ރިޕޯޓް

އަނެއްކާ ވެސް ކޯލިޝަނެއް؛ މިފަހަރު ކިހާވަރަކުން ދާނެ؟

  • ކޯލިޝަންގެ ތަޖުރިބާ ވަރަށް ވެސް ހިތި
  • ޖަމީލް ލީޑަރަކަށް ގެނައުމާ މެދު ހިޔާލު ތަފާތު
  • މިއީ ސަރުކާރަށް އަނެއްކާ ވެސް ޗެލެންޖެއް

އެކި ސަބަބުތަކާ ހުރެ ގައުމުން ބޭރުގައި ތިއްބެވި، ސަރުކާރާ އިދިކޮޅު ލީޑަރުން އެއްބަސް ކިޔާ ވަރުގަދަ ކޯލިޝަނެއް މިއަދު އުފައްދާނެ އެވެ. ހަމަ ޔަގީނުން ވެސް މި ހުޅުވޭ އާ ސޮފްހާޔާ އެކު ދިވެހި ސިޔާސީ ޑައިނެމިކްސް އަށް ބަދަލުތަކެއް އަންނާނެ އެވެ. އިނގިރޭސި ހިމާޔަތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވާ ގޮތުގައި، އިދިކޮޅު ލީޑަރުން ގުޅިގެން އުފައްދާ މިކޯލިޝަނަކީ ސަރުކާރަށް ފޮނުވާ ވަރުގަދަ އިންޒާރެކެވެ. ނަޝީދު އެ ވިދާޅުވާ ގޮތަށް، މިއީ ދުނިޔެ ބަލައިގަންނާނެވަރުގެ އާރާއި ބާރު ހުރި ނުހަނު ވަރުގަދަ ކޯލިޝަނަކަށް ވެދާނެ އެވެ. ޔަގީންވާ އެއްކަމަކީ މިއީ އަނެއްކާ ވެސް ސަރުކާރަށް ކުރިމަތިވާނެ ބޮޑު ޕްރެޝަރަކަށްވާނެ އެވެ.

އެ ކޯލިޝަންގައި ސިޔާސީ ގޮތުން އަޑުގަދަ ބަސް ވިކޭ އެހާމެ ހަރުކަށި އަދި ހަރުބަސް ވިދާޅުވާ ބޭފުޅުން ވެސް އެބަތިއްބެވި އެވެ. މި ކޯލިޝަނުން ނިކުންނާނެ ނަތީޖާއަކީ ކޮބައިހެއްޔެވެ؟ މިކޯލިޝަންގެ ބާރުގައި ރާއްޖޭގެ ސިޔާސީ މައިދާނުގެ ކުޅިބައި ބަދަލުކޮށްލައި ބަދަލެއް ގެނެވިދާނެ ހެއްޔެވެ؟ މި އޮތީ މި ކޯލިޝަނާ އެކު ހައްތަހާ ވެސް ކުރާ ސުވާލެވެ.

ކޯލިޝަންގެ ތަޖުރިބާ ވަރަށް ވެސް ހިތި!

މިއީ އިދިކޮޅު ފަރާތްތަކުން އެއްގަލަކަށް އަރައި ކޯލިޝަންގެ ތަޖުރިބާއެއް ކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ތިން ފަހަރަކަށް ކޯލިޝަންގެ ތަޖުރިބާ ވަނީ ކޮށްފަ އެވެ. ކޯލިޝަންތަކުގެ މަންމަ އަކީ، 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުލަވާލި، "ވަތަން އެދޭ ގޮތަށް" ކޯލިޝަން އެވެ. އޭރު، އެއީ އެމްޑީޕީ، އަދާލަތު ޕާޓީ، ޤައުމީ ޕާޓީ އަދި ޖުމްހޫރީ ޕާޓީ އެކުވެ ފެށި މަސައްކަތެކެވެ. އެ ކޯލިޝަނުން ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަން ނަގައި އެއްލައިލި އެވެ. އެކަމަކު ދެން ފެނުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޯލިޝަން ބައިބައިވެ، އެންމެ ފަހުން ސަރުކާރު މުލުން ލުހެލުމުގެ ވަރުގަދަ މަސައްކަތްތަކެއް ފެށުމެވެ. ފެބުރުއަރީ ހަތެއްގައި ނަޝީދުގެ ވެރިކަން ޖަހައިގަތީ އެ ސިލްސިލާގެ ތެރެއިންނެވެ.

މިހާރު މި އޮތް ސަރުކާރު ވެސް ވެރިކަމަށް އައީ، ޖުމްހޫރީ ޕާޓީ - ޕީޕީއެމްގެ ކޯލިޝަންގެއްގެ ތެރެއިން ކުރި މަސައްކަތަކުންނެވެ. އެކަމަކު އެ ކޯލިޝަނަށް ނިމުމެއް އައިސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރާ ފެއަށް ޖެހިވަޑައިގެން އަނެއްކާ ވެސް އިދިކޮޅު މަސައްކަތްތަކެއް ފެއްޓެވީ އެވެ. އެއަށް ފަހު ވެސް ނަޝީދާއި ގާސިމް ވެސް ވަރުގަދަ ކޯލިޝަނެއްގެ ތެރެއިން މަސައްކަތްތަކެއް ފަށައިގަތެވެ. އެމްޑީޕީ-ޖޭޕީ އެކުވެ ފެށި މަސައްކަތްތަކަށް ނިމުމެއް އަންނަން މާކަ ގިނަ ދުވަހެއް ނުނެގި އެވެ. އެ ކޯލިޝަން ވެސް ރޫޅި އެންމެ ފަހުން ބާރު ކެނޑިގެން ދިޔައީ އެވެ.

"މިހާތަނަށް ރާއްޖޭގައި ކޯލިޝަނެއް މަސައްކަތް ކުރިތަނެއް ނުފެނޭ. މުޅިން ވެސް ވަރަށް ހިތި ތަޖުރިބާތަކެއް އެކަމުގައި ކުރީ. ހާއްސަކޮށް މާޒީގެ އެކި ކަންކަން ހަނދާން ނައްތާނުލެވި އުފެދޭ އެކި ދެބަސްވުންތަކުގައި ކޯލިޝަންތައް މަސައްކަތެއް ނުކުރޭ. މައްސަލައަކަށް ވަނީ ރާއްޖޭގައި މަލްޓިޕާޓީ ރިޔާސީ ނިޒާމެއް އޮތީމާ ކޯލިޝަން މަސައްކަތް ކުރަން އުނދަގުލީ. ބަރުލަމާނީ ނިޒާމްތަކުގައި ދެ ހިޔާލެއްގެ ޕާޓީތަކަށް ވެސް އެކުގައި މަސައްކަތް ކުރަން ފުރުސަތު އޮންނަނީ،"ސިޔާސީ ދާއިރާގެ ބޭފުޅަކު ހިޔާލުފާޅު ކުރެއްވީ މިހެންނެވެ.

ރާއްޖޭގައި ކޯލިޝަންގެ ތަޖުރިބާ މިއޮތީ ވަރަށް ވެސް ހިތިކޮށެވެ. ކޯލިޝަނަކުން ހާސިލް ކުރެވުނު ނަތީޖާތައް ރާއްޖޭގައި ވަރަށް ވެސް ކުޑަ އެވެ. ގިނަ ފަހަރަށް ކޯލިޝަންތަކުގެ ނިމުން އައިސްފައި އޮތީ، ވަރަށް ހިތިކޮށެވެ. ސިޔާސީ ގޮތުން ވަރުގަދަ ވުމުގެ ބަދަލުގައި ކޯލިޝަންތަކުން އިދިކޮޅު ފަރާތްތައް އިތުރަށް ބައިބައިކޮށްލައި ވިއްސިވިހާލިކޮށްލަނީ އެވެ. މިފަހަރުގެ ކޯލިޝަންގައި ވެސް މިތިބީ، އެއް އިރެއްގައި ސިޔާސީ ހަތުރުންނެވެ. އަދި އެ ކޯލިޝަންގެ ލީޑަރަކަށް އަންނަ ކުރީގެ ނައިބު ރައީސް ޖަމީލާ މެދު އިދިކޮޅު ފަރާތްތަކުގެ ހިތް ހަލާލު ވެއްދާނެ ހެއްޔެވެ؟ އެހެން ވެއްޖެ ނަމަ، މިފަހަރުގެ ތަޖުރިބާ ވާނީ ކިހިނެތް ހެއްޔެވެ؟

ލީޑަރަކަށް ޖަމީލު! އެތައް ސުވާލެއް

ކޯލިޝަންގެ ލީޑަރުގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އައްޔަން ކުރާނެކަން މިވަނީ ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ. ޖަމީލްގެ ލީޑަޝިޕާ އެކު މިވަރުގެ ކޯލިޝަނެއްގެ މިސްރާބު އޮތީ ކިހިނެތްް ހެއްޔެވެ؟ ސިޔާސީ ގޮތުން އަޑުގަދަ އެހެން ބޭފުޅުން ވެސް އެބަ ތިއްބެވި އެވެ. އެކަމަކު އެ ނަސީބު މި ފަހަރު މި ލިބެނީ ޖަމީލަށެވެ. ހުދު ނަޝީދު ވެސް ނެންގެވީ މިފަހަރު ޖަމީލެވެ. އެކަމަކު ސިޔާސީ ގޮތުން ޖަމީލު މިހާތަނަށް ވެސް ސިފަވެފައި އޮތީ ސިޔާސީ ބުމަރެއްގެ ގޮތުގަ އެވެ. އެހާމެ ފަސޭހައިން ކުލަ ބަދަލު ކުރައްވައި އަމިއްލަ އެދުން ކުރިއަށް ނެރުއްވާ ބޭފުޅެއްގެ ގޮތުގަ އެވެ. އަނެއްހެން ބުނާ ނަމަ، ޖަމީލަކީ ސިޔާސީ ގޮތުން އެންމެ ބޮޑު އެއް ބޭވަފާތެރިޔާ އެވެ. އެމްޑީޕީ މެންބަރުން ޖަމީލަށް އަރަނީ އަމަށަކު ރުޅިއެއް ނޫނެވެ. އެ މީހުންނަށް ޖަމީލަކީ ސިޔާސީ ރަންޑިއެކެވެ. ކޯލިޝަންގެ ލީޑަރެއްގެ ގޮތުގައި ޖަމީލް ނަގާނެކަން ކަށަވަރު ވުމާ އެކު އެމްޑީޕީގެ އެތައް މެންބަރުންނެއްގެ އުދާސްތައް ސޯޝަލް މީޑިއާގައި މިވަނީ ބަންޑުންކޮށްލައިފި އެވެ.

އެމްޑީޕީގެ ގިނަ އާންމު މެންބަރުންނަށް ނަޝީދު ނޫން ބޭފުޅަކު ލީޑަރެއްގެ ގޮތުގައި އަންނަން ބޭނުމެއް ނުވެ އެވެ. ނަޝީދަށް އިންތިހާބުން "ހޮވި ވަޑައިގަތަސް ވެރިކަމެއް ހަވާލެއް ނުކުރާނެކަމަށް" ބުނެ ޖަމީލް ވިދާޅުވި، ބަސްތައް އެމްޑީޕީ މެންބަރުންގެ އެންމެ ހިތުގެ ފުންމިނުގައި އަދިވެސް އެބަ ހުއްޓެވެ.

އެމްޑީޕީގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ވިދާޅުވާ ގޮތުގައި ޖަމީލް އާ އެކުވެސް މަސައްކަތް ކުރެވިދާނެ އެވެ. އެ ޕާޓީ އިން ބޭނުން ވަނީ ކަންކަމުގައި ދޫދީގެން ވެސް ރާއްޖެ އިސްލާހު ކުރުމެވެ. ނަޝީދު ވެސް އެ ނިންމުން ނިންމެވީ ޖަމީލަކީ ހަރުބޭފުޅަކަށް ވެފައި ތަޖުރިބާ ވެސް ހުރުމުން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ ޖަމީލު ވެސް ވިސްނުންފުޅު ހުރީ އެއް ދިމާލަކަށެވެ. އެއީ ސަރުކާރު އިސްލާހުކޮށް ގައުމު ހަމަމަގަށް އެޅުވުމެވެ. އެހެން ވީމާ ޖަމީލްގެ ލީޑަޝިޕްގައި އެމްޑީޕީއަށް ކުރިއަށް ދިޔުން އުނދަގުލެއް ނުވާނެ އެވެ.

"ޖަމީލަކީ ހަމަ އިސްލާހީ މަސައްކަތްތަކުގެ އިސްސަފުގައި އުޅުއްވި ބޭފުޅެއް. ގިނަ މަސައްކަތްތަކެއް ކުރެއްވި. ހާއްސަކޮށް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެންނަން ކުރި މަސައްކަތްތަކުގައި ޖަމީލް ހަމަ ހީވާގި މަސައްކަތްތައް ކުރެއްވި. އެހެން ވީމާ ޖަމީލް އަކީ މިވަގުތައް ހަމަ އެންމެ ރަނގަޅު ޗޮއިސްއޭ އަޅުގަނޑަށް ދެންނެވޭނީ. ނަޝީދުގެ ލީޑަޝިޕާ އެކު ކޯލިޝަން ހަމަ ކުރިއަށް ގެންދެވޭނެ،" އެމްޑީޕީގެ އިސް ލީޑަޝިޕްގެ ހިޔާލު ހުރީމިހެންނެވެ.

އެކަމަކު ޖަމީލްގެ ހަރުކަށި ކަމާއި ބޯ ހަރުކަމާއި ބޮޑާހޭކުން މީގެ ކުރިން ވެސް އޮތީ ކޯލިޝަންތައް ފަނިވުމުގެ އެންމެ ބޮޑު އަސްލަކަށްވެފަ އެވެ. މިފަހަރުގެ ތަޖުރިބާ ވެސް ޖަމީލާ އެކު ހިތި ޒަހަރަށް ވެދާނެ ކަމަށް ބުނާ މީހުން ގިނަވެފައި މި އޮތީ އެހެންވެ އެވެ.

ނަޝީދު ބެންޗް ޓީމްގައި! ކިހިނެތް ވާނެ؟

ސިޔާސީ ދާއިރާގައި ހުރި އެންމެ ވަރުގަދަ އަދި އެންމެ ނުފޫޒު ގަދަ، އެއް ޝަހުސިއްޔަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ބޭރުގައި ސިޔާސީ މަސައްކަތް ކުރެއްވުމުގެ އެންމެ ބޮޑު ތަޖުރިބާއެއް ވެސް އޮތީ ނަޝީދު އާއި އެމަނިކުފާނުގެ އެމްޑީޕީ ޓީމްގެ އެވެ. އެމްޑީޕީގެ މަސައްކަތްތައް ނަޝީދު ފެއްޓެވީ ވެސް އިނގިރޭސިވިލާތާއި ސިލޯންގެ މިނިވަން ޖައްވުގެ ތެރެއިންނެވެ. މިހާރު ވެސް ނަޝީދަށް ކުރައްވަން ޖެހިވަޑައިގެންފައި މި އޮތީ އެނބުރި ތާރީހަށް ވަޑައިގެން، ކުރިން ވެސް ކުރެއްވި މަސައްކަތްތަކެވެ. ނަޝީދު ވިދާޅުވަނީ މިފަހަރު އެމަނިކުފާނު ނިކުންނަވަނީ އޭރުގެ ޓީމަށް ވުރެ ވަރުގަދަ ޓީމަކާ އެކުގައި ކަމަށެވެ. އެކަމަކު ސުވާލަކީ ނަޝީދު ބެންޗް ޓީމަށް ވަޑައިގެންނެވީ ކިހިނެތް ވެގެން ހެއްޔެވެ؟ ހިޔާލު ތަފާތުވުން އޮތް ޖަމީލް، ލީޑަރެއްގެ ގޮތުގައި ނެރެދައްކަވަނީ ސިޔާސީ ކޮން ވިސްނުންފުޅެއްގައި ހެއްޔެވެ؟

ޕީޕީއެމްގެ މަޖިލީހުގެ މެންބަރަކު ވިދާޅުވީ، ފުޓްބޯޅަ މެޗެއްގައި ވެސް ސްޓްރައިކިން ފޯވާޑެއް ބެންޗްގައި މަޑުކޮށްލާނީ ކޮންމެވެސް އިންޖަރީއެއް ކަހަލަ ބޮޑު ކަމެއް މެދުވެރިވެގެންނެވެ. ނަޝީދު މިހާތަނަށް ވެސް ފެނިފައި އޮތީ ވަރަށް ވެސް ޕްރޮއެކްޓިވް ރޯލެއްގައި ކުރިއަށް ދުށްވައިގަންނަ ފޯވާޑެއްގެ ގޮތުގަ އެވެ. އެންމެ ބޮޑު މައްސަލައަކީ އެބޭފުޅާ ވެސް ވިދާޅުވާ ގޮތުގައި، ނަޝީދުގެ 13 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ކަމުގައި ވެދާނެ އެވެ. އެހެން ނަމަވެސް ސަރުކާރާއި ދެކޮޅަށް އުފައްދާ ކޯލިޝަންގައި ނަޝީދު އެއް ފަރާތަކަށް ޖެހިވަޑައިގަންނަވާފައި، އެހެން ބޭފުޅަކަށް ސެންޓާ ސްޓޭޖް ދިނުމަކީ ކުޑަކޮށް ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެބޭފުޅާ ވިދާޅުވާ ގޮތުގައި މިއީ ނަޝީދުގެ ސިޔާސީ ކެރިއަރ ނިންމާލެއްވުން ކަމަށް ވެދާނެ އެވެ. ސީދާ ޕާޓީގެ ހިންގުމާއި ދުރުވެވަޑައިގެން، ސިޔާސީ ދާއިރާ އާއި ދުރުވެވަޑައިގަތުމަށް ނަޝީދު ވިސްނެވުމެވެ. އެކަމަކު މިގޮތް ވުން ވަރަށް ދުރެވެ. އަނެއް ސަބަބަކީ، ރައީސް ނަޝީދު ކޯލިޝަންއާ މެދު މާ ބޮޑު އުންމީދެއް ނުކުރެއްވުމެވެ. މިވަގުތު ހާލަތު އޮތް ގޮތުން އެ ނޫން ގޮތެއް އެމަނިކުފާނަށް ނެތީ އެވެ.

ވަކި މީހެއްގެ ފަހަތުގައި ހުރެގެން ނެރޭ ކޯލިޝަނެއްގެ ހިޔަނީގައި ނަޝީދު ބެހެއްޓުމަކީ އެމްޑީޕީގެ ގިނަ އާންމު މެންބަރުން ރުހޭ ކަމެއް ނޫނެވެ. އަދި، ހާއްސަކޮށް ޑރ. ޖަމީލުގެ ކޯލިޝަނަކަށް ޕާޓީގެ ތެރެއިން ބެކިން ލިބޭނީ މަދު ބައެއްގެ ފަރާތުންނެވެ. ކޯލިޝަނެއްގެ ފަހަތުގައި ތިބުމަށްވުރެ، ޕާޓީ ބައިބައިވުމަކީ މާ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، "ވަރުގަދަ" ކޯލިޝަނަކީ އެހާ "ވަރުގަދަ"، އެހާ ގިނަ ބަޔަކުގެ އިތުބާރު ލިބިފައިވާ ކޯލިޝަނަކަށް ނުވުމުގެ ޖާގަ މި ހިސާބުން ވެސް އެބަ ހުޅުވެ އެވެ.

"ނަޝީދު ލީޑް ނުކުރައްވާ ނަމަ އެހާ ބާރުގަދަ ކޯލިޝަނަކަށް ނުދެވާނެ. އެކަމަކު ނަޝީދު ލީޑް ކުރައްވާ ނަމަ އެއީ ތަންކޮޅެއް ވަރުގަދަ އެފެކްޓިވް އަދި މަސައްކަތް ކުރާ ކޯލިޝަނަކަށް ވެދާނެ. އެކަމަކު ނަޝީދު މިވަގުތު އަދި މަޑުކޮށްލަނީ ކަމަށްވެދާނެ،" ޕީޕީއެމްގެ މެންބަރު ވިދާޅުވި އެވެ. ނަޝީދު ބެންޗް ޓީމްގައި އިންނެވުމުން ކޯލިޝަންގެ ކުރިމަގާ މެދު އަދި ސުވާލު ކުރަން މާ އަވަހެވެ.

ބޭރުގެ ތާއީދު ހޯދިދާނެތަ؟

ސަރުކާރާއި ދެކޮޅަށް ނެރޭ ކޯލިޝަނާއި މެދު އަދި އެއްވެސް އެއްޗެއް ސަރުކާރުން ބުނެފައެއް ނުވެ އެވެ.

"ނެރޭނެ ކޯލިޝަނެއް ނެރޭ. ތީގެން ގިނަ މީހުންގެ ފަތިފުއް ދިވެހިންނަށް އިނގޭ، މިއަދު ކޯލިޝަނެއް ހަދާ، ސަރުކާރު އިސްލާހު ކުރަންށޭ ބުނީމާ އެއީ ދެން ބޮޑު ޖޯކެއް. ބަލަންވީ ދުނިޔެ ގަބޫލުކުރާ ކޯލިޝަނަކަށްތަ؟ ނޫނީ ދިވެހިން ބަލައިގަންނަ ކޯލިޝަނަކަށްތަ؟ ހަމަ ބުނާ އެއްޗެއްގައި ހިފައިގެން ތިބުމުގެ ބަދަލުގައި އަމިއްލައަށް ކޯލިޝަންގެ ވަރު އަންދާޒާކޮށްލުން ރަނގަޅު ވާނެ،"މިއީ ވެރިކަންކުރާ ޕީޕީއެމްގެ މެންބަރެއްގެ ޝުއޫރެެވެ.

ކޯލިޝަނާ އެކު ސަރުކާރުގެ ރިއެކްޝަން ވެސް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެނގިގެން ދާނެ އެވެ. ކޯލިޝަނާ އެކު ސިޔާސީ ކުޅިބަޔަށް އަނެއްކާ ވެސް ބަދަލުތަކެއް އަންނާނެ އެވެ. އެކަަމަކު ކޯލިޝަނަކާ މެދު ކުރެވޭ އުންމީދުތައް އެހާ މައްޗެއް ނޫނެވެ. އޭގެ ބަދަލުގައި ކޯލިޝަނަކުން ނެރެވިދާނެ ނަތީޖާއަކާ މެދު މި އޮތީ ހަމަ ބޮޑު ސުވާލުތަކެއްގެ ތެރޭގަ އެވެ. މި ކޯލިޝަނަކީ ދިވެހިން ވެސް ބަލައިގަންނަ ކޯލިޝަނަކަށް ވާންޖެހެ އެވެ. ހަމައެކަނި ބޭރުގެ މުޖުތަމައު ބަލައިގަނެގެން އޮތް ކޯލިޝަނަކަށް ގައުމައިގެން ވަތަން އެދޭ ގޮތަށް ކުރިއަށް ދެވިދާނެ ހެއްޔެވެ؟

ކޯލިޝަންގައި ޖޭޕީ؟

ދެހާސްތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ފަރާތެއްގެ އެހީތެރިކަން ހޯދުމަށް އެންމެންވެސް ތެޅިގަތް ފަރާތަކީ ޖުމްހޫރީ ޕާޓީ އާއި އެ ޕާޓީގެ ރައީސް ޤާސިމް އިބްރާހިމް އެވެ. މި ކޯލިޝަނުގައި ބައިވެރިވުމާއި މެދު ޖޭޕީ އިން އަދި ރަސްމީކޮށް އެއްޗެއް ބުނަން ވެސް ބޭނުމެއް ނުވެ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮސް ޕާޓީގެ އޮފިޝަލެއް"އަވަސް" އަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އުފައްދާ ކޯލިޝަންގައި ޖޭޕީން ބައިވެރިނުވާނޭ ކަމަށެވެ. މައްސަލައަކަށް ވަނީ ކޯލިޝަންތަކުގެ ހިތި ތަޖުރިބާ އެވެ.

"ކޯލިޝަނެއްގެ ހިތި ތަޖުރިބާ ކުރެވިފައިވަނީ. ދެ ފަހަރުވެސް. އޭގެން މާބޮޑު ފައިދާއެއް ނެތް. އަނެެއްކާ ކޯލިޝަނެއް ހަދާއިރު އެބަ ޖެހޭ ބަލަން ކޮން ބައެއްތޯ ތިބީ. އާ ކޯލިޝަންގައި ޖޭޕީން އިތުބާރުކުރާ މީހެއް ނެތް. ގައުމަށް ފައިދާ ހުރި ކަންތައްތަކުގައި ސަރުކާރާއި ޕީޕީއެމް ކުރާ މަސައްކަތްތަކުގައި ވަކި ޝަރުތުތަކަކާއެކު ޖޭޕީން ބައިވެރިވާނެ،" ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯލިޝަނުން 2018 އަށް ކެންޑިޑޭޓެއް!؟

ދެން ކުރެވޭ ސުވާލަަކީ މި ކޯލިޝަނުން 2018 ވަނަ އަހަރަށް ކެންޑިޑޭޓެއް ނެރެފާނެ ހެއްޔެވެ؟ ކެންޑިޑޭޓެެއްގެ ސުވާލާއި މެދު ވިސްނާއިރު، ކޯލިޝަންގެ އިސް ސަފުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ އާންމުންގެ މެދުގައި "ޕޯލަރައިޒިން ފިގަރސް" އެވެ. އެއްބަޔަކު ވަރަށް ރުޅި އަރައިގަންނާނެ އެވެ. އަނެއް ބަޔަކު ވަރަށް ތައުރީފު ކުރާނެ އެވެ. ކޯލިޝަންގައި ތިބި ގިނަ މެންބަރުންނަކީ ހަކުރު ދެންޏާ ބޮޑުބޭބެ އުސޫލުން، އެއް ފުޅައް މަތިން އަނެއް ފުޅައް މައްޗަށް ފުންމާ، ސިޔާސީ ފިކުރު އެހާވެސް އަވަހަށް ބަދަލުވާ ފަރާތްތަކެވެ. ގައުމު އެއް ގަލަކަށް ގެނެވޭ ވަރުގެ ބޭފުޅަކު ކޯލިޝަންގެ ތެރެއިން އަދި ފެންނާކަަށް ނެތެވެ. ރާއްޖޭގެ ސިޔާސީ ހާލަތް އޮތް ގޮތުން އެއް ގަލަކަށް، އެއް ވިސްނުމަކަށް، އެންމެން އެކަތި ގަނޑަކަށް ވުމަކީ މިހާރު އުނދަގޫ ކަމެކެވެ.

އެމްޑީޕީގެ އިސް ބޭފުޅެއް ނަން ނުޖެހުމަށް ޝަރުުތުކޮށް "އަވަސް" އަށް ވިދާޅުވީ 2018 ވަނަ އަަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަނުން ވާދަކުރުމާއި މެދު އަދި ވަކި ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.

"ޔުނައިޓެޑް އޮޕޮޒިޝަން ކޯލިޝަންގެ ބޭނުމަކީ މިހާރުގެ ސަރުކާރުން ހިންގަމުންދާ ކަންކަން ބަލާ ޒިންމާދާރު އިދިކޮޅު ފަރާތެއްގެ ގޮތުގައި އޮވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަަސައްކަތާއި ގައުމުގެ ހިންގުން ޓްރާންސްޕޭރަންޓް ކުރުވުން. މި ކޯލިޝަނަކީ މިނިވަން އިންތިހާބެއް ހޯދުމަށް މަސައްކަތްކުރާ ކޯލިޝަނެއް،"

ސަރުކާރު އަދި ހިމޭނުން!

ސަރުކާރާއި ދެކޮޅަށް ނެރޭ ކޯލިޝަނާއި މެދު އަދި އެއްވެސް އެއްޗެއް ސަރުކާރުން ބުނެފައެއް ނުވެ އެވެ.

"ނެރޭނެ ކޯލިޝަނެއް ނެރޭ. ތީގެން ގިނަ މީހުންގެ ފަތިފުއް ދިވެހިންނަށް އިނގޭ، މިއަދު ކޯލިޝަނެއް ހަދާ، ސަރުކާރު އިސްލާހު ކުރަންށޭ ބުނީމާ އެއީ ދެން ބޮޑު ޖޯކެއް. ބަލަންވީ ދުނިޔެ ގަބޫލުކުރާ ކޯލިޝަނަކަށްތަ؟ ނޫނީ ދިވެހިން ބަލައިގަންނަ ކޯލިޝަނަކަށްތަ؟ ހަމަ ބުނާ އެއްޗެއްގައި ހިފައިގެން ތިބުމުގެ ބަދަލުގައި އަމިއްލައަށް ކޯލިޝަންގެ ވަރު އަންދާޒާކޮށްލުން ރަނގަޅު ވާނެ،"މިއީ ވެރިކަންކުރާ ޕީޕީއެމްގެ މެންބަރެއްގެ ޝުއޫރެެވެ.

ކޯލިޝަނާ އެކު ސަރުކާރުގެ ރިއެކްޝަން ވެސް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެނގިގެން ދާނެ އެވެ. ކޯލިޝަނާ އެކު ސިޔާސީ ކުޅިބަޔަށް އަނެއްކާ ވެސް ބަދަލުތަކެއް އަންނާނެ އެވެ. އެކަަމަކު ކޯލިޝަނަކާ މެދު ކުރެވޭ އުންމީދުތައް އެހާ މައްޗެއް ނޫނެވެ. އޭގެ ބަދަލުގައި ކޯލިޝަނަކުން ނެރެވިދާނެ ނަތީޖާއަކާ މެދު މި އޮތީ ހަމަ ބޮޑު ސުވާލުތަކެއްގެ ތެރޭގަ އެވެ. މި ކޯލިޝަނަކީ ދިވެހިން ވެސް ބަލައިގަންނަ ކޯލިޝަނަކަށް ވާންޖެހެ އެވެ. ހަމައެކަނި ބޭރުގެ މުޖުތަމައު ބަލައިގަނެގެން އޮތް ކޯލިޝަނަކަށް ގައުމައިގެން ވަތަން އެދޭ ގޮތަށް ކުރިއަށް ދެވިދާނެ ހެއްޔެވެ؟