- މާރާމާރީ ހިނގީ ދެ ގްރޫޕެއްގެ ދެމެދުގައި
- މަރުވީ 14 އަހަރުގެ ދެ ކުދިން
- މާރާމާރީ ހިނގީ އަންހެން ކުއްޖެއްގެ މައްސަލައިގައި ކަމަށްވޭ
ވަޅި ޖަހައި މީހަކު މަރާނުލާތާ މަސްތަކަކަށް ފަހު މިރޭ މާލޭގައި ހިންގި ދެ މަރާމާރީއެއްގައި ކަރަށް ވަޅި ޖަހައި ދެ މީހަކު މަރާލައިފި އެވެ. ފުލުފުލުގައި ދެ މަރު އައުމުން ހަފްތާ ބަންދާ ދިމާކޮށް މާލެ ތެރެ މި ވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ.
ފުލުހުން ބުނަނީ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީ ފެށުނީ، މިއަދު ހަވީރު 5:45 އެހާކަން ހާއިރު، ޝަހީދު އަލީ ހިނގުމާއި މަޖީދީ މަގު ގުޅޭ ކަންމަތީގައި ހުރި ޒުވާނަކަށް ގްރޫޕަކުން ހަމަލާދިނުމާ އެކުގައި ކަމަށެވެ. މަންޒަރު ދުށް މީހުން ބުނަނީ، ދެ ސައިކަލެއްގައި އައި ގްރޫޕަކުން އެ ސަރަހައްދުގައި ހުރި ކުއްޖަކަށް އެންމެ ފުރަތަމަ ހަމަލާދިނީ ދަނޑިބުރިން ކަމަށެވެ. އެއަށް ފަހު އޭނާ މަގުމައްޗަށް ވައްޓާލައި ކަރަށް ވަޅި ޖެހުމަށް ފަހު އެ ގްރޫޕުން ފިލީ ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ. ސަރަހައްދަށް މީހުން އެއްވި އިރު އޭނާ ކަރުން އައީ ހޯސްލާފައި ލޭފައިބަމުން ކަމަށް ވެސް އޭނާ ބުންނެވެ. އޭނާ ކިޔައިދިން ގޮތުގައި އެމްބިއުލަންސަށް އެރުވި އިރުވެސް އެ ކުއްޖާ އޮތީ ހޭނެތިފަ އެވެ.
"ވަރަށް ގިނައިން އޭރުވެސް ކަރުން މަގުމައްޗަށް ލޭފައިބަމުން އައީ،" މަންޒަރު ފެނުނު ގޮތް އޭނާ ކިޔައިދިނެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމަކުން 14 އަހަރުގެ އެ ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް އޮޕަރޭޝަންތައް ކުރަމުން ދަނިކޮށް އޭނާ މަރުވީ މިރޭ 8:00 އެހާކަން ހާއިރު އެވެ. އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު ވިދާޅުވި އެ ކުއްޖާ އައިޖީއެމްއެޗަށް ގެނައި އިރުވެސް ހާލު ވަރަށް ނާޒުކެވެ. އަދި އޭނާ މަރުވީ ކަރަށް ލިބުނު ޒަހަމްތަކުގަ އެވެ.
ދެވަނަ މަރާމާރީ ހިނގީ އެ ކުއްޖާ މަރުވި ހަބަރު ފެތުރުނުތާ މާ ގިނައިރެއް ނުވެ ގާތްގަނޑަކަށް 8:30 އެހާކަން ހާއިރު އެވެ. ތާޖުއްދީން ސްކޫލްގައި ކިޔަވާ، 14 އަހަރުގެ އަހުމަދު އިރުޝާމް ހިލްމީގެ ބުރަކަށީގެ އެތައް މިތަނަށް ވަޅި ހަރާލީ މ. ޔާގޫތުގޭގެ ކައިރީގައި ހުންނަ، އޭނާ ދިރިއުޅޭ ގޭގެ ކުރިމަތީގައި މަޑުކޮށްލައިގެން ހުއްޓަ އެވެ. އޭނާ ވެސް، މަރުވީ އައިޖީއެމްއެޗަށް ގެންދިޔަ މަގުމަތީގަ އެވެ. އެ މާރާމާރީގެ ތަފްސީލްތަކެއް ނޭނގެ އެވެ.
ފުލުހުން ބުނަނީ އެ ދެ މާރާމާރީ އަކީ ގުޅުން ހުރި ކަމެއްކަން އަދި ނިންމަން އަވަސް ކަމަށެވެ. އެކަމަކު ފުލުހުންގެ ހާއްސަ ޓީމަކުން އެދެ މާރާމާރީގެ ތަހުގީގު ފަށައިގެންފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެކަމަކު އެ ކަމުގެ މައުލޫމާތު އެނގި ހުރި ބައެއް، ބައެއް މީހުން ބުނަނީ 14 އަހަރުގެ ކުދިބައެއްގެ މެދުގައި މާރާމާރީ ހިނގައިގެން ދިޔައީ ލޯބިވެރިއެއްގެ މައްސަލައިގަ އެވެ. އަދި ދެވަނަ މާރާމާރީ އަކީ ފުރަތަމަ މަރުގެ ބަދަލު ހިފުމަށް ހިންގި ކަމެކެވެ.
މި މާރާމާރީތަކާ އެކު މާލެ ތެރެ ބެލެހެއްޓުމަށް ވެސް އިތުރު ފުލުހުން ވަނީ ނެރެފަ އެވެ. އެހެން ނަމަވެސް އާންމުންގެ މެދުގައި އޮތް ބިރުވެރިކަމާއި ހާއްސަކަމަށް ނިމުމެއް ނާދެ އެވެ. ވީޑެންޑާ ދިމާކޮށް ގިނަ ބަޔަކު މަގުމަތީގައި އުޅުނު ނަމަވެސް އެ ހަބަރު ފެތުރުމާ އެކު މަގުތަކުން މަޑުމަޑުން މީހުން ވަނީ މަދުވާން ފަށައިފަ އެވެ. "އަވަސް"އާ ހިޔާލު ހިއްސާކުރި ބައެއް މީހުން ބުނި ގޮތުގައި ދެ މަރު ފުލުފުލުގައި އައުމުން ހިތަށް ވަނީ ބިރުވެރިކަން ވެރިވެފަ އެވެ. އަދި މިވަގުތު މަގުމަތީގައި އުޅުމަކީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށް ބައެއް މީހުން ބުންޏެވެ.
"އެވެނި މިވެނި މީހަކު ކަމަށް ހީކޮށް ވެސް ވަޅިއެއް ޖަހާފާނެ. މިހާ ކައިރިކައިރީގައި މިދެ ކަންތައްތައް ހިނގީމާ މާލެ ތެރެ އެއްގޮތަކަށް ވެސް ރައްކާތެރި ކަމަށް ގަބޫލެއް ނުކުރެވޭ. އަނެއްކާ ވެސް މާމާރީތައް ފެށުނީހެން މި ހީވަނީ،" ސޯޝަލް މީޑިއާގައި މީހަކު ހިޔާލުފާޅުކުރި އެވެ. މާލެ ތެރެއަށް މި ވަނީ ބޮޑު ބިރުވެރިކަމަކުން ބައްދާލައިފަ އެވެ. މިއީ މިފަހަކަށް އައިސް މިގޮތަށް ހިންގި ސިލްސިލާ މާރާމާރީތަކެއްގައި މިހާ ކުޑަ ދެކުދިން މަރުވި ފުރަތަމަ ފަހަރެވެ. އަނެއްކާ މިކަހަލަ ކަމެއް ނުހިނގާ އޮންނަތާ ދުވަސްގަނޑެއް ވެއްޖެ އެވެ.
ފުުލުހުން ބުނަނީ މާލެ ތެރޭގައި ސަލާމްތްތެރިކަން ކަށަވަރު ކުރާނެ ކަމަށެވެ. ފުލުހުންގެ ޗެކްޕޯސްޓްތައް އިތުރުކޮށް އެ މަރާމާރީގައި ހިމެނޭ މީހުން ހޯދުމަށް ފުލުހުންގެ ހާއްސަ ޓީމްތަކުން މަގުމައްޗަށް ނިކުމެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެކަމުގައި ހިމެނޭ އެންމެ ހޯދައި މާލެ ތެރެ އާންމު ހާލަތަކަށް ގެންނާނެ ކަމަށް ފުލުހުން ބުނެ އެވެ.