ޖޭއެސްސީ

މަސްތުވެގެން ހުއްޓާ ހައްޔަރުކުރި ގާޒީ ސަސްޕެންޑްކޮށްފި

މަސްތުވެގެން ހުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ގދ. ތިނަދޫ ކޯޓްގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު ސަސްޕެންޑްކޮށްފި އެވެ. އޭނާ ސަސްޕެންޑްކޮށްފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

ޖޭއެސްސީއިން ބުނީ، ވަކިގޮތެއް ކަނޑައަޅަންދެން، މިއަދުން ފެށިގެން މަގާމުގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގާފައިވާ ކަމަށެވެ.

ހައްޔަރުކުރުމަށްފަހު މުއްދަތި ޖެހުމަށް ހައިކޯޓަށް ހާޒިރުކުރުމުން އުމުރުން 38 އަހަރުގެ އިބްރާހިމް ރަޝީދު ވަނީ ދޫކޮށްލާފަ އެވެ. އެގޮތަށް ހައިކޯޓުން އަމުރު ކުރީ އިބްރާހިމް އަކީ ގާޒީއަކަށް ވެފައި އޭނާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތް ގާނޫނީ އިޖުރާއަތްތަކާ ހިލާފުވެގެންނެވެ.

ފުލުހުން ބުނެފައި ވަނީ މަސްތުވެގެން ހުރި ކަމުގެ ތުހުމަތުގައި މެޖިސްޓްރޭޓް ހައްޔަރުކޮށް އޭނާގެ ހަށިގަނޑު ފާސްކުރުމުގެ ތެރޭގައި އޭނާގެ ކައިރިން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ރަބަރު ޕެކެއްޓެއް ފެނިފައިވާ ކަމަށެވެ. އަދި ހައްޔަރު ކުރި އިރު އޭނާ ހުރީ މަސްތުވެގެން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުގައި ފަނޑިޔާރަކު ހައްޔަރު ކުރެވޭނީ، އޭނާ މަސައްކަތް ކުރާ ކޯޓަށް ވުރެ މަތީގެ ކޯޓެއްގެ އަމުރެއް ލިބިގެންނެވެ.