ރިޕޯޓް

ތާރީހީ ބިޔަ މަޝްރޫއު: އިގްތިސާދު ހެއްވާލެވިދާނެތަ؟

May 31, 2016
  • ތަރައްގީގެ އަގު 800 މިލިއަން ޑޮލަރަށް އަރާ
  • އާ ވަޒީފާގެ ފުރުސަތުތައް ދެ ގުނަ ވާނެ
  • އާ މަޝްރޫއާ އެކު ވިޔަފާރިތަކަށް ބޫސްޓެއް އަންނާނެ

ބޯކޮށް ވިއްސާރަ ވެހިޖިއްޔާ މުޅި އެއާޕޯޓް އެކީ ފެނުން ބަންޑުން ކޮށްލަ އެވެ. ކޮންމެ އަހަރަކު އެތައް މިލިއަން ޓޫރިސްޓުންނެއް ހިދުމަތް ހޯދާ ދިވެހި އެއާޕޯޓް މަޝްހޫރުވަނީ "ބާލިދީ އެއާޕޯޓް"ގެ ގޮތުގަ އެވެ. ވިއްސާރަ ވެއްޖިއްޔާ ވާރޭ ހިޔާވުމަކީ އެއާޕޯޓްގައި އުނދަގޫ ކަމެކެވެ. ފުރާޅުން ފެންތިކި ނުޖަހާ ހިސާބެއް އެއާޕޯޓްގައި ހުރިހެނެއް ހިއެއް ނުވެ އެވެ. މި ހާލެއްގައި ދިވެހި އެއާޕޯޓް އޮންނަތާ ދުވަސްގަނޑެއް ވެއްޖެ އެވެ. ކޮންމެ ސަރުކާރަކުން ވެސް އެއާޕޯޓުން ތަރައްގީ ކުރުމަށް އާ މަންތިރިއެއް ގެންގުޅެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ގެންގުޅުއްވު ވިސްނުމަކީ ޕްރައިވެޓައިޒޭޝަންގެ ދަށުން، އިންޑިއާގެ ޖީއެމްއާރަށް އެއާޕޯޓް ދީގެން ތަރައްގީ ކުރުމެވެ. އެކަމަކު އެތައް ސަތޭކަ ސަބަބަކާ ހުރެ އެ މަޝްރޫއުން އެދެވޭ ނަތީޖާ ނުނިކުމެ މުޅި މަޝްރޫއު ފްލޮޕްވީ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަމާޒު ހިފާފައި މި އޮތީ، އެއާޕޯޓް ބޮޑުކޮށް ޒަމާނީ ފެންވަރަށް ފައްކާ ކުރުމުގައި މިހާތަނަށް ނަގާނެ އެންމެ ބޮޑު ޗެލެންޖާ ކުރިމަތިލުމަށެވެ. އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރު، އާދިލް މޫސާ ވިދާޅުވާ ގޮތުގައި މިއީ މުޅި ރާއްޖޭގެ ތާރީހުގައި ވެސް އައިއެންއައިއޭ ބޮޑު ކުރުމަށް ހިންގާ އެންމެ ބިޔަ މަޝްރޫއެވެ.

"މިވަރުގެ ބޮޑު މަޝްރޫއެއް މިހާތަނަށް އެމްއޭސީއެލްގެ ތާރީހުގައި ވެސް ހިންގާފައެއް ނެތް. މީގެ ކުރިން މުޅިން ވެސް ހުރީ ފަސް އަހަރަށް 10 އަހަރަށް ބަލައިގެން ކަންކަން ކޮށްފައި. އެކަމަކު އަޅުގަނޑުމެން މި ގެންނަނީ 25 ނޫނީ 30 އަހަރަށް ބަލާފައި މުޅި އެއާޕޯޓްގެ ރިނޮވޭޝަނެއް. ޒަމާނީ ޓާމިނަލް ބިލްޑިންގް އާ ރަންވޭ އެންމެ ބޮޑެތި ފްލައިޓްތަކަށް ހިދުމަތްދެވޭނެ ވަރުގެ އެއިރޯ ބްރިޖާއި އެހެން ގޮސް ހުރިހާ ވަސީލަތްތަކެއް އެންމެ ޒަމާނީ ވެގެން މި އަންނަނީ. މި މަޝްރޫއަށް އެއާޕޯޓުން ވާން ޖެހޭ ތައްޔާރީތައް މި އޮތީ ވެފައި. އެކަން ވެސް މި ކުރަނީ ހުސްމިތަނުގެ ސްޓާފުން. މިކަން މި ކުންފުންޏަށް ވާނެ. އެންމެންގެ އަޒުމް މި ހުރީ މި ގޮތަށް. އެ ރޫހު އަޅުގަނޑުމެންގެ މުވައްޒަފުންގެ އެބަހުރި،" އެމްޑީ އާދިލް މޫސާ މި މަޝްރޫއާ މެދު އޮތް ކޮންފިޑެންސް ހާމަކުރެއްވި އެވެ.

އެއާޕޯޓްގެ މިހާރުގެ ހާލަތު

  • ޓާމިނަލްގެ ބޮޑުމިން: 23،000 އަކަ މީޓަރު
  • މިދިއަ އަހަރު އެއާޕޯޓް ބޭނުންކުރި މީހުންގެ ޖުމްލަ: 2.5 މިލިއަން
  • ރަން ވޭގެ ދިގުމިން: 3200 މީޓަރު
  • ރަންވޭގެ ފުޅާމިން: 45 މީޓަރު
  • މިހާރު ރައްކާކުރެވޭ ތެލުގެ މިންވަރު: 11 މިލިއަން ލީޓަރު
  • އެއިރޮބްރިޖްގެ އަދަދު: 0

ދިވެހިންގެ އެއާޕޯޓް ދިވެހިން ތަރައްގީ ކުރުމުގެ ނަމުގައި ހިންގާ މަޝްރޫއަށް ނަގާ ލޯނަކީ ރާއްޖޭގެ ތާރީހުގައި ވެސް ނަގާ އެންމެ ބޮޑު ލޯނެވެ. ގާތްގަނޑަކަށް 800 މިލިއަން ޑޮލަރުގެ ލޯނުން ތަރައްގީ ކުރާ އެ ބިޔަ ޕްރޮޖެކްޓްގެ މުހިންމު ބައިބައި އެ އޮތީ ފެށިފަ އެވެ. އާ ރަންވޭއެއް އެޅުމަށް ޗައިނާގެ ބީޔޫސީޖީގެ މަސައްކަތްތައް ފަށައިފި އެވެ. ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުގެ ޓާމިނަލް މަޝްރޫއު މެދުއިރުމަތީގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި ބިންލާދިން ގްރޫޕާ އެ ވަނީ ހަވާލުކޮށްފަ އެވެ. އެ މަޝްރޫއު ފެށުމަށް ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ހަރަދުކޮށް އެއާޕޯޓްގެ ހުރިހާ ސްޓާފް ފެސިލިޓީތަކާއި އެހެން ވެސް ޔުނިޓިލިޓީލް އިމާރާތްތައް އެއާޕޯޓްގެ އިރުމައްޗަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް އޮތީ ނިމިފަ އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް ތަރައްގީކުރަން މީގެ ކުރިން އެމްއޭސީއެލުން ހިންގާފައިވާ އެންމެ މަޝްރޫއެއް ވެސް މިހާރު ފަށައިގެން އުޅޭ މަސައްކަތްތަކާ އަޅާ ވެސް ނުކިޔޭނެ އެވެ. މިއީ އެއާޕޯޓްގެ 50 އަހަރުގެ ތާރީޚުގައި ކުރި ޖުމްލަ ހޭދައާ ވެސް ނުބައްދަލު އަދަދުތަކެކެވެ.

މި މުޅި މަޝްރޫއުން ނިކުންނާނެ ނަތީޖާ އަކީ ކޮބައި ހެއްޔެވެ؟ މި މަޝްރޫއުން ނިކުންނަން އިގްތިސާދީ މަންފާއަކީ ކޮބައިހެއްޔެވެ؟

ރާއްޖޭގެ އެތައް ސިނާއަތެއް ފުޅާވެގެން އައި އިރުވެސް އެއާޕޯޓް އޮތީ ހަމަ ކުރިން ވެސް އޮތް ގޮތަށެވެ. ނަތީޖާ ނުކުތީ ވަރަށް ވެސް ހިތިކޮށެވެ. ރާއްޖޭގެ ޓޫރިޒަމް ފުޅާވެ ފައްކާވުމަށް އޮތް އެންމެ ބޮޑު ހުރަހަކަށް ބަދަލުވީ އެއާޕޯޓް ކުޑަވުމެވެ. ޓޫރިޒަމްގެ އެންމެ ބާރުބޮޑު ދުވަސްކޮޅު އެއާޕޯޓް ފެންނަނީ ތޮއްޖެހި ހިނގާލާނެ ތަންކޮޅެއް ވެސް ނެތި އެވެ. މިފެންނަނީ އެންމެ ދަށްފެންވަރުގެ މުސްކުޅި އެއާޕޯޓެކެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވަނީ އެއާޕޯޓް ބޮޑު ނުވެ، އިތުރު އެނދުތަކެއް ޓޫރިޒަމް މާކެޓަށް ނެރެވޭކަށް ވެސް ނެތް ކަމަށެވެ. އެއާޕޯޓް ބޮޑު ނުވެ އޮތުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ހުރަސް ކަމަށް ސައީދު ވެސް ގަބޫލު ކުރައްވަ އެވެ. މިނިސްޓަރު ވިދާޅުވަނީ އެއާޕޯޓްގެ އާ ތަރައްގީއާ އެކު ކުރިއަށް އޮތް 20 އަކަށް އަހަރަށް ވެސް ނޫނީ އެއަށް ވުރެ ދިގު މުއްދަތަށް ވެސް މި އެއާޕޯޓުން ފުދޭނެ އެވެ. މިއީ ރާއްޖޭގެ އިގްތިސާދަށް ޓަކައި ކޮންމެހެން ވެސް ނަގަން ޖެހޭ ރިސްކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ރިސްކް އަޅުގަނޑުމެން ނަގަން އެބަ ޖެހޭ. ރާއްޖޭގެ މޫނުމަތި އެބަ ޖެހޭ މި ނޫން ގޮތަކަށް ބަދަލުވާން. ރާއްޖޭގެ އިގްތިސާދު ބަދަލުކޮށްލުމަށް މި ކުރާ މަސައްކަތުގައި ކޮންމެހެން ވެސް އަޅަން ޖެހޭ ފިޔަވަޅެއް މިއީ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އެއާޕޯޓްގެ އެމްޑީ އާދިލް ވެސް އެކަމަށް އެއްބަސްވެލައްވަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި އެއާޕޯޓްގެ ޕްރޮޖެކްޓްތައް ފަށާ ހިސާބުން މުޅި އިގްތިސާދަށް އެނގުންވާނެ އެވެ. އޭނާ ވިދާޅުވީ އެ މަޝްރޫއު ބޭރުގެ ކުންފުނިތަކަކުން ހިންގި ނަމަވެސް އެތައް ހާއްސަ މުވައްޒަފުންނަށް މަޝްރޫއަށް ރާއްޖެ އަންނާނެ އެވެ. އަދި މަޝްރޫއަށް ބޭނުންވާ ބައެއް ތަކެއްޗާއި މުވައްޒަފުން ވެސް ނަގާނީ ރާއްޖެއިންނެވެ. އޭނާ ލަފާކުރައްވާ ގޮތުގައި މުޅި ޕްރޮޖެކްޓަށް މުޅިން އަލަށް 6،000އެއްހާ މުވައްޒަފުން ބޭނުން ކުރާނެ އެވެ. ނަތީޖާއަކަށް ވާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑު ބޫސްޓެއް ލިބުންކަން އޭނާ ފާހަގަ ކުރައްވަ އެވެ.

"އެ މީހުންގެ ކެއުމަށް ބޭނުންވާ އެއްޗިއްސާ މިކަހަލަ އެއްޗިހި ވެސް ހަމަ މާރުކޭޓުން އެ މީހުން ވެސް ގަންނާނީ. އަނެއްކާ ޕްރޮޖެކްޓަށް ދިވެހިން ނެގުމާއި ބައެއް މަސައްކަތް ވެސް ދިވެހި ކުންފުނިތަކާ ވެސް ހަވާލުުރާނެ. އަޅުގަނޑު ދަންނަވާނީ ޕްރޮޖެކްޓްގެ ފަހުން އުފެދޭ ވަޒީފާގެ އިތުރަށް ޕްރޮޖެކްޓް ފަށާ ހިސާބުން އިގްތިސާދަށް އެނގުންވާން ފަށާނޭ. އެ ހިސާބުން މުޅި އިގްތިސާދުން މީގެ އަސަރުތައް ފެންނަން ފަށާނެ،" އަާދިލް ވިދާޅުވި އެވެ.

މިހާރު އައިއެންއައިއޭގައި އޮތް ތޮއްޖެހުން އާ ޓާމިނަލާ އެކު ހައްލުވާނެ އެވެ. ބިމުގެ ދަތިކަމާ ހުރެ ބޮޑުނުކުރެވި ނުވަތަ އަލަށް ނުހެދި ހުރި އެތައް ވައްތަރެއްގެ ވިޔަފާރި އަށް ބިން ތަނަވަސްވާނެ އެވެ. އެއާޕޯޓް ބޮޑުވެ ފުޅާވެގެން އަންނަ އިރު، އެއީ އާންމު ވިޔަފާރިތަކަށް ވެސް ހުޅުވޭނެ އާ ފުރުސަތުތަކެކެވެ. އެތައް ހާސް އިތުރު ވަޒީފާތަކެއް އެ މަޝްރޫއުން ކަށަވަރު ކުރެވެނީ އެވެ.

ސަރުކާރުން ލަފާކުރަނީ ތަރައްގީގެ މަޝްރޫއުތައް 2017 ގައި ނިމުމުން މިހާރު އެމްއޭސީއެލް އަށް ވަންނަ އާމްދަނީ އެތައް ތަނަކުން މައްޗަށް ޖެހޭނެ ކަމަށެވެ. ސަރުކާރުން ހިސާބު ޖަހާ ގޮތުން އޭރުން އެއާޕޯޓްގެ އާމްދަނީ، 6 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އެ ހުރިހާ ވާހަކަތަކަކާ އެކު އެއާޕޯޓްގެ އެމްޑީ އާދިލް ދިވެހިންނަށް ދެއްވަން އޮތީ ވަރަށް ވެސް ބޮޑު އުންމީދެކެވެ.

"މިސާލަކަށް ޑިއުޓީ ފްރީގައި މިހާރު 300 އެއްހާ މުވައްޒަފުން އެބަ އުޅޭ. އާ އެއާޕޯޓުން އެ އަދަދު ދެގުނަ ކޮށްލާނެ މި އުފެދެނީ ވަރަށް ބޮޑެތި ބައިވަރު ގިނަ ވަޒީފާ. ދެން އޮތީ އެއިރޯ ބްރިޖް ކަހަލަ އެއްޗިހި އައިމާ އިތުރު ޓެކްނީޝަނުން އަޅުގަނޑުމެން ބޭނުންވާނެ. އިތުރު ވަޒީފާތައް އުފައްދަން މަޖުބޫރުވާނެ. އަޅުގަނޑުމެން ދިވެހި އާއިލާތަކަށް މިދޭ ކަށަވަރު ކަމަކީ އާ ވަޒީފާތައް އުފެދޭނެ. އެއީ އެތައް ބަޔަކަށް މަންފާ ކުރާނެއޭ. އެވަރުގެ މަޝްރޫއެކޭ އަޅުގަނޑުމެން މި ފަށަނީ. މިކަމުގައި އަޅުގަނޑުމެން މި ފަހަރު ފެއިލްއެއް ނުވާނޭ،" އާދިލް ވިދާޅުވި އެވެ.

ތަރައްގީއާ އެކު އެއާޕޯޓް

  • އާ ޓާމިނަލްގެ ބޮޑުމިން: 90،000 އަކަ މީޓަރު
  • ބޭނުންކުރެވޭނެ ދަތުރުވެރިންގެ އަދަދު: 7.2 މިލިއަން
  • އާ ރަންވޭގެ ދިގުމިން: 3400 މީޓަރު
  • އާ ރަންވޭގެ ފުޅާމިން: 60 މީޓަރު
  • އަލަށް ހަދާ ފިއުލް ފާމްގެ ކެޕޭސިޓީ: 48 މިލިއަން ލީޓަރު
  • ޓާމިނަލްގައި ބަހައްޓާ އެއިރޮބްރިޖްގެ އަދަދު: 9

ދެން އޮތް ބޮޑު ސުވާލަކީ އެއާޕޯޓް ތަރައްގީ ކުރަން މިނަގާ ބިޔަ ލޯނުތައް ދައްކާނީ ކިހިނެތް ހެއްޔެވެ؟ ބަޖެޓަށް މިކަމުން ބުރައެއް އައިސްދާނެ ހެއްޔެވެ؟ އެއާޕޯޓްގެ އެމްޑީ އާދިލް ވިދާޅުވަނީ ލޯނުތައް ނަގަނީ ވަރަށް ރަނގަޅަށް ހިސާބު ޖެހުމަށް ފަހުގައި ކަމަށެވެ. އެ ލޯނުތައް ދައްކަން ސަލާން ޖެހުމެއް ނެތި ބަޖެޓަށް ވެސް ބުރައެއް ނެތި ސީދާ އެމްއޭސީއެލް އަމިއްލައަށް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާގެ އެބަ އޮތެވެ. މިހާރު ވެސް އެމްއޭސީއެލް އިން އެވްރެޖްކޮށް އަހަރަކު އެއް ބިލިއަން ރުފިޔާގެ ސާފު ފައިދާ ނެރެ އެވެ. އެމްޑީ ލަފާ ކުރައްވަނީ ބިޔަ މަޝްރޫއު ނިމުމުން އާމްދަނީ ލިބޭނެ އާގޮތްތަކެއް ހޯދި، އެއް ބިލިއަން ޑޮލަރަށް އާމްދަނީ ޖެއްސޭނެ ކަމަށެވެ.

"މި ނަގާ ލޯނުތައް ދައްކަން ޖެހޭ ހިސާބަކަށް ދާއިރު، އެއްވެސް ލައިބިލިޓީއެއް ކުންފުނީގައި ނެތޭ. އަޅުގަނޑުމެން މި ނަގާ ލޯނުތަކުގައި ވެސް މިބަލަނީ ފީސިބިލިޓީ ހަދާފައި މިވަރުގެ އިންވެސްޓްމަންޓަކަށް އެމްއޭސީއެލް އިން ލިބޭ އާމްދަނީ އިން ލޯނު ދައްކާ ގޮތަކަށް. އެހެންވިއްޔާ ލޯނު ދެއްކުމުގައި ސުވާލެއް އޮތްކަމެއް ނޫން އެއީ. އިންވެސްޓްމަންޓާއި އެ ޕްރޮޖެކްޝަންތަކާ އެކު މި ބަލަނީ މީތި މަސައްކަތް ކުރާނެ ކަމަށް،" އާދިލް ވިދާޅުވި އެވެ.

އެމްއޭސީއެލްއަށް މި ވަރުގެ ބޮޑު މަޝްރޫއެއް ހިންގޭނެ ކަމަށް ޝައްކުގެ އޮއިވަރެއް އަހަރުމެންގެ ތެރޭގައި ދެމެމުން ދިޔަ ނަމަވެސް އެއާޕޯޓަށް ބަލައިލުމުން ހަގީގަތުގައި އެ ފެންނަނީ މާޔޫސީ މަންޒަރުތަކެއް ނޫނެވެ. އެއީ އެންމެ މި ޒަމާނުގެ އާ ޓާމިނަލް އާއި ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އޭ380 ޖެއްސޭވަރުގެ އާ ރަންވޭއަކާ އެކު އައިއެންއައިއޭ، ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި، ތަރައްގީވުމުގެ ފުރަތަމަ ނިޝާންތައް މި އޮތީ ލޯމަތީ ފެންނާށެވެ. ދައްކާ ވާހަކައަކަށް ވުރެ ބޮޑެތި މަސައްކަތްތަކެކެވެ. އެމްއޭސީއެލްގެ މުޅި ބޯޑް ވެސް އޮތީ އެ ޗެލެންޖްގައި ވަރުބަލިވެ ފަހަތަށް ޖެހޭ ގޮތަކަށް ނޫނެވެ.

"އަޅުގަނޑުމެން އެންމެން މިތިބީ އެކަން ކުރަން ރައީސް ޔާމީންގެ ފަހަތުގައި. އަޅުގަނޑުމެން ނުބުނާނަން މިކަމެއް ނުވާނެއެކޭ. އަޅުގަނޑުމެން މިތިބީ އެކަން ކުރަން،ރައީސުލްޖުމްހޫރިއްޔާ އެ ހުންނެވީ މިކަންތައް ކުރައްވަން. އަޅުގަނޑުމެން މިިތިބީ މިކަން ކުރަން ހިތްވަރާ އެކު. އަޅުގަނޑުމެން ދިވެހިންގެ މި އުންމީދީ މަންޒަރު ހަގީގަތަކަށް ހަދައިދޭނަން. މި ނޫން މަގުސަދެއް ހާސިލް ކުރުން އަޅުގަނޑުމެންގެ ނެތް،" އެމްއޭސީއެލްގެ ޗެއާމަން އަދި ރާއްޖޭގެ ޓޫރިޒަމްގެ އެއްބާނީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވަނީ މިހެންނެވެ.

އާއެކެވެ! މިފަހަރު ހަގީގަތުގައި ވެސް އުންމީދު އެބަ އޮތެވެ. މިފެންނަނީ ދިވެހިންގެ އެއާޕޯޓުން ޒަމާނީ ކުލަވަރުތަކެއްގެ ތެރެއަށް މިސްރާބު ޖަހާތަނެވެ. އެ އުންމީދޫ ކުލަވަރުތައް އެބަފެނެ އެވެ. ކުރިއަށް އޮތްތަނުގައި އެ ތަރައްގީ ނިއުޅިގެން އަންނަތަން ފެންނާނެ އެވެ. ދެން އޮތް