ހަބަރު

ނަޝީދަކީ ގާނޫނު އަސާސީއާ ހިލާފުވެފައިވާ ބޯހަރު ބޭފުޅެއް: ޔާމީން

Feb 10, 2015
5

އެމްޑީޕީ ދޫކޮށް ދިޔައީ ދަތި އަޅުވައި ވައްޓާލުމުން ކަމަށާއި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ ގޯސް ގަބޫލުފުޅު ނުކުރައްވާ ބޯހަރު ބޭފުޅެއް ކަމަށް އެމްޑީޕީން ވަކި ވަޑައިގެން ޕީޕީއެމާ ގުޅިވަޑައިގެންނެވި ވެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ނެރޭ ހަފުތާ މަޖައްލާ، "ޔަގީން" ގެ ފުރަތަމަ ނަމްބަރަށް ޔާމީން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް ނަޝީދަކީ ގާނޫނު އަސާސީއާ ހިލާފު ބޮޑެތި އެތައް ކަމެއް ވެރިކަމުގައި ހުންނަވައިގެން ކުރެއްވި، އަދި ގޯހެއް ހެއްދެވުމުން އެ ގޯސް ގަބޫލުފުޅު ނުކުރައްވާ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑަށް ރައީސް ނަޝީދު ސިފަވަނީ ގޯސް ގަބޫލުފުޅު ނުކުރައްވާ ބޭފުޅެއްގެ ގޮތުގައި އެމަނިކުފާނުގެ ވެރިކަންވެސް ދިޔައީ 'ބޯހަރު' ވެރި ކަމެއްގެ ގޮތުގައި،" ޔާމީން ވިދާޅުވި އެވެ.

އެމްޑީޕީގައި ހުންނެވުމަށްފަހު ޕީޕީއެމަށް ބަދަލުވެ ވަޑައިގަތުމުގައި މާލީ ފައިދާއެއް ހޯއްވާފައި ނުވާނެ ކަމަށާއި އެމްޑީޕީ ދޫކޮށް ޕީޕީއެމަށް ވަޑައިގަތީ ޕާޓީގެ ތެރޭގައި "އޭނާ ދަތި އަޅުވައި އޭނާ ވައްޓާލުމުން" ކަމަށެވެ. އަދި ސިޔާސީ ގޮތުން ކުރިޔަށް ދެވެން އޮތީ ޕީޕީއެމްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ ތަރައްގީގެ މިސްރާބަށްދާ ކަމުގެ އިހުސާސް ކުރެއްވޭ ކަމަށާއި މިހާރު މިއޮތީ އޭ ގްރޭޑްގެ ސަރުކާރެއް ކަމަށެވެ.

މިހާރު އުމުަރުން 23 އަހަރުގެ ޔާމީން މަޖިލީހަށް ވެދެ ވަޑައިގެންނެވީ އެންމެ ހަގު މަޖިލިސް މެންބަރުގެ ގޮތުގަ އެވެ. އޭނާ އާއި އެމްޑީޕީއާ ދެމެދު މައްސަލަ އުފެދުނީ ސުޕްރީމް ކޯޓްގެ ބެންޗަށް ބަދަލުގެ ގެނައުމުގެ ވޯޓުގައި ބައިވެރިވެ ވަޑައިގަތުމަށް މަޖިލީހަށް ވަޑައި ނުގަތުމުންނެވެ.