މަރު

އިރުޝާން މަރާލުމުގައި ފާތިރު ބައިވެރިވި: ފުލުހުން

މިދިޔަ ހުކުރު ދުވަހުގެ ރޭ ދެ ގޭންގު ދެމެދު ހިނގި މާރާމާރީގައި މަަރުވި މ. ސަރުމާގެ ފާތިރު މުހައްމަދަކީ އެދުވަހު ހަވީރު މަރާލި އިރުޝާން ހިލްމީ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކުއްޖެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ފާތިރު މަރާލާފައިވަނީ މ. ސަރުމާގޭގައި ހުއްޓާ އެރޭ އެގެއަށް އައި ގުރޫޕަކުން ހަމަލާދީފައި ކަމަށެވެ.

ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ފާތިރަށް ހަމަލާދީފައިވަނީ ހުކުރު ދުވަހުގެ ރޭ ނުވަ ގަޑި ބައިކަން ހާއިރު ގެއިން ނުކުންނަން އުޅެނިކޮށް އައިސް ގެއަށް ވަދެގަނެ ކަމަށެވެ. ފާތިރަށް ހަމަލާދިނީ ފާތިރު ސިޑިން އަރަން އުޅެނިކޮށް ހުއްޓުވުމަށްފަހު ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. ފާތިރުގެ ވާތު ކޮނޑާ އަރިކަށިން ހަތަރު ތަނަކަށް ހަމަލާދީފައިވާ ކަމަށެވެ.

މި މާރާމާރީތަކުގައި މަރުވި އިރުޝާން އަދި ފާތިރަކީވެސް ގިނަ ފަހަރުތަކެއްގެ މަތިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ނަސޭހަތްދީފައިވާ ދެ ކުދިން ކަމަށް ރިޔާޒް ވިދާޅުވި އެވެ.

މިމައްސަަލައިގައި މިހާތަނަށް 18 އަހަރުން ދަށުގެ ދެ ކުދިން ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރުކޮށްފައިވާ ދެ ކުދިންނަކީ އިރުޝާން މަރާލުމުގައި ބައިވެރިވާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ކުދިންނެވެ. ފާތިރުގެ މަރާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.