ހަބަރު

އެމްޑީޕީ މާހެފުން ހުއްޓުވީ ހުއްދަ ނުހޯދާ އެކަން ކުރުމުން: ފުލުހުން

ސޯސަން މަގުގައި ހުންނަ އެމްޑީޕީގެ އޮފީސް ކުރިމަތީގައި ބާއްވަން އުޅުނު މާހެފުމަށް ފުލުހުން ހުރަސް އަޅައި، އެ ހަރަކާތް ހުއްޓުވީ އެކަމަށް އެމްޑީޕީއިން ހައުސިން މިނިސްޓްރީން ހުއްދަ ހޯދާފައިނުވާތީ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެފަދަ ހަރަކާތްތައް މަގުމަތީގައި ހިންގުމަށް ހައުސިން މިނިސްޓްރީން ނަގަންޖެހޭ ހުއްދަ ނުނަގާ، އެމްޑީޕީން އެފަދަ ހަރަކާތެއް ހިންގަން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން އިއްޔެ މެންދުރުގެ ވަގުތެއްގައި އެގޮތަށް އެކަންތައް ނުކުރުމަށް އަންގާފައިވާނެ ކަމަށެވެ.

ނަމަވެސް، ފުލުހުންގެ އެންގުމާ ހިލާފަށް ރޭ އެ ހަރަކާތް މަގުމަތީގައި ކުރިއަށް ގެންދަން މަސައްކަތްކުރުމުން، މަގުމައްޗަށް ދަތިވާގޮތަށް ބަހައްޓާފައިހުރި ތަކެތި ނަގައި، އެ ހަރަކާތް ހައުސިން މިނިސްޓްރީގެ ހުއްދަނެތި ކުރިއަށް ނުގެންދަން އަނެއްކާވެސް ތަކުރާރުކޮށް ވާނީ އަންގާފައި ކަމަށް ބަޔާނުގައި ފުލުހުން ވަނީ ބުނެފަ އެވެ.

ހަމަޖެހިފައިވާ އުސޫލްތަކުގެ ތެރެއިން ނަގަންޖެހޭ ހުއްދަ ނަގައިގެން ހިންގާ ހަރަކާތްތަކަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެެވެ. މާލޭގެ މަގުތަކަކީ ކާރޫބާރޫ ބޮޑު މަގުތަކަކަށްވުމާއެކު، ޖުމްލަކޮށް އެންމެހާ ރައްޔިތުންގެ ފަސޭހައަށްޓަކައި އަމަލުކުރަމުންދާ މިފަދަ އުސޫލްތަކަށް ހުރިހާ ފަރާތްތަކުންވެސް ހުރުމަތްތެރިކޮށްހިތުމަށް ފުލުހުން ވަނީ އިލްތިމާކޮށްފަ އެވެ.