އެސްޓީއޯ

ހިއްސާދާރުން ބުނަނީ: އެސްޓީއޯ ހޭއަރައި ވިޔަފާރި އަށް ބަދަލުގެނޭ!

Jun 5, 2016
5
  • ތެލަށް ބަރޯސާ ވުމުން އެސްޓީއޯއަށް ގެއްލުން ބޮޑު
  • ޓޫރިޒަމް ދާއިރާއަށް ވަންނަން ކުރި މަސައްކަތް ނާކާމިޔާބު
  • ކުންފުނި ތަރައްގީ ކުރަން ގިނަ ޕްލޭންތަނެއް އެބަހުރި

އެސްޓީއޯ "ޕީޕަސް ޗޮއިސް ސުޕަމާޓް" ދިވެހިންނާ ލާމެހިގެން ދިޔަ ސަބަބުތައް ގިނަ އެވެ؛ އެއް ސަބަބަކީ ބާޒާރަށް އަންނަ ލޮޅުން "މައިތިރި" ކޮށްދޭ ތަނަކަށް އެތަންވުމެވެ. އެސްޓީއޯ އަށް ވާތީ އިޖުތިމާއީ އިގްތިސާދީ ދާއިރާގައި އެ ކުންފުނިން ދިވެހިނާ ގުޅިފައިވާލެއް ބޮޑު ކަމެވެ. ނަމަވެސް މި ފައިދާ ބޮޑު ކުންފުންޏަށް މިދިޔަ އަހަރު މި ވަނީ "ވޭކްއަޕް ކޯލެއް" ލިބިފަ އެވެ. ރޭ ނިމިދިޔަ އެސްޓީއޯ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރެއް މިވަނީ އެކަން ފާހަގަ ވެސް ކޮށްފަ އެވެ. އެއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ދަށަށް ދިއުމާއެކު ކުންފުނީގެ ފައިދާ ވައްޓާލުމެވެ.

"ހަމައެކަނި ތެލަށް ކުންފުނި ބަރޯސާ ކޮށްގެން ތިބެވޭކަށް ނެތް. އެކަމަށް އެބަޖެހޭ ވިސްނަން،" ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދެއްކި ހިއްސާދާރެއް ކަމަށްވާ އަހުމަދު ޝާހިދު ވިދާޅުވި އެވެ.

އެސްޓީއޯ ހިއްސާދާރުން ބިރު ގަތް ސަބަބުން އެނގެނީ ކުންފުނީގެ މާލީ ހިސާބުގެ ފޮތުގެ ގަނޑުތައް އުކާލުމުންނެވެ؛

މުޅި ކުންފުނީގެ ވިޔަފާރީގެ 66.4 ޕަސެންޓު ބަރޯސާވެފައިވަނީ ރާއްޖެއަށް އެތެރެކުރާ ތެލުގެ ވިޔަފާރި އަށެވެ. ނަމަވެސް މިދިޔަ އަހަރު މި ވިޔަފާރީގެ ފައިދާ މިވަނީ 20 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ރޮކެޓެއްހެން ވެއްޓެމުން ދިޔަ ތެލުގެ އަގެވެ. ބާޒާރުގައި 2014 ވަނަ އަހަރު 115 އެމެރިކާ ޑޮލަރަށް ވިއްކި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 50 އެމެރިކާ ޑޮލަރަށް ވެއްޓުމާއެކު ތެޔޮ ކުންފުނިތަކަށް ގެއްލުންވެ ތިބީ އައިސީޔޫގެ ދޮރުމަތީގަ އެވެ. ސައޫދީ އަރަމްކޯ ފަދަ ބިޔަ ތެޔޮ ކުންފުނިތައް ވެސް ކަރުތާ ފެނަށް ފޭބި އުސޫލުން އެސްޓީއޯގެ އާމްދަނީ ވެސް ދަށަށް ދިޔައީ އެވެ.

އެސްޓީއޯގެ މާލީ ހިސާބުތަކުން ކުރަހައިދެނީ މި ބިރުވެރިކަމެވެ؛ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި މުޅި ކުންފުންޏަށް ލިބުނީ 7.3 ބިލިއަން ރުފިޔާ އެވެ. ނަމަވެސް އޭގެކުރީ އަހަރު 9.1 ބިލިއަން ރުފިޔާ ލިބުނެވެ. ރާއްޖެ އަށް ތެޔޮ އެތެރެކޮށްގެން އެސްޓީއޯއަށް މިދިޔަ އަހަރު 4.8 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވެ އެވެ. ނަމަވެސް އޭގެކުރީ އަހަރު ލިބިފައިވަނީ 7.2 ބިލިއަން ރުފިޔާ އެވެ. ތެލުގެ އަގު ދަށްވުމުގެ ސަބަބުން އެސްޓޯ އަށް ކުރިން ތެލުން ލިބެމުން ދިޔަ އާމްދަނީ ވަނީ 33 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

"އެސްޓީއޯގެ ރެވެނިއު މިއޮތީ ދެ ބިލިއަން ދައްވެފަ. މިއީ ސަޕްރައިޒެއް ނޫން. ނަމަވެސް މިއީ ވޭކްއަޕް ކޯލެއް. އެސްޓީއޯގެ ހުރިހާ ވިސްނުމެއް ތެލަށް ބަރޯސާ ކުރުމަކީ ވަރަށް ބޮޑު ރިސްކެއް. މިހާރު މިއޮތީ ތެލަށް ގޮސްފަ. މާދަމާ ވެސް ތެލުގެ އަގަށް ވާނެ ގޮތެއް ނޭނގެ. ރެވެނިއު ދަށްވެދާނެ،" ކަންބޮޑުވުން ފާޅުކުރަމުން ވާހަކަ ދެއްކި ހިއްސާދާރެއް ބުންޏެވެ.

ހިއްސާދާރުންގެ މިވާހަކައާ ގުޅިގެން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ އެ ކުންފުންޏަކީ 75 ޕަސެންޓް ތެލަށް ބަރޯސާވާ ކުންފުންޏެއް ކަމަށާއި، އެކަމަށް "ވިސްނަމުންދާ" ކަމަށެވެ.

ހިއްސާދާރުން އިނލި ދިއްކުރަނީ ކޮން ދިމާލަކަށް؟

ހިއްސާދާރުން ދެކޭ ގޮތުގައި މި ކަމަކީ ކުންފުނީގެ މިހާރުގެ މެނޭޖުމަންޓު ހޭލައިތިބެން ޖެހޭ ކަމެމެވެ. އަދި ތެލުގެ ވިޔަފާރިއަށް ހަމައެކަނި ކުންފުނި ބަރޯސާވުން ކުޑަކުރުމަށް ފިޔަވަޅު ތަކެއް މިހާރުން މިހާރަށް އަޅަން ޖެހެ އެވެ. މި ކަމަށް ބަލާއިރު ހިއްސާދާރުންގެ އިނގިލި ދިއްކުރަނީ ޓޫރިޒަމް ދާއިރާ އަށެވެ. ނަމަވެސް އެކަން ކުރުމަށް އެސްޓީއޯ އަަށް ގިނަ ގޮން ޖެހުންތަކެއް އެބަ ވެސް ހުއްޓެވެ. އެންމެ ބޮޑު ހުރަހަކީ މި ދާއިރާގެ ތަޖުރިބާ ކުންފުނީގައި ނެތުމެވެ. އަދި އެސްޓީއޯ އިން ޓޫރިޒަމް ދާއިރާ އަށް ވަންނަން ކިތަންމެ ހުވަފެނެއް ދެކުނު ނަމަވެސް މި ހުވަފެންތަކުގައި ހަގީގީ ކުލަ ނުޖެހި މިހެންވެ ކަމަށް ވެސް ވެދާނެ އެވެ.

މިގޮތުން އެސްޓީއޯ އިން ޓޫރިޒަމް ވިޔަފާރި އަށް ވަންނަން ސަރުކާރުން މީގެ ކުރިން ދޮރުތަކެއް ހުޅުވައިދީފައިވެ އެވެ. ފުވައްމުލަކު އެއާޕޯޓު އެސްޓޯއިން ތަރައްގީ ކޮށްދިނުމުގެ ބަދަލެއްގެ ގޮތުން ގުޅިގެން އެ ކުންފުންޏަށް ރިސޯޓު ހަދަން ރަށެއް ވެސް ދީފައިވެ އެވެ. ނަމަވެސް ފަހުން އެ ރަށް އެ ކުންފުންޏަށް ކުޑަވީ އެވެ.

އެސްޓީއޯގެ އެމްޑީ ޝަހީރު ވިދާޅުވީ އެއާޕޯޓާއެކު ސަރުކާރުން ދީފައިވާ ރަށަކީ ވަރަށް ކުޑަރެއް ކަމަށާއި، އެހެންވެ އެ ރަށް ދޫކޮށްލީ ކަމަށެވެ.

"މި ރަށަކީ ތިން ހަތަރު ކެކްޓަރުގެ ރަށެއް. އެހެންވެ އަޅުގަނޑުމެން އެދިގެން އެރަށް ދޫކޮށްލީ. މިހާރު އޭގެ ބަދަލުގައި މާ ރަނގަޅު ރަށެއް ވަނީ ލިބިފައި،" ޝަހީރު ވިދާޅުވި އެވެ.

"ފިއުޗާގައި އަޅުގަނޑުމެން ޑައިވާސިފައި ވުމުގެ ވިސްނުން އެބަހުރި. މުސްތަގުބަލުގައި އެއާބެހޭ އުފާވެރި ހަބަރުތައް ލިބޭނެ."

"އެސްޓީއޯ ހުޅުމާލެ ހޮޓާ" ގެ ނަމުން ނަން މަޝްހޫރުވި ހޮޓަލުގެ މަސައްކަތް ކުރަމުންދާތާ ލައްކަ ދުވަސް ވެފައި ވަނިކޮށް އެ މަޝްރޫއުވެސް މިހާރު މިވަނީ ހުއްޓާލައި، މިތަން ވިއްކާލަން ކުންފުނިން ނިންމާފަ އެވެ. އެމެރިކާގެ ހޮޓެލް ޗެއިން "ކާލްސަން ގުރޫޕާ" އެކު 2008 ވަނަ އަހަރު ހޮޓަލެއް ހިންގުމަށް ފެށި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހަދަމުން ގެންދިޔަ ހޮޓަލަށް އެސްޓީއޯ އިން ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ އޭރު ހަރަދު ކޮށްފައިވެ އެވެ. ގާތްގަނޑަކަށް 250 ކޮޓަރީގެ 500 އެނދުގެ މި ހޮޓާ ވިއްކާލަން މިވަނީ ނިންމާފަ އެވެ.

އެސްޓީއޯގެ އެމްޑީ ޝަހީރު ވިދާޅުވީ ރެޑިޝަން ޕްރޮޖެކްޓު ފެށުނިއިރު ވެސް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި ލީސްކޮށްފައި [ކުއްޔަށް] ދީ ނުހެދި ހުރި ގިނަ ރައްތަކެއް އެބަހުރި. އަޅުގަނޑުމެންގެ ޓޫރިޒަމްގެ ތަޖުރިބާ ނެތް ނަމަވެސް މި ޕްރޮޖެކްޓުގެ 60 ޕަސެންޓް ވަނީ ނިންމާފަ. ނަމަވެސް އެސްޓީއޯގެ ކޯހަތަރު އޭރިޔާ ތަރައްގީ ކުރުމަށް ބޭނުންވަނީ އިތުރު ރިސޯސް ބޭނުންވޭ. އެހެންވެ ރެޑިޝަން ޕްރޮޖެކްޓް ވިއްކާލަން ނިންމީ. އެހެންވެ އިއުލާނުކޮށްގެން ފައިނަލް ސްޓޭޖުގައި ވަނީ،" ޝަހީރު ވިދާޅުވި އެވެ.

ޗެއާމަން އަހުމަދު ނިޔާޒު ވިދާޅުވީ ހޮޓާ ވިއްކާލަނީ ކުންފުންޏާއި ހިއްސާދާރުންނަށް ފައިދާ ލިބޭ ގޮތައް ކަމަށެވެ.

"އާއްމު ހިއްސާދާރުންނަށް ވެސް މަންފާ ލިބޭ ގޮތަށް އަޅުގަނޑުމެން މި ވިއްކާލަނީ،" ނިޔާޒު ވިދާޅުވި އެވެ.

މިއާއެކު، ސަރުކާރުން ވަނީ "އެކުޅިވަރު" ރަށް ރިސޯޓު ހެދުމަށް ސަރުކާރުން ވަނީ ދީފަ އެވެ.

ކުންފުނީގެ ވިޔަފާރި ފުޅާ ކުރުމުގެ މަސައްކަތް

އެސްޓީއޯގެ މިހާރުގެ ބޯޑުން ވަނީ ކުންފުނީގެ ވިޔަފާރި ބަދަލު ކުރުމަށް ގިނަ ޕްލޭންތަކެއް ހަދާފަ އެވެ. އަދި މި ޕްލޭންތަކުގެ މައުލޫމާތު ރޭ ވަނީ ހިއްސާދާރުންނަށް ދީފަ އެވެ.

ކުންފުނީގެ އެމްޑީ ޝަހީރު ވިދާޅުވި މިހާރުން މިހާރަށް ގެނެސްފައިވާ ބަދަލުތަކުގެ ދަށުން ކުންފުނިތަކުގެ އަތުން ބޭސް ގަތުމުގެ ބަދަލުގައި ބޭސް އެތެރެކުރަން ފަށާފައިވާ ކަމަށެވެ.

"ބޭސް ފިހާރަ ހުޅުމުގެ މަޝްރޫއުގެ ދަށުން ބޭހުގެ 70 ޕަސެންޓް މިހާރު އެތެރެކުރަނީ. ބޭހުގެ ކޮލިޓީ ރަނގަޅު ކުރުމަށް ދަނީ ކުންފުނިތަކާ ވާހަކަ ދައްކަމުން،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތެލުގެ ސްޓޯރޭޖް ފެސިލިޓީ އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"ތެލުގެ ވިޔަފާރި ފޯރުކޮށް ދިނުމަށް ވަނީ ފިއުލް ސްޓޯރޭޖް ބޮޑުކޮށް، ތެޔޮ ސަޕްލައިކުރުމުގެ ވަސީލަތް ފުޅާ ކުރުން. އަދި އުތުރާއި ދެކުނުގައި ތެޔޮ ސްޓޯރޭޖް ބޮޑު ކުރުން. ތެޔޮ ބާޖް އިތުރު ކުރުން. އެލްޕީޖީ ސްޓޯރޭޖް ބޮޑު ކުރުމަށް ތިނަދޫގައި އެޅޭނެ،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިއްހީ ދާއިރާއަށް ބޭނުންވާ މެޑިކަލް ސްޕައި ކުރުން ވަރުގަދަ ކުރުމަށްވެސް ވިސްނަމުންދާ ކަމަށެވެ.

އެސްޓީއޯއަކީ ރައްޔިތުންނާ ސީދާ ގުޅުންހުރި ކުންފުންޏެކެވެ. އެހެންވެ މި ކުންފުނީގެ ފައިދާ މަތިވުމަކީ ހިއްސާދާރުން އެންމެ ބޭނުންވާ ކަމެވެ. ކުންފުނި ހޭއަރަށް ހިއްސާދާރުން ބުނަނީ މިހެންވެ އެވެ.