ތިމާވެށި

އިގްތިސޯދު ހަރުދަނާވާނީ ތިމާވެށި ހިމާޔަތްކޮށްގެން: ތޯރިގު

Jun 5, 2016

ރާއްޖޭގެ އިގްތިސޯދު ހަރުދަނާ ކުރެވޭނީ ތިމާވެށި ހިމާޔަތްކޮށްގެން ކަމަށް ތިމާވެއްޓާބެހޭ ވަޒީރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ތޯރިގު މިހެން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބާ ފާހަގަކުރަން އިއްޔެ ހަވީރު ރަސްފަންނުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ތިމާވެށި ރައްކާކުރުމުގެ ގޮތުން ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ތަކެއްޗަށް ސަމާލުާން ގޮވާލެއްވި އިރު ހިމާޔަތްކޮށްފައިވާ ވެލާ، ކަހަނބާއި މަސްމަހާ މެއްސާއި ދޫނިސޫފާސޫތްޕަށް ގޯނާ ނުކޮށް އެ ދިރުންތައް ބަލަހައްޓަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް ރައްކާތެރިގޮތުގައި ކުނި މެނޭޖުކޮށް ފަރުތައް ހިމާޔަތް ކުރަން ޖެހޭ ކަމަށެވެ.

މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ޢަބްދުﷲ ޖިހާދު ވިދާޅުވީ ގަސް އިންދާތަން ފެންނަ ކަމަށާއި ގަސް އިންދުމަށްފަހު ގަސްތައް ބަލަހައްޓަން ވެސް ޖެހޭ ކަމަށެވެ.

"އެހެންނޫނީ ގަހަކީ އެސެޓެއްކަމުގައި ނުވާނެ" ޖިހާދު ވިދާޅުވިއެވެ. " އިންދާ ގަސްތައް ހިމާޔަތްކޮށް ބެލެހެއްޓުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއްނޫން. ފަރުދީގޮތުން ވެސް އެކަން ކުރަންޖެހޭ. ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތް ކުރުމަށް ސަރުކާރާގުޅިގެން ރައްޔިތުން ވެސް މަސައްކަތް ކުރަންޖެހޭ."

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހެއްގެ ފަސް ވަނަ ދުވަހު. މިއަހަރު ޖޫން މަހުގެ 3 ވަނަ ދުވަހު ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތު ބޭއްވީ ރޯދަމަހާ އެދުވަސް ދިމާވާތީ އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ބޭއްވި ފޮޓޯ މަޢުރަޟްގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމާއި ސެޓްފިކެޓް ދިނުމާއި ޔޫއެންޑީޕީ އާއި މިނިސްޓްރީ ގުޅިގެން ބޭއްވި "މަގޭ ތިމާވެށި" އޮންލައިން ސުއާލު މުބާރާތުގައި ބައިވެރިވެ ވަނަ ހޯދި ފަރާތްތަކަށް އިނާމު ދިނުމާއި ޕޯސްޓަރު ކުރެހުގެ މަޢުރަޟް ހުޅުވުން ވެސް އޮތެވެ.