ރިޕޯޓް

ނައިބު ރައީސް ނެތި ހަތް މަސް: ގާނޫނީ ހުސްކަމެއް؟!

  • ނައިބު ރައީސްގެ މަގާމާ ބޭއްވުމާ މެދު ވެސް ސުވާލު
  • ގާނޫނީ ގޮތުން ނައިބު ރައީސް އައްޔަން ކުރުން މާ ލަސްވެއްޖެ
  • ނައިބު ރައީސްއެއް އައްޔަން ކުރުމުގައި ރައީސްއަަށް ވެސް އުނދަގޫތަކެއް

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 122 ވަނަ މާއްދާގައި ލިޔެފައިވެ އެވެ؛ "ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަރުވެގެން، ނުވަތަ އިސްތިއުފާދީގެން، ނުވަތަ މަގާމުން ދުރުކޮށްގެން، ނުވަތަ އޭނާ މަގާމުގެ މަސްއޫލިއްޔަތު އޭނާއަށް އަދާ ނުކުރެވޭ ފަދަ ދާއިމީ ހާލަތެއް މެދުވެރިވެގެން، ނުވަތަ ރައީސުލްޖުމްހޫރިއްޔާކަމުގެ ކަމުގެ މަގާމާ ހަވާލުވުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމު ހުސްވެއްޖެ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުއްދަތުގެ ބާކީ އޮތް ދުވަސްތަކުގައި އެ މަގާމު ފުރާނެ މީހަކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަންވާނެ އެވެ،"

މީގެ ހަތް މަސް ކުރިން، އޭރުގެ ނައިބު ރައީސްއަކަށް ހުންނެވި އަހުމަދު އަދީބުގެ މައްޗަށް ކުރެވުނު ނުރައްކާތެރި ތުހުމަތުތަކާ އެކު މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އޭނާ މަގާމުން ދުރުކުރި ފަހުން، ރާއްޖޭގެ ނައިބު ރައީސްއެއްގެ މަގާމު މި އޮތީ މިއަދާ ހަމަޔަށް ވެސް ހުސްކޮށެވެ. ގާނޫނު އަސާސީގައި ނައިބު ރައީސްއަކު ހުންނަން ޖެހޭނެ ކަމަށް އޮތް ނަމަވެސް ރައީސް އަދި މިހާތަނަށް އެ މަގާމަށް ބޭފުޅަކު ނުލައްވަ އެވެ. އެކަމަކު އެ މަގާމު އެގޮތަށް ހުސްކޮށް ބޭއްވޭނެ ހެއްޔެވެ؟ މިއީ ގާނޫނީ ގޮތުން ކިހާ ބޮޑު މައްސަލައެއް ހެއްޔެވެ؟ މީގެ ސަބަބުން ނިކުމެދާނެ ނުބައި ނަތީޖާ ތަކަކީ ކޮބައި ހެއްޔެވެ؟

ގާނޫނީ ބޭފުޅުން ވިދާޅުވަނީ، ވެރިކަން ހިންގުމުގެ ނިޒާމު ރޭވިފައިވާ ގޮތަށް ބަލާ އިރު، ނައިބު ރައީސްގެ މަގާމަކީ ވެރިކަން ހިންގުމުގެ ބާރަށް ބަލާ އިރު މުހިންމު މަގާމެއް ކަމަށެވެ. ގާނޫނީ ވަކީލު އަލީ ހުސެން ވިދާޅުވީ ނައިބު ރައީސްއެއްގެ މަގާމު ގާނޫނު އަސާސީގައި ހިމެނިފައި ވަނީ، ކުއްލިއަކަށް ދިމާވާ ހާލަތެއްގައި، ވެރިކަން ހިންގުމަށް ރައީސް ނުކުޅެދިއްޖެ ނަމަ، އެ ބާރު ދަމަހައްޓައިދީ ގައުމު ހަމަނުޖެހުމަކުން ސަލާމަތް ކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި، ނައިބު ރައީސްގެ މަގާމު ހުސްކޮށް އޮވެއްޖެ ނަމަ އެފަދަ ހާލަތެއްގައި ގާނޫނީ ބޮޑެތި އަރައިރުންތަކެއް އުފެދި ގައުމު ހުސްކަމަކަށް ދިޔުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ އެވެ. އެފަދަ މުހިންމު ސަބަބުތަަކެއް ހުރި އިރު، ނައިބު ރައީސްއެއް އައްޔަން ނުކޮށް މިހާބޮޑަށް މައްސަލަ ދިގު ދެއްމުން ގާނޫނީ ގޮތުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އަލީ ހުސެން ދެކެވަޑައިގަންނަވަ އެވެ.

"އެކަން ކުރަން ޖެހޭ ކަމަށް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް އެވަނީ ބުނެފައި. އެއީ ރައީސްއަށް ކުރެއްވޭނެ ކަމެއް ނޫން މަގާމަށް ބޭފުޅަކު އައްޔަން ނުކޮށް ވެރިކަން ކުރެއްވުމަކީ. ގާނޫނީ އަސާސީ މިހާރު އޮތް ގޮތުން މަގާމު ހުސްވާތަނުން ލަސްނުކޮށް ވީއެންމެ އަވަހަކަށް އެކަން ކުރައްވަން ޖެހޭނެ. އަނެއްކާ އެކަމުގައި މީގެ ކުރިން ވެސް އަމަލުކޮށްފައި އޮތް އާންމު އުސޫލަކީ އެއީ. ނައިބު ރައީސް ކަމުން ޖަމީލް ވަކި ކުރެއްވީމާ ޖެހިގެން އައި ދުވަހުހެން ރައީސް ނަން ފޮނުއްވެވި މަޖިލީހަށް. އެހެން ވީމާ ނައިބު ރައީސްއެއް ނެތި މިހާބޮޑަށް މައްސަލަ ދިގު ދެންމުމަކީ ގާނޫނީ ތަރަހައިގެ ތެރެއިން އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން،" އަލީ ހުސެން ވިދާޅުވި އެވެ.

އަލީ ހުސެން އެ ވިދާޅުވާ ވާހަކަޔަށް ސުޕްރީމް ކޯޓްގެ ގަޒިއްޔާއަކުން ވެސް ވަނީ ބާރު ލިބިދީފަ އެވެ. ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކެބިނެޓް މިނިސްޓަރުންނަށް ރުހުން ދިނުމަށް މަޖިލީހަށް ނުފޮނުވާ ލަސްކުރެއްވި މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން ވަކި މުއްދަތެއް ކަނޑަނާޅައި ގާނޫނު އަސާސީގައި ކުރަން ބުނެފައި ހުންނަ ކަންކަމަށް އަމަލު ކުރުމަކީ، "އިންސާނީ ބާރު ނުފޯރާނެ ފަދަ ކަމެއް ދިމާނުވާހާ ހިނދަކު ލަސްނުކޮށް ކުރަން ޖެހޭނެ" ކަންކަމެވެ. އަލީ ހުސެން ވިދާޅުވަނީ ނައިބު ރައީސްއެއް އައްޔަން ކުރަން ވަކި މުއްދަތެއް ރައީސްއަށް ގާނޫނު އަސާސީ އިން ދީފައި ނެތް ނަމަވެސް ސުޕްރީމް ކޯޓްގެ އެ ހުކުމުން ކަނޑައަޅާ އިޖުރާއަތުގެ ތެރެއިން ރައީސްއަށް އެކަން ލަސްކުރެވޭކަށް ނޯންނާނެ އެވެ.

އެހެން ނަމަވެސް ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ބޭފުޅުންގެ ހިޔާލު މުޅި މައްސަލައިގައި ވެސް ވަރަށް ތަފާތެވެ. ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވަނީ ނައިބު ރައީސްއެއް ހަމަޖެއްސުމުގެ ބާރަކީ ސީދާ ރައީސްއަށް ގާނޫނު އަސާސީ އިން ލިބިދޭ ބާރެއް ކަމަށާއި އެކަމަށް އެމަނިކުފާނަށް ފުރުސަތު ދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެ މަގާމަށް ވަކި ބޭފުޅަކު ގެނައުމާއި އެ މަގާމަށް މީހަކު ހަމަޖެއްސުން އަވަސް ކުރުމަށް ޕާޓީގެ ފަރާތުން ވެސް އަދި ޕީޕީއެމްގެ މަޖިލިސް މެންބަރުން ވެސް އެމަނިކުފާނަށް، "ޕްރެޝަރު"ކުރަން ޖާގައެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ތީގައި އެއްވެސް އެއްޗެއް ދެންނެވުން އެއީ އަޅުގަނޑުމެންނަށް ފަސޭހަކަމެއް ނޫން. އެއީ ރައީސުލްޖުމްހޫރިއްޔާ ލިބިފައި އޮތް އިހްތިޔާރެއް އެއީ އެކަމުގައި އެއްވެސް ބޭފުޅަކު އަދި މިހާތަނަށް، ހަމަގައިމުވެސް އަޅުގަނޑުމެން ފެންވަރުގެ އެއްވެސް ބޭފުޅަކު ވެސް އަދި ޕާޓީ އިން ވެސް ރައީސުލްޖުމްހޫރިއްޔާ އަށް އެކަމުގައި ޕްރެޝަރެއް ނުކުރާނެ. އެއީ ރައީސްއަށް އޮންނަ ބާރެއް،" އޭނާ ވިދާޅުވި އެވެ. "ރައީސްއަށް ލިބިވަޑައިގެންފައި އޮތް ބާރެއް އަދި ވަކި މުއްދަތެއްގައި އެކަން ކުރަން ނުބުނާ އިރު ގާނޫނާ އެކަން ހިލާފު ވާނެ ގޮތެއް ވެސް އަޅުގަނޑަޚަށް ނުފެނޭ،"

ރައީސް އަބްދުﷲ ޔާމީން އެންމެ ފުރަތަމަ މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ އެނބުރި ވަޑައިގަތުމުން ނޫސްވެރިން ނައިބު ރައީސްއެއްގެ ސުވާލު ކުރިމަތި ކުރެއްވުމުން ރައީސް ވިދާޅުވީ ނައިބު ރައީސުންގެ ކަންކަން ހިނގާފައި ހުރި ގޮތަށް ބަލާ އިރު ނައިބު ރައީސަކަށް އަންނަ ބޭފުޅެއްގެ އަމަލުތަކާއި ރާއްޖޭގެ ހަމަޖެހުމާ ގުޅުން އޮންނަ ކަމަށެވެ. އެހެންވެ، އެ މަގާމަށް ދެން ނަގަން ޖެހެނީ ވަރަށް އިހުލާސްތެރި ބޭފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، އިތުބާރު ކުރެއްވޭ ނަޒާހަތްތެރި ބޭފުޅަކު އެ މަގާމަށް ގެންނެވުމަށް ޓަކައި އެމަނިކުފާނަށް ވަގުތު ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުގެ އަތް މަތީގައި އޮތް ކަމެއް ދެއްތޯ. އަޅުގަނޑަށް ވަގުތުވެގެން އަޅުގަނޑުވެސް ނައިބު ރައީސުންނާ ދޭތެރޭގައި ހަމަ ވަރަށް ވިސްނާފައި ދެއްތޯ. މުޅި ގައުމުގެ ހަމަޖެހުން އޮތީ ނައިބު ރައީސުންގެ ހުންނަ ސިފަތަކާ ދޭތެރޭގައި ވިސްނާފައި ނެގުން ކަމަށް މިހާރު މުޅި ދިވެހި ރައްޔިތުންނަށް ގަބޫލު ކުރެވޭ ދެއްތޯ. އެހެންވީމަ ދެން އަނެއްކާވެސް މުޅި ގައުމުގެ ހަމެޖެހުމަށް އެއް ޒައާމަތެއްގައި ހަތަރު ފަސް ނައިބު ރައީސުން ބަދަލުވުމަކީވެސް ރައްޔިތުންނަށް ފަސޭހަ ކަމަކަށް ނުވާނެ ދެއްތޯ. އެހެންވީމަ އެވަރުގެ ސިފަތަކެއް ހުރި، އިހުލާސްތެރި ބޭފުޅަކު ހޯދަން މަސައްކަތް ކުރަން ޖެހޭނެ ދެއްތޯ. އެހެންވީމަ އެ ފުރުސަތު އަޅުގަނޑަށް ލިބެންވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ނައިބު ރައީސްއެއް ހޮވުން ލަސްކުރާ މައްސަލައިގައި ރައީސްގެ ޖަސްޓިފިކޭޝަނަކީ މި އެވެ.

ރާއްޖޭގެ ނައިބު ރައީސުންގެ ތާރީހު ހުތުރުވެފައި އޮތީ، ވެރިކަމުގެ އުންމީދުގައި ނައިބު ރައީސްއަށް އޭނާގެ އެޖެންޑާއިން ބޭރު ވެވި، ވެރިކަން ބަޣާވާތް ކޮށްލުމުގެ ހީލަތްތެރިކަމެއްގެ ތެރޭގަ އެވެ. މަޖިލީހުން މުޅިން އަލަށް ނައިބު ރައީސެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ޖަމީލް މަގާމުން އަޒުލް ކުރަން ޖެހުނީ ރައީސްއާ ދެކޮޅަށް ހިންގެވި އެތައް ހީލަތްތެރި މަސައްކަތްތަކެއް ފަޅާއެރުމުންނެވެ. އެއަށް ފަހު އަދީބު ބޭރު ކުރަން ޖެހުނީ ހުދު ރައީސް އަވަހާރަކޮށްލައި ވެރިކަން ޖަހައިގަތުމަށް ހިންގުނު ވަރުގަދަ ރޭވުންގަނޑެއްގެ ސަބަބުންނެވެ.

ތާރީހުގެ ތެރެއަށް ވަންނަ އިރު، ރައީސް އަމީނާއެކު ރަނގަޅަށް ހިނގަ ހިނގާ އޮތް ސަރުކާރެއް ނައިބު ރައީސް ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ އިންގިލާބު ކޮށްލެވި އެވެ. ނައިބު ރައީސެއް ނޫން ނަމަވެސް ރައީސް އިބްރާހިމް ނާސިރު ބޮޑުވަޒީރަކަށް ހިޔާރު ކުރެއްވި އަހުމަދު ޒަކީ އެންމެ ފަހުން "ދުއްވާލަން" ޖެހުނީ ވެސް މިކަހަލަ ސަބަބުތަކެއް އައިމަ އެވެ.

ނައިބު ރައީސެއް އައްޔަން ކުރުމުގެ ކުރިން އެތައް ފަހަރަކު ރައީސް ވިސްނަން ޖެހެނީ މި ސަބަބާ ހުރެ ކަމަށްވެދާނެ އެވެ. ނައިބު ރައީސްގެ މަގާމު މި ރާއްޖެއަށް ފިޓް ނޫން ކަމަށް ބުނެ ކުރެވޭ ބަހުސްގެ އަސްލަކީ ވެސް މި އެވެ. ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވެފައިވާ ގޮތުގައި ނައިބު ރައީސުންގެ ތަޖުރިބާއަށް ބަލާ އިރު ނައިބު ރައީސުންގެ މަގާމާ ދޭތެރޭ ވަރަށް ބޮޑަށް މި ވަނީ ވިސްނަން ޖެހިފަ އެވެ. ނިހާން ވިދާޅުވަނީ މާޒީގައި ކަންހިނގާފައިވާ ގޮތަށް ބަލާ އިރު ނައިބު ރައީސެއްގެ މަގާމު ރާއްޖޭގެ ނިޒާމަށް ފިޓެއް ނޫނެވެ.

"ނައިބު ރައީސްގެ މަގާމަކީ ދިވެހި ރާއްޖޭގެ މި މިނިވަން ޑިމޮކްރަޓިކް ވެއްޓަށް ފިޓް ނޫން މަގާމެއް ކަމަށް އަޅުގަނޑުމެންނަށް ސީރިއަސް ސިފައެއްގައި ގަބޫލުކުރެވޭ ހިސާބަށް ހިނގައްޖެ. ނައިބު ރައީސް ކަމުގެ މަގާމުގެ ވާހަކަ މީހަކު ދައްކަން ވެސް ބިރުގަންނަ ހިސާބަށް ހިނގައްޖެ. ވިސްނުންތެރިކަމާ އެކު ގާނޫނު އަސާސީގައި މަހްފޫމަށް ބަދަލު ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަން ވެއްޖެ،" ނިހާން ވިދާޅުވި އެވެ.

ނިހާން އެ ވިދާޅުވާ މައްސަލަޔަކީ އަސްލުވެސް އެޑްރެސް ކުރަން ޖެހިފައި އޮތް މައްސަލަ އެކެވެ. ގާނޫނު އަސާސީގެ، 117 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ "ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްުޔާގެ ނައިބާ ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރާ ކަންކަން ނައިބު ރައީސް ކުރަންވާނެ" ކަމަށެވެ. އެހެން ވީމާ ނައިބު ރައީސް އަކީ ރައީސް ހަވާލު ކުރައްވާ ކަމެއް އެގޮތަށް ކުރަން ހުންނަވާ ބޭފުޅެކެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ނައިބު ރައީސުން ކަންކުރެއްވީ އެހެނެއް ނޫނެވެ. އޭގެ ބަދަލުގައި ނައިބު ރައީސުންގެ އަމިއްލަ އެޖެންޑާ މާ ބޮޑީ އެވެ.

އެ ސަބަބުތައް ހުރި ނަމަވެސް، ވަކީލް އަލީ ހުސެން ވިދާޅުވަނީ، ނައިބު ރައީސްއެއް އައްޔަން ކުރަން ބޭނުން ނޫން ނަމަ، އެކަން ކުރެވޭނީ ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ކަމަށެވެ. އަދި ރައީސް އާއި ވެރިކަން ކުރާ ޕާޓީ އިން ކިތަންމެ ވަރަކަށް އުޒުރުދެއްކި ނަމަވެސް އެކަން ކުރެވޭނެ އެ ނޫން މަގެއް ނެތް ކަމަށް ވެސް އަލީ ހުސެން ވިދާޅުވި އެވެ. އަދި ރައީސްގެ މަގާމު ފިޓް ނޫން ކަމަށް ދެކޭ އިރު އެކަމާ ގުޅޭ ގޮތުން ވިސްނުމަށް ނޫނީ އެ މައްސަލައަށް ރިއާޔަތް ކުރުމަށް މިހާތަނަށް މަޖިލީހަށް މައްސަލައެއް އައިސްފައި ނެތް ކަމަށް ވެސް މަޖިލީހުގެ މެންބަރުކަން ކުރައްވާ އަލީ ހުސެން ވިދާޅުވި އެވެ.

"މައްސަލަތަކެއް ހުރެދާނެ ނައިބު ރައީސްގެ މިކަން ޕްރެކްޓިސް ކުރާ ގޮތުގައި. އެކަމަކު އަޅުގަނޑުމެން އަމަލު ކުރަން މިޖެހެނީ ގާނޫނަށް. އެހެން ވީމާ، ތަޖުރިބާއަށް ބަލާފައި އެކަން ނުކޮށެއް ނުބޭއްވޭނެ. ގާނޫނީ ގޮތުން ހައްލު ހޯދަން ޖެހޭނީ. އެ މަސައްކަތެއް އަދި ކޮށްފައެއް ނެތް. އެކަން ނުކޮށް ބަހަނާ ދައްކައި ނައިބު ރައީސްއަކު އައްޔަން ނުކޮށް ދިގު ނުދެންމޭނެ. އެކަން ކުރައްވަން ޖެހޭ ގޮތަށް މި އޮތީ ގާނޫނު އަސާސީގެ ސާފު އަކުރުން. އެހެން އެކަން ނުކުރާ ނަމަ ގާނޫނު އަސާސީއާ ހިލާފުއެ ވެވުނީ،" އަލީ ހުސެން ވިދާޅުވި އެވެ.

ހަގީގަތުގައި ވެސް ނައިބު ރައީސްއެއްގެ މައްސަލަ މި އޮތީ ބޮޑު ގާނޫނީ ސުވާލަކަށް ބަދަލުވެފަ އެވެ. ރާއްޖޭގެ ދުސްތޫރު އޮންނަ ގޮތުން ނައިބު ރައީސްއެއް ހުންނަން ވެސް ޖެހެ އެވެ. އެކަމަކު ނައިބު ރައީސްއެއް ނެތި ހަތް މަސް ފާއިތުވީ އެވެ. އަނެއްކޮޅުން ނައިބު ރައީސްއެއްގެ މަގާމު ރާއްޖެއަށް ފިޓް ނޫންކަމަށް ބުނާ ބަހުސަށް ވެސް އެބަ ބާރުލިބެ އެވެ. ތަޖުރިބާއަށް ބަލާ އިރު، ނައިބު ރައީސްއެއް އައްޔަން ކުރަން ރައީސްއަށް ވެސް އެބަ އުނދަގޫވެ އެވެ. މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް ނައިބު ރައީސްގެ މައްސަލައިގައި ގާނޫނީ ހައްލުތަކެއް ހޯދަން އެބަ ޖެހެ އެވެ. އެހެން ނޫން ނަމަ، ނައިބު ރައީސްއެއް ނެތުމުގެ ހުސްކަމާއި ގާނޫނީ ސުވާލުތައް ހަމަ އެގޮތުގައި ތާއަބަދަށް އޮންނާނެ އެވެ.