ހަބަރު

މަސްތުވެގެން ހުއްޓާ ހައްޔަރުކުރި މެޖިސްޓްރޭޓް ދޫކޮށްލަން ކޯޓުން އަމުރުކޮށްފި

May 29, 2016
1

މަސްތުވެގެން ހުރިކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރު ކުރި ގދ. ތިނަދޫ ކޯޓްގެ މެޖިސްޓްރޭޓް ދޫކޮށްލަން ހައިކޯޓުން އަމުރުކޮށްފި އެވެ.

އުމުރުން 38 އަހަރުގެ އިބްރާހިމް ރަޝީދު ހައްޔަރުކޮށްގެން މާލެ ގެނެސް މުއްދަތު ޖަހަން މިރޭ ހައިކޯޓަށް ހާޒިރު ކުރުމުން އެތައް ގަނޑިއިރަކަށް ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހަށް ފަހު ހައިކޯޓުން ވަނީ މެޖިސްޓްރޭޓް އިބްރާހިމް ދޫކޮށްލަން ފުލުހުންގެ މައްޗަށް އަމުރުކޮށްފަ އެވެ. އެގޮތަށް ހައިކޯޓުން އަމަރު ކުރީ އިބްރާހިމް އަކީ ގާޒީއަކަށް ވެފައި އޭނާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތް ގާނޫނީ އިޖުރާއަތްތަކާ ހިލާފުވެގެންނެވެ. މުއްދަތު މަޖިލިސްތައް އާންމުކޮށް ކުރިއަށް ގެންދަނީ ސިއްރުކޮށްގެން ކަމަށްވާތީ އެ ޝަރިީއަތުގެ ތަފްސީލްތަކެއް އަދި ނޭނގެ އެވެ.

ފުލުހުން ބުނެފައި ވަނީ މަސްތުވެގެން ހުރި ކަމުގެ ތުހުމަތުގައި މެޖިސްޓްރޭޓް ހައްޔަރުކޮށް އޭނާގެ ހަށިގަނޑު ފާސްކުރުމުގެ ތެރޭގައި އޭނާގެ ކައިރިން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ރަބަރު ޕެކެއްޓެއް ފެނިފައިވާ ކަމަށެވެ. އަދި ހައްޔަރު ކުރި އިރު އޭނާ ހުރީ މަސްތުވެގެން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުގައި ފަނޑިޔާރަކު ހައްޔަރު ކުރެވޭނީ، އޭނާ މަސައްކަތް ކުރާ ކޯޓަށް ވުރެ މަތީގެ ކޯޓެއްގެ އަމުރެއް ލިބިގެންނެވެ.