކަށް ބަހާލައިގެން މަސައްކަތް ކުރަމުންދާ އިރު ތިން އޭރިއާއެއް އެކީ ތަޅާ ސާފުކޮށްލެވިފައިވާ ކަމަށާއި ހަތަރު ވަނަ އޭރިއާގައި ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިހާރު ތިން ޒޯނު އެކީ ސާފުކޮށް މީހުންގެ ރައްކާތެރިކަމަށްޓަކައި ފެންސުވެސް ޖަހާފައި ހުންނާނީ. ނަމަވެސް ފަހުޒޯން އަދި ނުނިމޭ އެތަނުގައި ބައެއް މަސައްކަތް ހުރުމާއި އެކު ޓީ ޖެޓީ ފަޅީގައި އަދި އެކީ ފެންސެއް ނުޖަހައި ހުރީ. ނަމަވެސް ސައިޓް ކްލިއާ ކުރުމުގެ ބޮޑު ބައި މިހާރު ވަނީ ނިމިފައި،" މުސްލިހު ވިދާޅުވި އެވެ.

ފުޑް ކޯޓު އަޅައި ސަރަަހައްދުގެ ބޮޑުމިނުގައި ގާތްގަނޑަކަށް 30،000 އަކަފޫޓް ހުރެއެވެ. ކުރިން 40 ހަކަށް ހާބަރު ކަޑަތައް ހުންނަ އިރު އެތަން ފުޑް ކޯޓައް ބަދަލުވުމުން ހުންނާނީ 27 ތަނެވެ. ހައުސިން މިނިސްޓްރީ އިން ބުނެފައި ވަނީ އެތަން އިތުރަށް ސާފުތާހިރުވެ ހިއްފަސޭހަ ތަނަކަށް ވެގެންދާނެ ކަމަށެވެ.

ހާބަރުކަޑަތައް ތަރައްގީ ކުރަން އެސްޓީއޯއާ ހަވާލުކޮށްފައިވާ އިރު އެ މަސައްކަތް ކުރަނީ އެކުންފުނީގެ ހަރަދުގައެވެ. ނަމަވެސް އެ މަޝްރޫއަށް އިންވެސްޓު ކުރަނީ ކިހާވަރެއް ކަމެއް އަދި ބުނެފައެއް ނުވެއެވެ.