ހަބަރު

ވެހިކަލްތަކަށް ނުވަދެވޭ މަގަކާއި ގޯޅިއެއް ކަނޑައަޅައިފި

Feb 10, 2015

އަންނަ އާދީއްތަ ދުވަހުން ފެށިގެން ހެންވޭރު ހީނާ ގޯޅި އާއި ރަތް ވިލާ މަގަކީ ދުއްވާ އެއްޗެއްސަށް ނުވަދެވޭ، ހިނގާފައި އުޅޭ ދެ މަގު ކަމުގައިހަމަޖައްސައިފި އެވެ. 

މާލޭގައި ހަމައެކަނި ހިނގާފައި އުޅެވޭ މަގުތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތުގެ މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި މާލޭގެ ބައެއް ހަނި މަގުތަކާއި ގޯޅިތަކަށް ދުއްވާ ތަކެއްޗަށް ނުވަދެވޭ ގޮތަށް ހެދުމުން އެ ސަރަހައްދުތަކުގައި އުޅޭ ގިނަ ބަޔަކަށް ފަސޭހަ ވެގެންދާނެ އެވެ.

"މިގޮތަށް ބަންދު ކުރުމުން މި ސަރަހައްދުތަކުގައި އުޅޭ ކުޑަކުދިންނާއި މުސްކުޅިންނަށް ހިނގާ އުޅެން ވަރަށް ފަސޭހަ ވެގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބަންދު ކުރާނެ މަގުތަކާއި ގޯޅިތައް ކަނޑައަޅަނީ ވަރަށް ބޮޑަށް ބަލައި ދިރާސާ ކުރުމަށް ފަހު އެވެ.

"ބަލައި ސާވޭ ކުރުމަށްފަހު ބަންދު ކުރާނެ ތަންތަން ކަނޑައަޅަނީ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ގޯޅިއެއް ބަންދު ކުރާއިރު، އެ ސަރަހައްދުގައި އުޅޭ މީހުން ޕާކުރުމަށް ހާއްސަ އޭރިއާއެއް ދޭނެ އެވެ. އަދި އެތަނުގައި ޕާކު ކުރުމަށް ހާއްސަ ސްޓިކާއެއް އެމީހުންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ގޯޅިއެއް، މަގެއް ބަންދު ކުރުމުން އެކަން އަންގައިދޭ ގޮތަށް ހުންނާނެ. މިގޮތަށް ބަންދުކުރާ މަގެއްގައި ހުންނަ ފިހާރައަކަށް މުދާ ހިފައިގެން އަންނަ ވެހިކަލްވެސް އޭރުން އެތަނަށް ނުވަދެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މީގެ އިތުރުންވެސް އިތުރު މަގުތަކެއް ބަންދު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.