ރޯދަ މަސް

ފަލަކީ ގޮތުން މާދަމާއަކީ މުލަ ރޯދަ

Jun 5, 2016
2

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މުލަ ރޯދަ ދުވަހަށް ވާނީ މި ހިނގާ ޖޫން މަހުގެ 6 (މާދަމާ) ވާ ހޯމަ ދުވަހެވެ. ސައޫދީ އަރަބިއްޔާގެ ރަސްމީ ކަލަންޑަރު ކަމުގައި ވާ އުއްމުލްޤުރާ ކަލަންޑަރުގައި ވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ޖޫން މަހުގެ 6 ވާ ހޯމަ ދުވަހެވެ.

ދިވެހިރާއްޖެ އާއި އަދިވެސް އިސްލާމީ ގިނަ ގައުމުތަކުގައި ހަނދު މަސް ފެށިއްޖެ ކަމުގައި ބަލަނީ، ހިނގަމުންދާ މަހުގެ 29 ވަނަ ދުވަހު އިރު އޮއްސުމަށް ފަހު، ހަނދު ފެންމަތީގައި ހުރެ، ހަނދު ފެނިއްޖެކަން ސާބިތުވުމުންނެވެ. ނުވަތަ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަކޮށް އެ ދުވަހުގެ އިރު އޮއްސުމުންނެވެ. އަދި ހަމަ އެހެންމެ އިތުބާރު ހުރި ފަލަކީ ހިސާބަށް ބަލާއިރު، ހަނދު ނުފެންނާނެ ކަމަށް ދައްކާ ނަމަ، ދެން ވެސް އޮތީ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަ ކުރުމެވެ.

މިއަދަކީ 1437 ވަނަ އަހަރުގެ ޝައުބާން މަހުގެ 29 ވަނަ ދުވަހެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް މިއަދުގެ އިރު އޮއްސޭ އިރު، ފެންމަތީގައި ހަނދު ހުންނާނެއެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި، މިއަދު މާލެއަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 22 މިނެޓު ފަހުންނެވެ. ރާއްޖޭގެ އެންމެ އުތުރަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 21 މިނެޓު ފަހުންނެވެ. ރާއްޖޭގެ އެންމެ ދެކުނަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 23 މިނެޓު ފަހުންނެވެ. އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުރުމުގެ މާނައަކީ ހަނދު ފެނުމުގެ ފުރުސަތު އޮތުން ކަމަށް ބެލެވޭތީ، މި އުސޫލުން ބަލާއިރު، މިރޭ ރަމަޟާން މަހުގެ ހަނދު ފެނުމުގެ ފުރުސަތު އޮތް ކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.

ތުރުކީ ފަދަ ބައެއް ގައުމުތަކުގައި އަމަލު ކުރާ އުސޫލަށް ބަލާއިރު، އިރާއި ހަނދާއި ބިން އެއް މިސްރާބަކަށް އައިސް މާރަހަވުމަށް ފަހު، ދެން އިރު އަރާނީ ހަނދު މަހުގެ ފުރަތަމަ ދުވަހަށެވެ. މި ގޮތުން ބަލާއިރު ދުނިޔެ އާއި އިރާއި ހަނދު އެއް ރޮނގަކަށް އައިސް މާރަހަވީ ޖޫން 5 ވީ އާދީއްތަ ދުވަހު (މިއަދު) ރާއްޖޭ ގަޑިން ހެނދުނު 07:59 ގައެވެ. އެހެންވީމާ މާރަހަވުމަށް ފަހު ދެން އަންނަ ދުވަހަކީ މާދަމާ (ހޯމަ ދުވަސް) އެވެ.

އުތުރު އެމެރިކާގެ ފިޤުހު ކައުންސިލުން ވެސް ވަނީ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަން އިއުލާން ކޮށްފައެވެ.