މީހުން

ލަތީފުގެ ބެޑްޝީޓުތަކުން ރާއްޖެ ކުލަކޮށްލައިފި

Jun 3, 2016
6
  • ދި ބެޑިންގްސްގެ ނަމުގައި ބްރޭންޑެއް އުފެއްދި
  • މި ބްރޭންޑުން ގިނަ ބާވަތްތަކެއް މިހާރު އުފައްދާ
  • ވިޔަފާރީގައި ކާމިޔާބު ހޯދަމުންދާ ޒުވާނެއް

ދިވެހިންނަށް ދުނިޔޭގެ އެހެން މީހުންނެކޭ އެއް ފެންވަރަށް މަސައްކަތް ކުރެވި ދާނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު މި ދެނީ ދިވެހި ހުނަރުވެރިއެކެވެ. ދިވެހި ސިކުނޑި އެކެވެ. މިއީ ރާއްޖޭގައި މިހާރު ހުރި އެންމެ މަގުބޫލު ބެޑްޝީޓް މަރުކާ ވުޖޫދަށް ގެނެސްދިން ހުނަރުވެރިޔާ އެވެ. ނުވަތަ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކާ އެއްވަރަށް ފައި ހަމަކުރާ ބެޑްލިނެންގެ ދިވެހި ނަމެވެ. މި އުފެއްދުން ވުޖޫދަށް ގެނެސްފައިވާ ޒުވާނަކީ އިބްރާހިމް ލަތީފެވެ.

"ވަރަށް ގިނަ ދުވަހުގެ މަސައްކަތް މިއީ. ފުރަތަމަ މި މަސައްކަތް ފަށަން ސްޓަޑީ ކުރަންވެސް ހަތް އަހަރު ވަރު ނެގި،" "ދި ބެޑިންގްސް" ގެ ނަމުގައި އެނދުގައި އަޅާ ބެޑްޝީޓް ފަދަ ސާމާނު ބޭރުގެ ބްރޭންޑެއްގެ ގޮތުގައި ރާއްޖޭގައި ތައްޔާރުކުރާ، ލަތީފު ބުންޏެވެ.

"ފުރަތަމަ މި މަސައްކަތް ފަށައިގެން ތިން އަހަރު ވަރު ދިޔައީ މާކެޓުގައި ސަސްޓެއިން ވާން. އެކަމަށް ލޮޓް އޮފް މަނީ އިންވެސްޓް ކުރެވިއްޖެ. އެ ހިސާބުން އަޅުގަނޑުމެން ވިސްނީ ތަފާތު ގޮތަކަށް ކުރަން."

އޭނާ ބުނި ގޮތުގައި ބާޒާރުގައި މުޅިން ތަފާތު ގޮތަކަށް ހިދުމަތް ފެށުމަށް ވިސްނުނީ ދިވެހި ބްރޭންޑެއް ގެނައުން ކަމަށެވެ. މިއީ "ދި ބެޑިންގްސް" އައުމުގެ ފުރަތަމަ ބަ އެވެ.

"އަޅުގަނޑުމެން އަމިއްލައަށް މާލޭގައި ފެކްޓްރީއެއް ގޮތައް ސާމާނު އުފައްދައިގެން މި މަސައްކަތް ފަށައިގަތީ،" ލަތީފު ބުންޏެވެ.

ލަތީފުގެ ދިވެހި ބްރޭންޑް "ދި ބެޑިންގްސް" ގެ ފުރަތަމަ އުފެއްދުން ބާޒާރަށް ނެރެފައިވަނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު ބޭއްވި "ލިވިން އެކްސްޕޯ" ގައި 40 އަށްވުރެ ގިނަ ފަރުމާ ދައްކާލި އެވެ.

"މި ހިސާބުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނު. އަޅުގަނޑުމެން ބޭނުންވީ ކަސްޓަމަރުންގެ އިތުބާރު ހޯދުން. ރާއްޖޭގައި މި ފަދަ އެތައް އުފެއްދުމެއް އޭރު ހުރި. އެހެންވެ ބެލީ އެކަން ކުރެވޭތޯ،" ލަތީފު ބުންޏެވެ.

"އެހެންވެ ކުއިލްޓް ތަކަށް ވެސް ވޮރަންޓީއެއް ދޭން ނިންމީ. މިސާލަކަށް ފުއް ނެގުނީ އެއްޗެއްގެ. އެހެންވެ އަޅުގަނޑުމެން ޕޮލިސީއެއް ހެދީ. އެ އަނބުރާ ބަދަލު ދެވޭނެ. އެ ހިސާބުން ކަސްޓަމަރުންގެ ޓްރަސްޓް ބިލްޑް ވީ. މިހާރު މާކެޓުގައި ހަތަރު އަހަރުވި އިރު ކޮމްޕްލެއިން ވަރަށް މަދު."

"ދި ބެޑިންގްސް" ގެ ސާމާނު އުފައްދަން ބޭނުން ކުރާ އޮރިޖިނަލް މެޓީރިއަލް ތައްޔާރުކުރަނީ ދުނިޔޭގައި ވެސް ފޮތި އުފެއްދުމަށް މަޝްހޫރު ޗައިނާގެ ޖިއާންޒޫއިން އެވެ. ނަމަވެސް މީގެ ޑިޒައިންނާއި އޭގެ ސައިޒުތައް ފިޓްކޮށްފައި ހުންނަނީ ރާއްޖެއަށެވެ. މި މަސައްކަތް ކުރަނީވެސް ރާއްޖޭގަ އެވެ.

"އަޅުގަނޑުމެން ފެބްރިކް އިން ގޮތައް ރާއްޖެ މި ގެންނަނީ. އަދި އެ ފެހުމާއި ހުރިހާ ކަމެއް މިކުރަނީ ރާއްޖޭގައި. ބެޑް ޝީތްތަކުގެ ޕްލޭ ކާޑްތަކުގެ ފޮޓޯ ވެސް މި ނަގަނީ ހަމަ ރާއްޖޭގައި،" ލަތީފު ބުންޏެވެ.

މި މަސައްކަތް ކުރަނީ ދިވެހިންނެވެ. މިގޮތުން ރާއްޖޭގައި ބޭރުގައި ކޮންމެ އަހަރަކު ނެރޭ ބެޑިންގެ ހަތަރު ކަލެކްޝަނާ އެއް ވަގުތެއްގައި "ދި ބެޑިންގްސް"ގެ ބްރޭންޑު ވެސް ބާޒާރަށް ނެރެ އެވެ.

"މި ޑިޒައިންގެ މަސައްކަތް މި ކުރަނީ އެއްކޮށް އުޅޭ ރައްޓެހިން. އެ މީހުންގެ މަސައްކަތުން މި މަސައްކަތް ކުރަނީ. މީގައި ބޭނުންވަނީ ޕީޕަލް ޑިވްލޮޕްމަންޓް އަންނަން. މި ބްރޭންޑް އުފެއްދި އިރު ހެޑް މާސްޓާއަކަށް މި އުޅެނީ ދިވެއްސެއް. އެއީ ރާއްޖޭގައި ފޮތި ދަބަސް ފުރަތަމަ އުފެއްދި މީހަކީ،" ލަތީފު ބުންޏެވެ.

"އަޅުގަނޑުމެން މި ވިއްކާ ހުރިހާ ކުއިލްޓަކީ ވެސް ދިވެހިން ބޭނުންވާ ގޮތައް ހެދިފައި ހުންނަ އެއްޗިހި."

"ދި ބެޑިންގްސް" އިން މިހާތަނަށް ފަސް ކަލެކްޝަނެއް ނެރެފައިވެ އެވެ. މި ކަލެކްޝަންގެ ތެރެ އިން އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވަނީ ނެރެންދި ކަލެކްޝަނެވެ.

"އަބަދު ވެސް ކޮންމެ ޕްރޮޑަކްޝަނެއްގައި ވެސް ދިވެހިވަން ތަކަން ހުންނަ އެއްޗެއް ނެރެން. މި އަށް އެންމެ ބޮޑު ސަމާލު ކަމެއް ލިބޭ. ސޭލްސް ޓްރެންޑަށް ބަލާއިރު ވެސް އެންމެ އަވަހަށް ސޭލްސް އައުޓްވީ މި،" ލަތީފު ބުންޏެވެ.

"މީގައި ޑިމާންޑް މި އަންނަނީ ފެޝަންއާ ގުޅުވައިގެން. އެއް ދުވަސްވަރެއްގައި އެންމެ ހިނގާ އެއްޗަކަށް އެންމެ ޑިމާންޑް ވެސް މި ބޮޑުވަނީ. ސަޕްލައި ވެސް ބޭސް ވަނީ އެގޮތަށް. ހަމަ އަބަދުވެސް ރާއްޖޭގައި އެންމެ ހިނގަނީ ގަދަ ކުލަތައް."

"ދި ބެޑިންގްސް" އިން މިހާރު ދަނީ ރާއްޖޭގެ ރިސޯޓުތަކަށް ބޭނުންވާ ބެޑްޝީޓާއި ކުއިލްޓް ފަދަ ތަކެތި ވެސް ސަޕްލައި ކޮށްދެމުންނެވެ.

"ދި ބެޑިންގްސް އިން ޓަވަލްސް އާއި ބޭގްސް ވެސް ތައާރަފު ކުރަން މިދަނީ މަސައްކަތް ކުރަމުން،" ލަތީފު ބުންޏެވެ.

އޭނާ ބުނި ގޮތުގައި މި ކަމަކީ ރާއްޖޭގައި ފުޅާ ކުރެވެން އޮތް އެހާމެ ޑިމާންޑު ވެސް ބޮޑު ދާއިރާ އެކެވެ.

"އަޅުގަނޑުމެން ފެށީ 3،000 ޑޮލަރު. އެކަމަކު މިހާރު އަޅުގަނޑުމެންގެ ކެޕޭސިޓީ ތިން މިލިއަނަށް ވުރެ މަތި. އެހެންވެ ބުނެވޭނީ ވަރަށް ބޮޑު ޑިމާންޑެއް މި ކަމުގައި ރާއްޖޭގައި އޮތް ކަމަށް،"

ނަމަވެސް، މިކަމުގައި ވެސް ގޮން ޖެހުންތަކެއް އެބަހުއްޓެވެ. މީގެތެރޭގައި އެންމެ ބޮޑު ހުރަހަކީ ފޭސްބުކް މެދުވެރިކޮށް ރަޖިސްޓްރީނުކޮށް މުދާ ގެނެސްގެން ވިއްކުމެވެ.

"ފޭސްބުކްގައި ބައެއް މީހުން ވިއްކާތީ ބައެއް ފަހަރު ދަތި ވޭ. މީގައި ޖެހޭ މައްސަލައަކީ ރަޖިސްޓާ ނުކޮށް މި ވިޔަފާރި ކުރުން. މިހެންވުމުން ފޭސްބުކުން ފޮޓޯ ފެނިގެން ގޮސް ބައެއް މީހުން ތަކެތި ގަނޭ. އަދި އޭގެ ފެންވަރު ދަށްވުމުން އަޅުގަނޑުމެން ވެސް އޭގައި ހިމެނޭ. އެކަމަކު ހަގީގަތުގައި މި މެޓީރިއަލް އެނގޭނީ ޝޯވް ރޫމަ އަށް ގޮސް ބަލައިލުމުން،" ލަތީފު ބުންޏެވެ.

ލަތީފު ބުނީ މި މަސައްކަތަށް ގިނަ ބައެއްގެ ސަޕޯޓް ލިބެމުންދާ ކަމަށެވެ.

"މި ކަމަށް ހުރިހާ ސަރުކާރެއްގެ ތެރެއިން ވެސް ވަރަށް ރަނގަޅަށް އެހީތެރިކަން ލިބޭ. އޭގައި ހިމެނޭ ފައިނޭންޝަލީ ވެސް. މީގެ އިތުރުން ގަވާމެންޓުގެ ވަކި ލެވަލްގެ ބަޔަކަށް މި ޕްރޮޑަކްޓަށް ކޮމެންޓް ކުރަން ހުޅުވާލި އަސް ވަރަށް ވަރަށް ރަނގު ތަރުހީބެއް ލިބޭ،"

އޭނާ ބުނީ ރިސޯޓުތަކާއި ގެސްޓް ހައުސްތަކަށް ހާއްސަކޮށްގެން ބޮޑެތި އޯޑަރުތައް ނެގުމުގެ ކުޅަދާނަކަން މިހާރު އެ ވިޔަފާރީގައި އެބަހުރި ކަމަށެވެ.

"އޯޑަރު ދޭތާ 45 ދުވަހުގެ ތެރޭގައި އެ އެއްޗެއް ފޯރުކޮށް ދިނުމުގެ ގާބިލްކަން މިހާރު އަޅުގަނޑުމެންގެ ކިބާގައި އެބަހުރި. ހަތަރު ފަސް ރިސޯޓަށް ވެސް ސަޕްލައި ކުރެވިދާނެ،" ލަތީފު ބުންޏެވެ.

ކޮންމެއަކަސް މިއީ ވެސް ދިވެހި ހުނަރުވެރި އެކެވެ. ރާއްޖޭގައި ބްރޭންޑެއް އުފަންކޮށް، އެ ބްރޭންޑް ފައްކާ ކުރުމުގައި ލަތީފު މިވަނީ ކާމިޔާބު ހޯދާފަ އެވެ. ދުނިޔެއާއެއް ހަމައެއްގައި އޭނާ މިހާރު އެދަނީ ފައިހަމަ ކުރަމުންނެވެ.