ކްރިމިނަލް ކޯޓް

ގައުމީ ސަލާމަތަށްޓަކައި ލޯންޗުކޮޅު މައްސަލަ ވެސް ސިއްރު

ރިޔާސީ ލޯންޗުކޮޅު، ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގެ މިއަދުގެ އަޑުއެހުން ސިއްރުކޮށްފި އެވެ. މި މައްސަލާގައި ދައުވާކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަދީބުގެ ދެ ބޮޑީގާޑުން ކަމަށްވާ އަހްމަދު އާމިރާއި އަހްމަދު ރިކާޒްގެ މައްޗަށެވެ.

މިއަދު މި މައްސަލާގައި މިއަދު އޮތީ ދައުލަތުން ހުށަހަޅާފައިވާ ހެއްކެއްގެ ހެކި ބަސް ނެގުމެވެ. ކްރިމިނަލް ކޯޓުން ބުނީ، މި މައްސަލާގެ އަޑުއެހުން ސިއްރުކޮށްފައިވާ ކަމަށާއި ސިއްރުކޮށްފައިވަނީ ގައުމީ ސަލާމަތަށް ނުރައްކަލެއް ވެދާނެތީ ކަމަށެވެ. މިއަދުގެ އަޑުއެހުން ސިއްރުކޮށްފައިވާއިރު މި މައްސަލައަކީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މައްސަލައެއްކަން ފާހަގަކޮށްލެވެ އެވެ.

އިއްޔެ ބޭއްވި އަދީބުގެ ދެ މައްސަލައެއްގެ ހުލާސާ ބަޔާން އިއްވުން ވެސް ވަނީ ސިއްރުކޮށްފަ އެވެ. އެއީ، މާބިންހުރާ ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައާއި އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނާ މައްސަލާގަ އެވެ. މި ދެ މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ.

އަދީބުގެ ގިނަ މައްސަލަތަކެއް ބެއްލެވުމަށް ކުއްލި ގޮތަށް ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފް ވަނީ ހަވާލުވެލައްވާފަ އެވެ. އޭގެފަހުން މައްސަލަތައް ވަރަށް ބާރަށް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެ އެވެ.