ޓެކްނޯލޮޖީ

މުޅިން އާ ވީއެސްކޯއެއް!

ދިވެހިންގެ ތެރޭގައި ވީއެސްކޯއަކީ ވަރަށް ވެސް މަޝްހޫރު އަދި ގިނަ ބަޔަކު އޭގެ އަވައިގައި ޖެހިފައިވާ އެޕްލިކޭޝަނެކެވެ. ފޮޓޯ އެޑިޓްކުރުމުގެ ފިލްޓާތަކުގެ ދުނިޔޭގައި އެންމެ ވިދަމުން އަންނަ މި އެޕްލިކޭޝަންގެ މުހިންމު އަޕްޑޭޓެއް ކުރިޔަށް އޮތް ދުވަސް ތަކުގެ ތެރޭގައި އަންނާނެކަން ވީއެސްކޯއިން މިވަނީ އިއުލާންކޮށްފައެވެ.

ވީއެސްކޯގެ ރަސްމީ ސައިޓުގައި ބުނެފައި ވަނީ އާ އަޕްޑޭޓްގައި އެޕލްިކޭޝަންގެ އިންޓީރިޔާ ޑިޒައިން މުޅިންކަހަލަ ގޮތަކަށް އަޕްޑޭޓްކޮށްލާނެ ކަމަށެވެ. އޭގެތެރޭގައި ވީއެސްކޯގެ އައިކަންތަކަށް ވެސް ބަދަލުއައުމާއި ޒަމާނާ ގުޅޭ ކަހަލަ ތީމްތަކެއް އެޕްގެ ތެރޭގައި ހިމެނޭނެ ކަމަށް ވީއެސްކޯއިން ބުނެ އެވެ. މިއަޕްޑޭޓުގައި އެންމެ ފާހަގަ ކޮށްލެވޭ އަދި އެންމެ ބޮޑު ފީޗާއެއްކަމަށް ވީއެސްކޯއިން ބުނަނީ މި އެޕްގައި ގެސްޗާ ބޭސްޑް އިންޓަފޭސްއެއް ހިމެނުމެވެ.

މި ގެސްޗާ ބޭސްޑް އިންޓަފޭސްގެ ސަބަބުން އެޕްގައި ހިމެނިފައިވާ އައިކަންއެއް ބޭނުންކޮށްލައިގެން އެކި ސައިޑް ސައިޑަށް ސްލައިޑް ކޮށްލެވޭނެ އެވެ. މީގެ ސަބަބުން އެޕް ބޭނުންކޮށްލުމަށް ފަސޭހާނެ އެވެ. ހަމަ އެއާއިއެކު ވީއެސްކޯގެ މިހާރު ބޭނުން ކުރަމުންދާ ލޯގޯއަށް ވެސް ބަދަލުތަކެއް އަންނާނެކަމަށް ވީއެސްކޯއިން ވަނީ ބުނެފައެވެ. މި އެޕްގެ އާ އަޕްޑޭޓް ވީއެސްކޯއިން ނަން ދީފައި ވަނީ "ނިއު ވީއެސްކޯ: ނިއު އެކްސްޕީރިއެންސް" އެވެ.

ވީއެސްކޯއަކީ ފަށައިގެންއިރު ހަމަ އެކަނި އެޑިޓިންގް އެޕަކަށް ވީނަމަވެސް މިހާރު ވީއެސްކޯއިން ވަނީ އެމީހުންގެ އަމިއްލަ ޝެއަރިންގް ޕްލެޓްފޯމެއްވެސް ހަދައިފަ އެވެ. މިހާރު ވީއެސްކޯގެ އެޕް އެންޑްރޮއިޑް އަދި އައިއޯއެސް އިންވެސް ބޭނުންކޮށްލެވެއެވެ.

މި އަޕްޑޭޓަށް ގިނަ ބަޔަކު ކެއްމަދުވެފައިވީ ނަމަވެސް އެއްބަޔަކު ސޯޝަލް މީޑިޔާގައި ދަނީ މި އަޕްޑޭޓް މީ މީހުންނަށް ކަމުދާނެ އަޕްޑޭޓަކަށް ހެދުމަށް ގޮވާލައި އިންސްޓަގްރާމް އިން ގެނައި ފަދަ ހަޑި އަޕްޑޭޓަކަށް މި އަޕްޑޭޓް ނުހެދުމަށް ގޮވާލަމުންނެވެ. އިންސްޓަގްރާމްއިން މިދިޔަ މަހު ނެރުނު އަޕްޑޭޓް ގިނަބަޔަކަށް މާ ކަމުދިޔަ އަޕްޑޭޓަކަށް ނުވިއެވެ. އެހެން ކަމުން ވީއެސްކޯއިން މިބުނާ ފަދަ ތަފާތު އަޕްޑޭޓަކަށް މި އަޕްޑޭޓްވެދާނެ ހެއްޔެވެ؟