ރިޕޯޓް

ކާނިވާ ކަޑަތަކުގެ ވެރިން ބޭނުންވަނީ ވިޔަފާރީގެ ބަދަލެއް!

May 31, 2016
12
  • ބަންދު ކުރަން ދިން ހަތަރު މަސް ކުޑަކަމަށް ދެކޭ
  • ވިޔަފާރިވެރިން ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވޭ
  • މިސްކިތް އަޅަން ޖެހޭނެ ކަމަށްވެސް ދެކޭ

ނަމުން "ކަޑައޭ" ކިޔަސް ބައެއް ދިވެހިންނަށް ކަޑަތައް އެހާ ކަޑައެއް ނޫނެވެ. ދައްކަން މިއުޅެނީ ކާނިވާ ސަރަހައްދާއި ކުރިން ހާބަރުގައި ހުރި ކެފޭ ރެސްޓޯރެންޓުތަކުގެ ވާހަކަ އެވެ. މި ތަންތަން ހުރީ އެންމެ އެކަށީގެންވާ ފެންވަރަކަށް ނުވެދާނެ އެވެ. ނަމަވެސް އެކުވެރިންނާއި އާއިލާ ގޮވައިގެން ހެނދުނުގެ ސަޔާއި ރޭގަނޑުގެ ނާސްތާއަށް، ގޮސް ދެބަނޑަށް ކާލަން މިތަން ކަޑައެއް ނޫނެވެ. ނަމަވެސް މިހާރު މިކަޑަތަކަށް މިވަނީ ތަފާތު މައްސަލައެއް ކުރިމަތިވެފަ އެވެ. މި ކަޑަތައް ނަގަން ހައުސިން މިނިސްޓީން މިވަނީ ހަތަރު މަހުގެ ނޯޓިސްއެއް ދީފަ އެވެ. މިއާއެކު ކަޑަތަކުގެ ވެރިންގެ ޝަކުވާ އޮހެން ފަށައިފި އެވެ.

"އެތައް މުވައްޒިފުންގެ ދިރިއުޅުމުގެ ވާހަކަ މި ދަކަނީ އެތައް ބަޔަކު އާމްދަނީ ހޯދާތަންމީ. މިހާރުވެސް މި ހުންނަނީ އިތުރު ގޮތެއް ނެތިފައި. އިންދަ ޖެހޭނެ މިކަން ހުއްޓާލަން ޖެހުނީމައި. އަދި މީގަ އެންމެ ނާއިންސާފު ކަމަކީ މުޅި މިތަން ހުސްކޮށް މުވައްޒިފުން ފޮނުވާލަން މި ދެނީ އެންމެ ހަތަރު މަސް،" ދޮން މަނިކް ސްކައިވިއޫގެ ޝެއާ ހޯލްޑަރެއް ކަމަށްވާ މުހައްމަދު އަފީފުގެ ޝަކުވާއަކީ މިއީ އެވެ.

ނަމަވެސް، ކަޑަތަކުގެ ފެންވަރު ރަނގަޅު ކުރުމާއި މާލޭގައި އަޅާ "ކިންގް ސަލްމާން" މިސްކިތް އަޅަން ސަރުކާރުން މިވަނީ އެތަން ހުސްކުރަން އަންގާފަ އެވެ. މިއާއެކު އެކަން ކުރުމުން ކަޑަ ތަކަށް ދާ އެންމެން ގޮސް ތޮއް ޖެހުނީ ކާނިވާ ސަރަހައްދުގައި ހުންނަ ކެފޭ ރެސްޓޫރަންޓު ތަކަށެވެ.

ކޮންމެ އަކަސް ކަޑަތަކުގެ ޒަމާން "ނިމުމަކަށް" އައިސް ތާހީރުގައި ލިޔެވެނީ އެވެ. ރަނގަޅު ނިޔަތެއްގައި ކުރި ނަމަވެސް އެއީ ދިވެހިންގެ ލެއާ ގުޅިފައި އޮންނަ ބޮޑު ކަމެކެވެ. އަދި އެތައް ބައެއްގެ ބުރަ މަސައްކަތަކަށް ވާއިރު ކާނިވާ ސަރަހައްދުގައި ކެފޭ ރެސްޓޯރެންޓު ހިނގައި މީހުންގެ ހިޔާލު ހޯދަން ކަޑަ އަކަށް އަރާލީމެވެ.

"އަވަސް" އާ ވާހަކަ ދެއްކި އަލިމަސް ކާނިވާ ސަރަހައްދުގައި ހުންނަ ދޮންމަނިކް ސްކައިވިއޫ އާއި، ޗިލެކްސް އަދި ކެފޭ 34 ގެ ވެރިން މިވަނީ ގިނަ ޝަކުވާތަކެއް ކޮށްފަ އެވެ. ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މި ކެފޭގެ އިތުރުން މަޝްހޫރު ޖިމް "ހެމާ" ގެ ވެރިޔާގެ ޝަކުވާ ވެސް ކުޑައެއް ނޫނެވެ.

ވިޔަފާރިވެރިންގެ ޝަކުވާ: މުއްދަތު ކުރުވުން

ކާނިވާ ސަރަހައްދުގައި ހުންނަ ކެފޭތަކުގެ ވެރިން ބުނާ ގޮތުގައި މި ކަން ސަރުކާރުން ރަނގަޅު ނިޔަތެއްގައި ކުރި ނަމަވެސް ކަޑަތައް ބަނދު ކުރާ އުސޫލު ކަމުނުދާ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކަށް އެމީހުން ފާހަގަ ކުރީ އެތައް އަހަރު ވަންދެން އަދި ބޮޑެތި އިންވެސްޓުތަކެއް ކުރި ތަންތަން ހުސް ކުރަން ހަތަރު މަސްދުވަހުގެ މުއްދަތެއް ދޭތީ އެވެ. މި ސަބަބާހުރެ އެމީހުން ބަދަލެއް ލިބުމަށްވެސް އެދެ އެވެ.

ދޮން މަނިކު ސްކައިވިއުގެ ހިއްސާދާރެއް ކަމަށްވާ އަފީފް ވިދާޅުވީ ހަތަރު މަސް ތެރޭގައި ބިދޭސީ މުވައްޒިފުން އަނބުރާ ގައުމަށް ފޮނުވާލައި މުޅި ވިޔަފާރީ ހުއްޓާލަން ދިނުމަކީ އިންސާފުވެރިކަމެއް ނޫން ކަމަށެވެ.

"އެތައް މުވައްޒިފުންގެ ދިރިއުޅުމުގެ ވާހަކަ މި ދަކަނީ އެތައް ބަޔަކު އާމްދަނީ ހޯދާތަންމީ. މިހާރުވެސް މި ހުންނަނީ އިތުރު ގޮތެއް ނެތިފައި. އިންދަ ޖެހޭނެ މިކަން ހުއްޓާލަން ޖެހުނީމައި. އަދި މީގަ އެންމެ ނާއިންސާފު ކަމަކީ މުޅި މިތަން ހުސްކޮށް މުވައްޒިފުން ފޮނުވާލަން މިދެނީ އެންމެ ހަތަރު މަސް. މިވަރު މާކުޑަ ކަމަށް އަޅުގަނޑު ދެކެނީ. އެންމެ މަދުވެގެން އަހަރެއް ދޭން ޖެހޭނެ. އެއީ އަޅުގަނޑުމެން ވެސް އިތުރު ގޮތްތަކެއް ހޯދަން ޖެހޭނެ،" އަފީފް ވިދާޅުވި އެވެ.

ޗިލެކްސް ރެސްޓޯރެންޓުގެ ވެރިޔާ ބުނީ ގައުމުގެ ތަރައްގީއަށް ކޮންމެ ކަމެއް ކުރިޔަސް ހެޔޮ ކަމަށާއި ނަމަވެސް އެތަށް މިލިއަނެއް ހަރަދުކޮށްގެން ކޮށްފައި ހުރި މަސައްކަތްތައް ހުއްޓާލަން ބުނާ އިރު އަދުލު ވެރި ބަދަލެއް ދޭން ޖެހޭނެ ކަމަށެވެ.

"މިސްކިތެއް އަޅަން ރަނގަޅު. ދިވެހިން ވެސް ބޭނުންވެދާނެ ބޮޑު މިސްކިތެއް. ނަމަވެސް އެ އަޅަން އަޅުގަނޑުމެން ބަނގުރޫޓު ކޮށްލުން އެއީ އެންމެ ރަނގަޅު ގޮތްތޯ؟ އަޅުގަނޑުގެ ވާހަކައަކީ މިސްކިތް އަޅަންޔާ އަޅާށޭ. އެހެން ތަރައްގީގެ މަސައްކަތްތައް ކުރާށޭ. ނަމަވެސް ކޮންމެ ކަމެއް ކުރާ އިރުވެސް އެތަނުން ގެއްލުންވާ ބައެއްގެ ހިޔާލުތައް ވެސް ނަގަން ޖެހޭނެ. މިކަން ކުރުމުން އަހަރުން އަތުން ގެއްލޭ އެއްޗަކަށް ވީ ފައިސާއާއި އިތުރު ތަނެއް ހިނގާނެ ބިން ސަރުކާރުން ދޭން ޖެހޭނެ،" އޭނާ ބުންޏެވެ.

ކަޑަތަކުގެ ޝަކުވާތައް އެހެން ހުރި އިރު އޭގެ އެސަރަހައްދުގައި ހުންނަ "ހެމާ ޖިމް" ވެސް ނަގަން ޖެހެ އެވެ. ހެމާ ޖިމް ހިންގަމުން ގެންދާ މުއާޒް ބުނީ އޭނާ އެ ޖިމް ހުޅުވުމަށް 3.2 މިލިއަން ރުފިޔާ އިންވެސްޓު ކުރި އިރު ކުއްލިއަކަށް ހުއްޓަން ޖެހުމަކީ ފޫބައްދަން ދަތި ގެއްލުމެއް ކަމަށެވެ.

"އަޅުގަނޑަށް ލިބޭ ގެއްލުމުގެ އިތުރުން ދިވެހި ޒުވާން މުވައްޒިފުން މިތާ މަސައްކަތް ކުރާނީ. އެމީހުންގެ އާއިލާއަށްވާނެ ގޮތްވެސް ވިސްނަން ޖެހޭ. އެހެންވެ އެދެވޭ ބަދަލެއް ދޭން ޖެހޭ މިކަމަށް. އަދި ހަރުދަނާ ކުރަން ޖެހޭ،" މުއާ ވިދާޅުވި އެވެ.

ކެފޭތަކުގެ ވެރިންގެ އެތައް ޝަކުވާއެއް ހުރި އިރު އެމީހުން ބުނީ އެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ވީ ވަރަކުން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ ކަމައި ބެހޭ ފަރާތްތަކާއި ވާހަކަދައްކާނެ ކަމަށާއި އަދި އެފަރާތްތަކުން ރަނގަޅު ނަތީޖާއެއް އުންމީދު ކުރާ ކަމަށް އެމީހުން ބުންޏެވެ.

ިއާއްމުންގެ ހިޔާލަކީ ކޮބާ؟

ކޮންމެ އަކަސް ކަޑަތައް ނެގުމުން ގިނަ ވިޔަފާރިވެރިން ތަކެއް ތިބީ ގޮތް ހުސްވެ ރުޅިގަދަ ވެފަ އެވެ. އާމްދަނީ ހޯދާނެ އިތުރު ގޮތްތަކެއް ހޯދަން ޖެހޭނެ އެތައް ބަޔަކު ވެސް ތިބޭނެ އެވެ. މީގެ އިތުރުން އެ ތަންތަނުން ހިދުމަތް ހޯދައި މީހުންގެ ހިޔާލު ވެސް ބަލާލަން ޖެހެ އެވެ. އެގޮތުން ކާނިވާ ކަޑައެއްގައި އިން ފިރިހެނެއް ބުނި ގޮތުގައި ކަޑަތައް ބަނދުކޮށްގެން ވެސް މިސްކިތެއް އަޅުމަކީ ވަރަށް ރަނގަޅު ނިންމުމެކެވެ.

"މިސްކިތް އެޅުން ރަނގަޅު. އެއީ މިއަށް ވުރެ ރީތިކޮށް މި ތަން އޮންނާނެ. ދެން އެހާ ބޮޑު މިސްކިތެއް އެޅުމުން މިސަރަހައްދު ބަލާލަން ވެސް ރީތިވާނެ،" އޭނާ ބުންޏެވެ.

"މިސްކިތް ކިތަންމެ ގިނައިން ވެސް އެބަހުރި. ކެފޭތައް ގެއްލުވާލީމަ އަގުހެޔޮކޮށް ނުއެއްކެވޭނެ. މިއީ ޒަމާނުއްސުރެއް އަހަރުން ދާތަންތަން. އެތަން ތަން ގެއްލުމަކީ ލިބޭ ވަރަށް ބޮޑު ދެރައެއް،" އެހިސާބުގައި ހުރި އެހެން ޒުވާނަކު ބުންޏެވެ.

ކޮންމެއަކަސް ކަޑަތައް ހުސްކުރަން ނޯޓިސް ދީފި އެވެ. މިއާއެކު ދެން ފެންނާނީ އެތަނުގައި މިސްކިތެކެވެ. ނަމަވެސް މިތަނުގައި ތިބި ވިޔަފާރިވެރިންގެ ވާހަކަވެސް ގޯހެއް ނޫނެވެ. ޒަމާންގަނޑަކަށްފަހު ކުރި ބޮޑު އިންވެސްޓްމަންޓް "ކުއްލި" ގޮތަކަށް ހުއްޓާލަން ޖެހުމުން ކަޑަތަކުގެ ވެރިންގެ ޝަކުވާ މިވަނީ އޮއްސާލާފަ އެވެ.