ދިވެހި މީޑިއާ

އަސޭލާ ޑޮކިއުމެންޓްރީ ދެއްކުމުން މާފަށް އެދެން ރާއްޖެޓީވީއަށް އަންގައިފި

“ސިހުރުގެ ވެރިކަން” މިނަމުގައި ރާއްޖެ ޓީވީން ދެއްކި ޑޮކިމެންޓްރީއަކީ އިސްލާމީ އަގީދާއަށް ފުށުއަރާ ކޮންޓެންޓެއް ކަމަށް ކަނޑައަޅައި، މާފަށް އެދުމަށް ރާއްޖެ ޓީވީއަށް އަންގައިފި އެވެ.

މި ޑޮކިއުމެންޓްރީއާ ގުޅިގެން ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހެޅި މައްސަލައެއް ބެއްލުމަށްފަހު އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރާއްޖެ ޓީވީއިން ބްރޯޑްކާސްޓްކުރި “ސިހުރުގެ ވެރިކަން” މި ޑޮކިއުމެންޓްރީގައި ހިމެނޭ މުޅި ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފުރަތަމަ ހަމައިގެ އެކެއް ކަމަށްވާ “އިސްލާމްދީނުގެ އަސްލުތަކާއި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަ ކަމަށް ގެއްލުން ނުވާ ގޮތަށް މަންޒަރުތަކާއި އަޑު ބްރޯޑްކާސްޓްކުރުން” އަދި ފުރަތަމަ ހަމައިގެ ދެއެއް ކަމަށްވާ “ކަނޑައެޅިގެން އެއްވެސް ގާނޫނެއްގެ ބާރު ކަނޑުވާލުމަށް ނުވަތަ މުޖުތަމައު ގަބޫލުނުކުރާ އަހްލާގީ ގޮތުން ދަށް ފެންވަރުގެ ކަންކަމަށް ހިތްވަރުދޭ އަޑާއި މަންޒަރު ބްރޯޑްކާސްޓްނުކުރުން” މި ދެ މާއްދާއާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ ތިނެއްގެ ދަށުން މާފަށް އެދި ބަޔާނެއް ނެރުމަށާއި އެއްވެސް ޝަރުތެއް ނެތި މި ބަޔާން ޖޫން ދެއެއްވާ ބުރާސްފަތި ދުވަހުގެ ކުރިން ރޭގަނޑު 08:00 އާއި 08:30އާ ދެމެދު ރާއްޖެ ޓީވީ އިން އާންމުކުރުމަށް ރާއްޖެ ޓީވީއަށް ވަނީ އަންގާފަ އެވެ.

މި ޑޮކިއުމެންޓްރީއާ ގުޅޭ ހަބަރު ރާއްޖެ ޓީވީން ދެއްކި މައްސަލާގައި ވެސް އެ ސްޓޭޝަނަށް ވަނީ އިންޒާރުދީފަ އެވެ. އެ އިންޒާރު ދިން ފަހުން އެފަދަ ކޮންޓެންޓެއް ރާއްޖެ ޓީވީން ގެނެސްދިންކަން ސާބިތުވެފައި ނުވާތީ، ޑޮކިއުމެންޓްރީ ދެއްކި މައްސަލާގައި ރާއްޖެ ޓީވީއަށް އިތުރު އިންޒާރެއް ދޭންނުޖެހޭ ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

އެހެން ނަމަވެސް މީގެ ފަހުން ބްރޯޑްކާސްޓްނުކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފުރަތަމަ ހަމައިގެ އެކެއް އަދި ފުރަތަމަ ހަމައިގެ ދެއަކާ ހިލާފު އެއްވެސް ކޮންޓެންޓެއް ބްރޯޑްކާސްޓް ނުކުރުމަށް ރާއްޖެ ޓީވީއަށް ވަނީ އަންގާފަ އެވެ.