މަރު

އަރުހަމް މަރާލި މައްސަލާގައި ހުކުމް އިއްވުން ފަސްކޮށްފި

ކުއްލިއްޔަތުލް ދިރާސާތުލް އިސްމާމިއްޔާގެ އިރަށް އޮންނަ ލޮރެންރޯ ޕާކްތެރޭގައި ހުއްޓާ ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް، 16، މަރާލި މައްސަލާގައި ހުކުމް އިއްވުން ފަސްކޮށްފި އެވެ. އަރުހަމް މަރާލާފައިވަނީ 2012 ވަނަ އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހު އެވެ.

އަރުހަމް މަރާލި މައްސަލާގައި ދައުވާކޮށްފައިވަނީ ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާނު،19، އާއި މއ. ސީނަރީވިޔު އާތިފް ރަޝީދު، 21، ގެ އިތުރުން ލ. މާވަށް އެވާބްލޫ މުހައްމަދު ވިސާމް،19، އާއި ލ. މާވަށް އަސަރީގޭ މަންސޫރު ޔޫސުފް،25، އެވެ. މި މީހުންގެ ތެރެއިން އާތިފް ރަޝީދު ވަނީ ބަންދު ދޫކޮށްލާފަ އެވެ. އަނެއް ތިން މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. ހަތަރު މީހުންގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ އެވެ.

ސުފުޔާން، އާތިފު، މަންސޫރު އަދި ވިސާމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، 2012 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 އާއި ހެނދުނު 6:30 އާ ދެމެދުގެ ވަގުތެއްގައި ވިސާމާއި މަންސޫރު އަދި ސުފުޔާން ލޮރެންޒޯ ޕާކްތެރެއަށް ވަދެ އަރުހަމާ މެދު މާރާމާރީ ހިންގުމުން އޭނާ މަރުވެފައިވާ ކަމަށެވެ. އަދި އަރްހަމް މަރާލުމަށްފަހު އެ ތިން މީހުން އަދި އާތިފްއާ އެކު ސައިކަލްތަކުގައި ގޮސްފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.

މި މައްސަލާގެ އަޑުއެހުންތައް ނިންމާލާފައިވާތާ ގިނަ ދުވަސްތަކަކަށްފަހު ހުކުމް އިއްވުމަށް މިއަދު ބޭއްވި އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. ހުކުމް އިއްވުން ފަސްކުރީ އެއީ މަރުގެ މައސަލައެއް ކަމަށްވާތީ އިތުރަށް ދިރާސާ ކުރުމަށެވެ.

އަރުހަމް މަރާލާފައިވަނީ ދަރުމަވަންތަ ސްކޫލްގައި ގުރޭޑް ނުވައެއްގައި ކިޔަވަމުން ދަނިކޮށެވެ. ލޮރެންޒޯ ޕާކް ތެރޭގައި އޭނާ މަރާލާފައި އޮތްވާ ފެނުނީ ފުލުހަކަށެވެ. އަރުހަމް މަރާލާފައިވަނީ އެކިތަންތަނަށް ވަޅި ހަރައިގެންނެވެ.