ރިޕޯޓް

އުމަރު: ރައީސް ޔާމީންގެ ވަފާތެރި ވާދަވެރިޔާ!

  • ރައީސް އާއި އުމަރާ ދެމެދު މައްސަލައެއް ނެތް
  • މަގާމު ގެއްލުނަސް އިދިކޮޅު ފަރާތްތަކާ ނުގުޅޭނަން
  • ރައީސްއަށް ގައްދާރުވުމަކީ ކުރައްވާނެ ކަމެއް ނޫން

މިއީ ވަފާތެރި ވާދަވެރިއެއްގެ ވާހަކަ އެވެ. ވަފާތެރި ކެހިވެރިން ގިނަ ވެދާނެ އެވެ. ނަމަވެސް ވަފާތެރި ވާދަވެރިންނަކީ މަދު ބަޔެކެވެ. އޭގެ ތެެރެއިން އެއް ބޭފުޅަކީ މިހާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. ހަނދާން ހުންނާނެ އެވެ. ދެހާސް ތޭރަވަނަ އަހަރަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދަން މިހާރުގެ ރައީސް އަބްދުﷲ ޔާމީންއާ ވާދަކުރެއްވީ މިނިސްޓަރު އުމަރެވެ. އަދި ޕާޓީގެ ތެރެއިން އެންމެ ފާޅުގައި ރައީސް ޔާމިންއަށް ފާޑު ވިދާޅުވީ ވެސް އެބޭފުޅާ އެވެ. ނަމަވެސް މިހާރު އުމަރު އިންނެވީ މި ސަރުކާރުގެ އެންމެ މުހިންމު އެއް މިނިސްޓަރު، ހޯމް މިނިސްޓަރު ކަމުގެ މަގާމުގަ އެވެ. ސަރުކާރަށް ކުރިމަތިވާ ހަމަލާތައް ދިފާއު ކުރެއްވުމަށް އެންމެ ކުރިން ތެދުވެ ވަޑައިގަންނަވާ ބޭފުޅަކީ ވެސް އުމަރެވެ. ސުވާލަކީ މި ދެ ބޭފުޅުންގެ ވާދަވެރިކަން ނެތި ދިޔައީ ހެއްޔެވެ؟

އެހެނެއް ނޫނެވެ. އަދިވެސް ވާދަވެރި އެވެ. އުމަރަކީ ސިޔާސީ މައިދާނުގައި ރައީސްއާ އެންމެ ވާދަވެރި ބޭފުޅާގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.

"އަޅުގަނޑާއި ރައީސްއަކީ ވާދަވެރިން ސިޔާސީ މާހައުލުގައި، އަޅުގަނޑު ކަހަލަ ރައީސްގެ ވާދަވަރިއެއް އެމަނިކުފާނުގެ ކެބިނެޓްގައި އިށީދެ އިނުމަކީ ރައީސްގެ ސޮފްޓްކަން އަސްލު، އެހުންނޫން ނަމަ، އަޅުގަނޑު ކަހަލަ މީހަކު ނުބައިންދާނެ ނޫންތޯ، އަޅުގަނޑު މިއީ ރައީސްގެ ވާދަވެރިއެއްވިޔާ، އެއީ ރައީސްގެ ސޮފްޓްކަން ހަމަ،" އުމަރު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވާ ގޮތުގައި ރައީސް އާއި އުމަރުގެ ގުޅުން ވަރަށް ގޯހެވެ. ހިޔާލު ތަފާތެވެ. މަޝްވަރާއެއް ވާހަކައެއް ވެސް ނުދައްކަވަ އެވެ. ދޭތެރެ ދޭތެރެއިން މައްސަލަގަނޑު ހޫނުވެ، އިސްތިއުފާދެއްވަން ވެސް އުމަރު މަސައްކަތް ކުރައްވާ ކަމަށް އޮންނަނީ އަޑުއަރައިފަ އެވެ. މިއީ ކިހާވަރެއްގެ ހަގީގަތެއް ހެއްޔެވެ؟ "އަވަސް"އަށް ދެއްވި ހާއްސަ އިންޓަވިއުގައި އުމަރު ވިދާޅުވީ، މިހާތަނަށް ރައީސްއާ އެއްވެސް މައްސަލައެއް ޖެހިފައި ނެތް ކަމަށެވެ. އަދި އަޑުހަރުކޮށް ވެސް ދުވަހަކު ވެސް ރައީސް، ވާހަކަ ދައްކަވާފައިނުވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"ދުވަހަކު ވެސް ރައީސް ނެތް އަޅުގަނޑަކާ ހަޑިކޮށް އެއްޗެއް ވިދާޅުވެފައެއް، ބަރުކޮށް ވެސް އެއްޗެއް އަޅުގަނޑާ ދިމާލަށް ވިދާޅުވެފައެއް ނެތް، އިނގޭތޯ، މިއީ ހަމަ ރައީސްއަށް ކްރެޑިޓް ދޭން ޖެހޭ ކަމެއް، ދުވަހަކުވެސް ނެތް ބަރުކޮށް ހަޑިކޮށް އެއްޗެއް ވިދާޅުވެފައެއް، އަދި އެހެން މީހެއްގެ ކައިރީ ވެސް އަޅުގަނޑާ މެދު އެކަހަލަ ވާހަކައެއް ދައްކާފައެއް ނުވޭ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، ރައީސްއާ ދެމެދު ހިނގާ ހުރިހާ މުއާމަލާތެއް ހިނގަނީ އިހުތިރާމާއެކުގައި ކަމަށެވެ.

ރައީސް ޔާމީން އަކީ ބޮސް! ކިޔަމަންވާނަން

އުމަރު ވިދާޅުވީ މިހެނެވެ. ރައީސްއަކީ ބޮސް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ރައީސް ވިދާޅުވާ ކަންކަން ކުރައްވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. ސަބަބަކަށް ވަނީ އުމަރު ވިދާޅުވި ގޮތުގައި ކެބިނެޓް މިނިސްޓަރަކަށް ގާނޫނުން މަތިކުރާ ޒިންމާ އަކީ އެއީ އެވެ. އުމަރު ވިދާޅުވީ ގާނޫނާ ހިލާފަށް ވަކި ކަމެއް ކުރުމަށް ރައީސް ނާންގަވާހާ ހިނދަކު އަމަލު ކުރައްވާނީ ރައީސްކަމެއް ކުރައްވަން އިރުޝާދު ދެއްވާ ގޮތަށްކަމަށެވެ. އަދި އަމިއްލަ އިންޓަރެސްޓްގައި އެއްވެސް ނިންމުމެއް ނުނިންމަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަން ރައީސްއަކީ އަޅުގަނޑު ބޮސް ކަމަށް، އެހެންވީމަ ހަމަ ރައީސް ވިދާޅުވާ ގޮތަށް އަޅުގަނޑުގެ މަސައްކަތްތައް ހިނގާނީ، ރައީސް ވަކި ގޮތަކަށް އިންސްޓްރަކްޝަން ދީފިނަމަ އެގޮތަކަށް އަޅުގަނޑު ދާނީ، އެގޮތަކީ ގާނޫނާ ހިލާފު ގޮތެއް ނޫންނަމަ އެގޮތަކަށް ކުރިއަށް ދާނީ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، ރައިސުލްޖުމްހޫރިއްޔާއަކާއެކު މަސައްކަތް ކުރައްވާނެ ގޮތް އެނގޭ ކަމަށެވެ. ރައިސުލްޖުމްހޫރިއްޔާއަށް ހިދުމަތްކޮށްދޭން ކޮންމެ ކެބިނެޓް މިނިސްޓަރަކު ވެސް ހުވައެއް ކޮށްގެން ރައިސުލްޖުމްހޫރިއްޔާއަށް ވަފާތެރިވުމަށް ކަމަށް އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑު މިތާ ހުރިހާ ދުވަހަކު ހުންނާނަން ރައީސްއަށް ވަފާތެރިއެއްގެ ގޮތުގައި،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، އިދިކޮޅު ފަރާތްތައް ހާއްސަކޮށް އެމްޑީޕީއިން އުމަރާއި ރައީސްއާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް ބުނެ އަޑުތައް އަރުވަނީ ނުވަތަ އެގޮތަށް އެ ފަރާތްތަކަށް ހީވަނީ މިނިސްޓަރަކީ އަބަދުވެސް އެއްގޮތެއްގައި ސާބިތުކަމާ އެކު ހުންނަވައި ހަވާލު ކުރައްވާ މަސައްކަތްތައް ބަރާބަރަށް ކުރައްވާތީ އެވެ. އަދި އެއީ އިދިކޮޅު ފަރާތްތަކަށް ބަލަން ކެތްވާވަރުގެ ކަމަކަށް ނުވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

"އެމްޑީޕީއިން މީހުންނަށް އެހެން ހީވަނީ އަޅުގަނޑަކީ އަމިއްލަ ހިޔާލު ހުންނަ މީހަކަށް ވާތީ، އެކަމަކު ރައީސް ވަކި ގޮތެއް ނިންމެވުމުން އަޅުގަނޑުގެ ހިޔާލު ހުއްޓޭނެ، އެކަމަކު ރައީސް ވަކި ގޮތެއް ނުނިންމަންޏާ އަޅުގަނޑުގެ ހިޔާލު އޮންނާނީ، އޭރަށް އެގޮތަކަށް ދާނީ، ރައީސް ވަކި ގޮތެއް ނިންމެވީމާ ރައީސް އަންގަވާ ގޮތަކަށް ކަންތައްތައް ކުރާނީ،" އުމަރު ވިދާޅުވި އެވެ. "ވަޒީރުކަމުގައި އަޅުގަނޑު ހުރިހާ ދުވަހަކު އެގޮތަށް ކަންތައްތައް އޮންނާނީ، ރައީސްއާއި އަޅުގަނޑާ ދެމެދު އެއްވެސް މައްސަލައެއް ނެތް،"

މަގާމު ގެއްލުނަސް އިދިކޮޅެއް ނުވާނަން!

މަގާމުން ވަކިވާން ރައީސް އަންގަވައިފިނަމަ އެއްވެސް ހިތްބުރަކަމެއް ނެތި ރައީސްގެ ނިންމެވެމުމަށް އިހުތިރާމްކުރާނެ ކަމަށް އުމަރު ވިދާޅުވި އެވެ. މިނިސްޓަރުގެ ހިދުމަތް ބޭނުންނުވާ ކަމަށް ރައީސްއަށް ފެނިއްޖެނަމަ ސުލްހަވެރިކަމާއެކު މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

"ރައީސްއަށް އަޅުގަނޑު ދަންނަވާފައި އޮންނާނީ އަޅުގަނޑުގެ ހިދުމަތް ރައީސްއަށް ބޭނުންފުޅު ނުވާ ހިސާބަށް އައިސްފިނަމަ ނުވަތަ އަޅުގަނޑާ މެދު ހިތްހަމަ ނުޖެހިއްޖެޔާ ރައީސް ވިދާޅުވީމަ އަޅުގަނޑު ހަމަ އިސްތިއުފާ ދީފަ ދާނަމޭ، ހިތްހަމަ ނުޖެހުމަކުން ނޫން ދާނީ ވެސް، ވަރަށް ޕީސްފުލްކޮށް އެކަން ހިނގާނީ ވެސް،" އުމަރު ވިދާޅުވި އެވެ.

ސަރުކާރުން ނިކުމެގެން ދާން ޖެހުނަސް ރައީސްއާ އިދިކޮޅު ފަރާތްތަކާ ނުގުޅޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު މަސައްކަތް ކުރުމަކީ، 100 ޕަސެންޓް ނުވާނެ ކަމެއް ކަމަށް އުމަރު ވިދާޅުވި އެވެ. ޖަލުގައި އޮންނަން ޖެހުނަސް ގައުމުގައި ހައްގުގައި އެއީ ކުރެވެން ނެތް ކަމެއް ކަމަށް އުމަރު ވިދާޅުވި އެވެ.

"ގަބޫލުކުރައްވާ، ދުވަހަކު ވެސް އަޅުގަނޑު ނިއިށީންނާނަން ނަޝީދު އަރިހުގައެއް، މި ސަރުކާރުން އަޅުގަނޑު ކާޑާލިޔަސް ޖަލަށް ލިޔަސް ކޮންމެ ކަމެއް ކުރިޔަސް އަޅުގަނޑު ނަޝީދާއެކު ނިއިށީންނާނަން، ދެޓްސް އަ ނޯ ނޯ ފޯ މީ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، އެމްޑީޕީގެ ސަފުގައި މިހާރު ޖަމީލާއި މަހުލޫފް ހުރި ފަދައިން މިނިސްޓަރު ހުރެދާނެ ކަމަށް އެމްޑީޕީ އިން އުންމީދު ވެސް ކޮށްގެން ނުވާނެ އެވެ. އަދި އެއީ މުޅިން މޮޔަ ހިޔާލެކެވެ.

ރައީސްއަށް ގައްދާރެއް ނުވާނަން!

އުމަރު ވިދާޅުވީ ދެ ދައުރު ނިމެންދެން ރައީސް ޔާމީންއާ އެކު ސާބިތުވެ އޭނާ ހުންނަވާނެ އެވެ. އަދި ކުރިއަށް އޮތް ދައުރުގައި ރައީސް ޔާމީން ވެރިކަމަށް ގެންނަން އުމަރު ހުންނެވީ ސާބިތު މަސައްކަތްތަކެއް ކުރެއްވުމުގެ ވަރުގަދަ އަޒުމެއްގަ އެވެ. އުމަރުގެ އަމާޒަކީ 2023 އެވެ. އެކަމަކު އުމަރު ވިދާޅުވީ ގޮތުގައި މިނިސްޓަރަކަށް ހުރެ، ރައީސް ކަމަށް ކެމްޕޭނު ކުރެއްވުމަކީ ކުރާނެ ކަމެއް ނޫނެވެ. އަދި މިއީ ކެމްޕޭނެއް ފަށަން މާ އަވަސް ކަމަށް މިނިސްޓަރު ދެކެވަޑައިގަންނަވަ އެވެ.

"ރައީސް ކަމަށް ކުރިމަތިލެއްވުމަކީ އަޅުގަނޑު ޝައުގުވެރިވާ ކަމެއް ކަމަށް އަޅުގަނޑު މި ބުނަނީ. އެއީ އެކަމަކު 2023. އަޅުގަނޑު ކޭމްޕޭނު ކުރަން ވީމާ، 2023 އަށް އަޅުގަނޑު ތައްޔާރުވާންވީމަ އޭރަކު ހުންނަވާ ރައިސުލްޖުމްހޫރިއްޔާއަށް ދަންނަވާފައި ވަކިވެގެން ގޮސް އަޅުގަނޑު ތައްޔާރީތައް ފަށާނީ، އަޅުގަނޑު ސަރުކާރުގެ ވަޒީރަކަށްހުރެ ކެމްޕޭނެއް ނުފަށާނަން. އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، ރައިސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅެއްގެ މެޔަށް ވަޅި ހެރުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. ހިޔާލު ތަފާތުވެއްޖެ ނަމަވެސް އެ ވާހަކަ ދަންނަވާފައި ސުލްހަވެރި ގޮތުގައި ސަރުކާރުން ނިކުންނަވާނީ ކަމަށް ވެސް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.

"މިތާ ތެރޭ [ސަރުކާރުގައި] ހުރެގެން އަޅުގަނޑު ގޯސް ކަމެއް ނުކުރާނަން، މިތާ ތެރޭ [ސަރުކާރުގައި] ހުންނައިރު އަޅުގަނޑު ހުންނާނީ ފާމްކޮށް،" އުމަރު އޭނާގެ ސްޓޭންޑް ހާމަ ކުރެއްވި އެވެ.