އިއާދަކުރަނިވި ހަކަތަ

އިރުގެ ހަކަތައިން ކަރަންޓު އުފެއްދުމުގެ ނިޒާމް ފަސް ރަށެއްގައި ގާއިމުކުރަނީ

ފަސް ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ. ކޮންމެ ރަށެއްގައިވެސް 2.5 މެގަ ވޮޓުގެ ނިޒާމް ގާއިމްކުރަން އަމަލީ މަސައްކަތް މިއަދު ވަނީ ފަށާފަ އެވެ.

މިއަދު ހިތަދޫ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި އައްޑޫސިޓީ، ބ. ގޮއިދޫ، ޅ. ކުރެންދޫ، ތ. ބުރުނި، އަދި ގއ. ވިލިނގިލީގައި، އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތަކެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ. މިޕްރޮޖެކްޓުގެ މުޅި ޖުމްލަ 2.5 މެގަވޮޓްގެ ހަކަތަ އިރުގެ އަލި ބޭނުންކޮށްގެން އުފައްދާއިރު 1.6 މެގަވޮޓްގެ ކަރަންޓު އުފައްދަން ނިންމާފައި ވަނީ އައްޑޫސިޓީގަ އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވާރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދުވާލު ގަޑީގެ ޕީކްލޯޑުގެ 30 އިންސައްތަ، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް މެދުވެރިކޮށް ކަރަންޓު ފޯރުކޮށްދިނުން ކަމަށެވެ.

އެގޮތުން 2014 ވަނައަހަރުގެ ތެރޭގައި ގދ. ތިނަދޫ، ގދ. ގައްދޫ، ރ. އުނގޫފާރު، ދ. ކުޑަހުވަދޫ، އދ. މަހިބަދޫ އަދި ހއ. އިހަވަންދޫގައިވެސް ވަނީ މިފަދަ ހައިބްރިޑް ނިޒާމްތަކެއް ގާއިމްކޮށްފައި ކަމަށާއި މިއަހަރުގެ ތެރޭގައި އދ. ދިއްދޫއާއި ވ. ރަކީދޫގައިވެސް މި ފަދަ ނިޒާމްތަކެއް ގާއިމްކޮށް ހިދުމަތްދޭން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކައިގައި މި ނިޒާމަށް އާންމުން ހޭލުންތެރިކުރުވުމުގެ މުހިންމު ކަމާބެހޭ ގޮތުންވެސް އަލިއަޅުއްވާލެއްވި އެވެ.