ހަބަރު

މާލޭގެ މަގުމައްޗަށް އިތުރު ފުލުހުން ނެރެ، ސެކިއުރިޓީ ވަރުގަދަކޮށްފި

މިރޭ މާލޭގައި ހިނގި ގޭންގް މާރާމާރީއާ ގުޅިގެން މާލޭގެ މަގުމައްޗަށް އިތުރު ފުލުހުން ނެރެ، މާލޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި އެވެ.

މަގު މައްޗަށް އިތުރު ފުލުހުން ނެރެފައިމިވަނީ ދެ މާރާމާރީއެއް ހިނގާ، އުމުރުން 14 އަހަރުގެ ދެ ފިރިހެން ކުދިން މަރުވެފައިވަނިކޮށެވެ. އިތުރު ފުލުހުން މަގު މައްޗަށް ނެރެފައިވާއިރު ހާއްސަ އޮޕަރޭޝަނެއް ވެސް ފުލުހުން ވަނީ ފަށާފަ އެވެ. މި އޮޕަރޭޝަނުގެ ދަށުން ހާއްސަ ޗެކް ޕޮއިންޓްތަކެއް ގާއިމުކޮށް ވެހިކަލްތަކާއި މީހުން ދަނީ ފާސްކުރަމުންނެވެ.

މާލޭގައި މިރޭ ދެ މާރާމާރީއެއް ހިނގާފައިވާއިރު، މިރޭ ފުރަތަމަ މާރާމާރީ ހިނގާފައިވަނީ މާފަންނުކޮޅުގަ އެވެ. އެ މާރާމާރީގައި ކަރަށް ވަޅި ހަރައި ޒަހަމްކޮށްލި އުމުރުން 14 އަހަރުގެ ކުއްޖާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިރޭ 7:40 ހާއިރު އެވެ. ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް އޮތީ ހޭނެތިފަ އެވެ.

ދެވަނަ މާރާމާރީ ހިނގާފައިވަނީ، މާފަންނު ކޮޅުގައި ހުރި ގެއެއްގެ ތެރޭގަ އެވެ. މި މާރާމާރީގައި ވެސް ޒަހަމްވީ އުމުރުން 14 އަހަރުގެ ކުއްޖަކަށެވެ. ވަޅި ހެރުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ މަރުވެފައިވަނީ މިރޭ 10:30 ހާއިރު ކަމަށް އައިޖީއެމްއެޗްއިން ބުނެ އެވެ.

މާލޭގެ މަގުމައްޗަށް އިތުރު ފުލުހުން ނެރެފައިވާއިރު މާރާމާރީ ހިނގި ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ. އަދި އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނުގައި ފުލުހުން ދަނީ ހަރަކާތްތެރިވެ ސެކިއުރިޓީ ބަލަހައްޓަމުންނެވެ.