ރައީސް މުހައްމަދު ނަޝީދު

އެންމެ ފަހުން ނަޝީދަށް ވެސް ކޮމަންވެލްތް ގޯސްވެއްޖެ

ކޮމަންވެލްތުން ރާއްޖެއާމެދު ފިޔަވަޅު ނާޅާ މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަމްއިއްޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. ކޮމަންވެލްތުގެ ނިންމުންތައް ރައީސް ނަޝީދު ސިފަކުރެއްވީ ތަސައްރަފު ނުފެރޭ ބަޔަކު ނިންމާ ނިންމުތަކެއްގެ ގޮތުގަ އެވެ.

"ދަ ހިންދޫ"އަށް މިދިޔަ ހަފުތާ ތެރޭގައި ރައީސް ނަޝީދު ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ރާއްޖެ އިސްލާހުވާން ޖެހިފައިވާ ކަމަށާއި، ކޮމަންވެލްތުން ރާއްޖެ ހަމަ މަގަށް އަޅުވަންޖެހޭ ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނަން ތަކުރާރުކޮށް އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތް ނާކާމިޔާބުވެފައިވަނިކޮށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެކަށީގެންވާ ފިޔަވަޅުތަކެއް ރާއްޖެއާ މެދު ކޮމަންވެލްތުން ނާޅާ ކަމަށާއި ސީމެގުން ފިޔަވަޅު އަޅަން ބޭނުންވި ނަމަވެސް ކޮމަންވެލްތް ސެކްރެޓޭރިއަޓުން އެކަމަށް އެއްބާރުލުން ނުދޭ ކަމަށެވެ.

ރައީސް މުހައްމަދު ނަޝިދުގެ މައްޗަށް ހުކުމް ކުރި މައްސަލައިގައި ރާއްޖެ ސީމެގްގެ އެޖެންޑާގައި ހިމެނުމަށް މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ. އޭގެއިތުރުން ރާއްޖޭގައި އިމަޖެންސީ އިއުލާން ކުރި މައްސަލަ އާއި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ހަމަލާދިން މައްސަލަގައި ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރުމާ ގުޅިގެން ވެސް ސީމެގް އެޖެންޑާގައި ރާއްޖެ ހިމަނަން މަސައްކަތްކުރި އެވެ. އެފަހަރު ވެސް ރާއްޖެ އެ އެޖެންޑާގައި ހިމަނާފައެއް ނުވެ އެވެ.

މީގެކުރިން ރާއްޖެ ސީމެގްގެ އެޖެންޑާގައި ހިމަނާފައިވަނީ، ރިޔާސީ ދައުރު ހަމަވެފައިވާއިރު ރާއްޖޭގައި އިންތިހާބު ކުރެވިފައިވާ ރައީސަކު ނެތުމުންނާއި، ރައީސަކު އިންތިހާބު ކުރެވި އާ ރައީސް ހުވާ ކުރައްވަންދެނެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުން ވެސް އެ އެޖެންޑާގައި ރާއްޖެ ހިމެނި އެވެ. ނަމަވެސް ކޯނީގެ ބަޔާން ނިމުމުން ސީމެގްގެ އެޖެންޑާއިން ރާއްޖެ ނެގި އެވެ.

ކޮމަންވެލްތްގެ މިހާރުގެ އެސްޖީ ސަރުކާރާ "ގާތް"

ކޮމަންވެލްތްގެ އާ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)އަކީ، ޕެޓްރީޝިއާ ސްކޮޓްލެންޑެވެ. ސްކޮޓްލެންޑް ވަނީ ކޮމަންވެލްތްގެ، ސީމެގްގެ ޕްރެޝަރުތައް ރާއްޖެއަށް އެންމެ ބޮޑަށް ކުރިމަތިވަމުން އައި އރު، ޑރ. މުހައްމަދު ވަހީދުގެ ރައީސް ކަމުގެ އެ ޕްރެޝަރުތަކުން ރާއްޖެ ސަލާމަތް ކުރުމަށް ގާނޫނީ ގޮތުން ރާއްޖެއަށް ލަފާދެއްވައިފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމާ ގުޅިގެން އެ މައްސަލަ އދ.ގެ ވޯކިން ގުރޫޕްގައި ކުރިއަށް ދިޔައިރު، މި ސަރުކާރަށް ލަފާ ދެއްވި ޓޯނީ ބްލެއާގެ އަނބިކަނބަލުން ޝެރީ ބްލެއާގެ ލޯ ފާމް، އޮމްނިއާ ސްޓްރެޓެޖީގެ އެޑްވައިޒަރީ ކައުންސިލްގަައި ވެސް ސްކޮޓްލެންޑް ހިމެނިވަޑައިގަންނަވަ އެވެ. އަދި އެސްޖީ ކަމަށް އެކަމަނާ ހޮވުމާ ގުޅިގެން ސަރުކާރުގެ އިސްވައުފުދެއް ވަނީ އެކަމަނާއާ ބައްދަލުކޮށްފަ އެވެ. އެ ސަބަބުތަކާ ހުރެ މިހާރުގެ އެސްޖީ ރާއްޖޭގެ މިހާރުގެ ސަރުކާރާ ގާތްކަމަށް ބުނެވެން އެބަ އޮތެވެ.