އިސްލާމީ މަރުކަޒު

ރޯދައިގެ ކުރިން މާބުލް ޖަހައި ނިންމަން މަސައްކަތް ކުރާނަން: މުއިއްޒު

އިސްލާމީ މަރުކަޒުގެ ބޭރުގައި މާބުލް ޖެހުމުގެ މަސައްކަތް ރޯދަ މަސް ފެށުމުގެ ކުރިން ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޯދަ މަސް ފެށެން ނުވަ ދުވަހަށް ވެފައިވާއިރު މާބުލް ޖެހުމަށް ހައުސިން މިނިސްޓްރީ އިން ވަނީ އިސްލާމީ މަރުކަޒު ބޭރުގެ ބޮޑު ބައެއް ބަންދުކޮށް، ވަށައިގެން އޮތް ތަޅުންގަނޑު ވެސް ތަޅާލައިފައެވެ. އަދި ނޭޝަނަލް އާޓް ގެލަރީ ކުރިމަތީ މަގުގެ ގާތައް ވެސް ވަނީ ނަގާފަ އެވެ.

"އަވަސް"އާ ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދުވަސް ވަރު މޫސުން ގޯސްވުމުގެ ސަބަބުން އިސްލާމީ މަރުކަޒު ބޭރުގައި މާބަލް ޖެހުމުގެ މަސައްކަތަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި ނަމަވެސް މިހާރު މާބަލް ޖަހަން ފަށައިގެން ކުރިޔަށްދާ ކަމަށެވެ. މުއިއްޒު ވިދާޅުވީ މިނިސްޓްރީގެ ގިނަ މުވައްޒުފުންތަކެއް ބޭނުންކޮށްގެން މާބުލް ޖެހުމުގެ މަސައްކަތް ކުރަނީ ރޯދަ މަސް ފެށުމުގެ ކުރިން އެ މަސައްކަތް ނިންމުމަށް ކަމަށެވެ.

އިސްލާމީ މަރުކަޒުގެ ބޭރުގައި މާބްލް ޖަހައި ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެސަރަހައްދުގައި ނަމާދު ކުރާ ފަރާތްތަކަށް ހިޔާވާނެހެން މަސްޖިދުއް ނަބަވީގައި ހުންނަ ކަަހަލަ ކުޑަތަކެއް ޖަހުމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ނިންމައިފައެވެ.

އިސްލާމީ މަރުކަޒުގައި ޖާގަ ބޮޑުކޮށް މީހުންނަށް ނަމާދަށް އަރަން ފަސޭހަވާނެ ގޮތް ހެދުމަށް ހައުސިން މިނިސްޓަރީ އިން މީގެ ކުރިން ވަނީ އިސްލާމީ މަރުކަޒުގެ ބޭރު ފާރު ތަޅާލައި، މިސްކިތުގެ ބޭރުގައި ނަމާދުކުރެވޭ ގޮތަށް ހަދާ މަގު ބަންދުކޮށްފައެވެ. އަދި އެ ބަދަލުތަކުގެ ސަބަބުން އެއްފަހަރާ 20000 އަށް ވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފައިވެ އެވެ.