ޝަރުއީ ދާއިރާ

މާހަފަން މުޅި ޝަރުއީ ދާއިރާ އެއް ތަނަކަށް!

ރޯދައަށް ތައްޔާރުވުމުގެ ގޮތުން ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުން ގުޅިގެން "ފަނޑިޔާރުގޭ އެކުވި މާހެފުން"ގެ ނަމުގައި މާހެފުމެއް މިއަދު ބާއްވައިފި އެވެ. މި މާހެފުމަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އެދިލެއްވުމަކަށް ހުރިހާ ކޯޓުތަކުން ގުޅިގެން ބޭއްވި މާހެފުމެކެވެ. މިކަމަށް އުއްތަމަ ފަނޑިޔާރު އެދިލެއްވީ ފަނޑިޔާރުންގެ މަހާސިންތާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި އެވެ.

މާހެފުމުގެ އިތުރުން މިއަދު ތީމްގެ ތެރޭގައި ވަނީ ކުޑަކުދިންނަށް އެކިއެކި ކުޅިވަރުތައް ކުޅެވޭ ގޮތަށް ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވާފަ އެވެ. ހަވީރާއި މާހެފުން ފައްޓަވައިދެއްވީ، އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރެވެ. މި ހަރަކާތް ފެއްޓުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ޝަރުއީ ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް، އުއްތަމަ ފަނޑިޔާރުގެ އިސް ނަންގައިވެގެން ކުރައްވާ މަސައްކަތްޕުޅަށް ތައުރީފްކުރައްވާފަ އެވެ.

"މަނިކުފާނު ޝަރުއީ ދާއިރާ ހަރުދަނާ ކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ނަތީޖާ މިފެންނަނީ، ޖުޑިޝަރީ އާއި އިސްލާމިކް މިނިސްޓްރީއާ އޮންނަން ޖެހޭ ގާތް ގުޅުން ފެނިގެން މިދަނީ، އެކަމަށްޓަކައި ވަރަށް އިހުލާސްތެރިކަމާއެކު އެމަނިކުފާނަށް އަޅުގަނޑު ޝުކުރު ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ރޯދަ މަހު އަމަލުތައް ބަހައްޓަންވީ ގޮތްތައް ކިޔައިދީ، ބަރަކާތްތެރި ރޯދަ މަހުގެ ސަވާބު ހޯދުމަށް ގަދައަޅާ މަސައްކަތްކުރުމަށް ނަސޭހަތްތެރިވެފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް ވިދާޅުވީ، އުއްތަމަ ފަނޑިޔާރު މި މާހެފުން ބޭއްވުމަށް ގޮއްވާލެއްވުމާއެކު ކޯޓުތަކުގެ މުވައްޒަފުންނާއި ފަނޑިޔާރުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަ ކަމަށެވެ. އަދި ޝަރުއީ ދާއިރާގެ މުވައްޒަފުން ގުޅިގެން މިފަދަ ގިނަ ހަރަކާތްތައް ބޭއްވުމަކީ އުއްތަމަ ފަނޑިޔާރުގެ ވަރަށް ބޮޑު އެދިލެއްވުމެއް ކަމަށް ފަނޑިޔާރު އަރީފް ވިދާޅުވި އެވެ.

"މިފަދަ ބައްދަލުވުމެއް މިގޮތަށް ބޭއްވިގެން ދިޔުމުން އެނގެނީ އެއް އާއިލާއެއްގެ ގޮތުގައި ޖުޑިޝަރީގެ މުވައްޒަފުންނާއި ފަނޑިޔާރުންނަށް ގުޅިގެން މިފަދަ ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެވިދާނެކަން، އެހެންކަމުން މިފަދަ ހަރަކާތްތައް ރާވާ ހިންގުމުގައި ސުޕްރީމް ކޯޓުގެ ފަރާތުން ހުރިހާ އެއްބާރުލުމެއް ލިބިގެންދާނެ ކަމަށް ދަންނަވަން،" ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރުގެ އެދިލެއްވުމަކަށް ބޭއްވި މި މާހެފުމުގައި އުއްތަމަ ފަނޑިޔާރަށް ބައިވެރިވެވަޑައިގެންނެވޭ ގޮތެއް ނުވި އެވެ. އެމަނިކުފާނު މިހާރު ހުންނެވީ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވެ. މި މާހެފުމުގައި ދަށު ކޯޓުތަކާއި ހައިކޯޓު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިތުރުން ފަނޑިޔާރުންގެ އާއިލާތައް ބައިވެރިވި އެވެ. އަދި ކޯޓުތަކުގައި އެކި ފަންތީގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތައް ވެސް މި މާހެފުމުގައި ބައިވެރިވި އެވެ.

މިއީ މިފަދަ ގޮތަކަށް ޝަރުއީ ދާއިރާއިން ކުރިއަށް ގެންދިޔަ ފުރަތަމަ ހަރަކާތެވެ.