ތިމާވެށި

ބަޔޯޑައިވާސިޓީ އެކްޝަން ޕްލޭން ލޯންޗުކޮށްފި

ދިރޭ ތަކެތީގެ ނަސްލު ހިމާޔަތްކޮށް ދިރޭ ތަކެތީގެ މާހައުލު ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރަން އެކުލަވާލާފައިވާ ނޭޝަނަލް ބަޔޯޑައިވާސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން (އެންބީސެޕް) މިއަދު ރަސްމީކޮށް ލޯންޗުކޮށްފި އެވެ.

މި އެކްޝަން ޕްލޭން ރަސްމީކޮށް ލޯންޗު ކޮށްދެއްވީ ތިމާވެއްޓާބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބަޔޯޑައިވާސިޓީގައި ރާއްޖެ ބައިވެރިވެފައިވަނީ 1993 ވަނަ އަހަރު ކަމަށާއި، އަދި 2002 ވަނަ އަހަރު ފުރަތަމަ އެންބީސެޕް ލޯންޗުކޮށްފައިވާ ކަމަށެވެ. އެޕްލޭންގައި އޮތީ ކުރަންޖެހޭ ބައެއް ސްޓްރެޓެޖީތައް އެކަނި ކަމަށެވެ. އެއްވެސް ކަހަލަ އެކްޝަން ޕްލޭނެއް ނެތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ސްޓްރެޓެޖިކް އެކްޝަން ޕްލޭން ދެބަޔަކަށް ބަހާލާފައިވާނެ ކަމަށާއި ފުރަތަމަ ބައިގައި ދިރޭ ތަކެތީގެ ނަސްލާ ގުޅޭގޮތުން އެކުލަވާލާގައިވާ ހަ ސްޓްރެޓެޖީއާ 26 ޓާގެޓު ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކޮންމެ ޓާގެޓަކަށް އެކްޓިވިޓީތަކަކާއި، ޒިންމާ ނަގާނެ ފަރާތްތަކާއި، ޓާގެޓު ހާސިލްކުރެވުނތޯ ބަލާނެ އިންޑިކޭޓާ ތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. ދެވަނަ ބައިގައި މި ޓާގެޓްތައް އިމްޕްލިމަންޓް ކުރާނެ ގޮތްތަކާއި އެކަމަށް ބޭނުންވާނެ ވަސީލަތްތަކުގެ އަންދާޒާއެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެންބީސެޕްގައި ހިމެނޭ ހަ ސްޓްރެޓެޖީ


1. ދިރޭތަކެތީގެ ނަސްލާއި ގުޅޭ ގަވާނެންސް ޕޮލިސީ އަދި ސްޓްރެޓެޖީސް ހުރިހާ ދާއިރާއެއްގައި ހަރުދަނާ ކުރުން.
2. ހޭލުންތެރިކަން އިތުރުކުރުމާއެކު ކެޕޭސިޓީ ބިލްޑުކުރުމާއި ގުޅޭ ސްޓްރެޓެޖީ
3. ބައިނަލް އަގްވާމީ ގޮތުން އަދި އެހެން ގައުމުތަކާއި ގުޅިގެން ދިރޭތަކެތީގެ ނަސްލު ރައްކާތެރި ކުރުމަށް މަސައްކަތް ކުރުން.
4. ދިރޭތަކެތީގެ ނަސްލާއި ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުން
5. ދިރޭތަކެތީގެ ނަސްލަށް ކުރިމަތިވެފައިވާ ތަފާތު ނުރައްކާތަކަށް އެޑްރެސް ކުރުން
6. ދިރޭތަކެތީގެ ނަސްލާއި ގުޅޭ މައުލޫމާތު ރަނގަޅަށް މެނޭޖް ކުރުމާއެކު ސްޓްރެޓެޖީ ހާސިލް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުން މިއެވެ.

ދިރޭތަކެތީގެ ނަސްލު ހިިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މިހާރު ކުރަމުންދާ ބައެއް މަސައްކަތްތަކުގެ ތެރޭގައި އަލަށް ދެ ސަރަހައްދެއް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ. އަދި ހިމާޔަތްކޮށްފައިވަ އެކި ސަރަހައްދުތައް ބެލެހެއްޓުމުގެ ނިޒާމްތައް އެކުލަވާލުމުގެ މަސައްކަތް ވަރަށް ހަލުވި މިނެއްގައި ކުރިއަށްދާ އިރު ރާއްޖޭގެ ބަޔޯސްފިއާ ރިޒާވް އަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެންވާރަމެންޓު މިނިސްޓްރީން މައުލޫމާތުދެ އެވެ. އަދި ރާއްޖޭގެ ފެންވަރުގައި އާ ދުނިޔޭގެ ފެންވަރުގައި މުހިންމު ދިރޭތަކެއްޗާއި އެތަކެތީގެ މާހައުލު ހިމާޔަތް ކުރުމުގެ މަސައްކަތަކާއި ކަމާ ގުޅޭ ގާނޫންތަކާއި ގަވާއިދުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމިނިސްޓްރީން ބުނެ އެވެ.