ވިޔަފާރި

ބީއެމްއެލް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އުވާލަނީ

May 28, 2016

ލޯނު ނުދައްކައިގެން ބީއެމްއެލްއަށް ނަގާ، ބައެއް މުދާތައް މެނޭޖް ކުރުމަށް ޓަކައި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އުފެއްދި "ބީއެމްއެލް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް" އުވާލަން ބޭންކުން ނިންމައި އެ މަސައްކަތް ފަށައިފި އެވެ.

ބީއެމްއެލް ޕްރޮޕަޓީޒް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ވެސް ބީއެމްއެލް އިން ވަނީ ހަމަ މިފަދަ ކުންފުންޏެއް އުފައްދައިފަ އެވެ. ބީއެމްއެލް އިން އެ ކުންފުނިތައް އުފެއްދީ، ބީއެމްއެލްއަށް ފައިސާ ނުދައްކާ އެންމެ ބޮޑެތި ލޯނުތަކުގެ ތެރޭގައި ހިމެނޭ، ފުނައްޑޫ އިންވެސްޓްމަންޓުން ނެގި ލޯނު ނުދައްކައިގެން ބޭންކަށް ނަގާފައިވާ ފުނައްޑޫ މަސްފެކްޓްރީ އާއި ރީތި ބީޗް އަދި މަހައްދޫ ރިސޯޓް ވިއްކާލުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށެވެ.

ބޭންކްގެ ވެބްސައިޓްގައި މިހާރު އާންމު ކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުގައި، ބީއެމްއެލް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ނަމުގައި ހުރި ހުރިހާ އެސެޓެއް މި އަހަރުގެ ތެރޭގައި ވަނީ ވިއްކާލައިފަ އެވެ. އެހެން ކަމުން އެ ކުންފުނި އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބޭންކުން ބުންޏެވެ. އެ ކުންފުނީގެ ނަމުގައި ހުރީ، ފުނައްޑޫ މަސްފެކްޓްރީ އާއި ރީތި ބީޗް އަދި މަހައްދޫ ރިސޯޓް އެވެ.

އެހެން ނަމަވެސް އަނެއް ކުންފުނި ކަމަށްވާ، ބީއެމްއެލް ޕްރޮޕަޓީޒް ޕްރައިވެޓް ލިމިޓެޑް އުވާލަން ނިންމާފައެއް ނުވެ އެވެ.

އެ ރިސޯޓްތައް ވިއްކާލުމުގެ ކަންކަން ކޮށްފައި ވަނީ، ސިންގަޕޫރުގެ ޖޯން ލޭންގް ލަސެލްސް(ޖޭއެލްއެލް) އެވެ.

އުވާލާ ބީއެމްއެލް އިންވެސްޓްމަންޓް ކުންފުނީގެ ހިއްސާދާރުންނަކީ، ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން އާއި ރިޓެއިލް ބޭންކިން ޑައިރެކްޓަރު މުހައްމަދު ޝަރީފް އެވެ.

މިދިޔަ އަހަރުގެ ތެރޭގައި އުފެއްދުންތެރި ނޫން ލޯނު ނޫނީ ނުދައްކާ ހުރި ލޯނުތަކުގެ ޖުމްލަ ހުރީ 2.1 ބިލިއަން ރުފިޔާގަ އެވެ. މިއީ 2014 ވަނަ
އަހަރާ އަޅާބަލާއިރު 19 ޕަސެންޓް ދަށް އަދަދެކެވެ. އަދި އުފެއްދުންތެރި ނޫން ލޯނުތަކުގެ ރޭޝިއޯ، ޖުމްލަ ލޯނާ އަޅާބަލާއިރު މިދިޔަ އަހަރު ވަނީ 13.20 ޕަސެންޓުން 1.14 ޕަސެންޓަށް ދަށްވެފަ އެވެ.