ރޯދަ މަސް

ހޯމަ މުލަ ރޯދަ ދުވަސް، ރަމަޟާން މުބާރިކް!

Jun 5, 2016
2

މާދަމާއަކީ މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ. ރޯދަ މަހުގެ ހަނދު ސާބިތު ކުރަން މިރޭ ބޭއްވި ޖަލްސާއަށް ފަހު އިއްވެވި ހަނދާބެހޭ ގަރާރުގައި މާދަމާ އަކީ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށާއި ރޯދަ ހިފުމަށް ފަރުވާތެރިވެ ﷲ ރުއްސެވުމާއި މަގުފިރަތައް އެދި ހެޔޮކަންކަން ކުރުމުގެ މައްޗަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

މިރޭ ހަނދާ ބެހޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ނެރުއްވި ހަނދާބެހޭ ގަރާރުގައި ވިދާޅުވެފައިވަނީ ރޯދަ މަހުގެ ހަނދު، މިރޭ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށާއި އިސްލާމީ ބައެއް ގައުމުތަކަށް ފެނިފައިވާ ކަމުގެ ރަސްމީ ހަބަރު ލިބިފައިވާ ކަމަށެވެ. އަދި އެކަން ގަބޫލުކޮށް، ރޯދަ މަހާ ޝައްވާލް މަހުގެ ހަނދު ބެލުމަށް ރާއްޖޭގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގައިވާ ގޮތުގެ މަތިން، މީލާދީ ސަނަތުން 2016 ވަނަ އަހަރުގެ ޖޫން މަހުން ހައެއް ވާ ހޯމަ ދުވަހަކީ މި އަހަރުގެ ރޯދަ މަހުގެ އެއްވަނަ ދުވަސް ކަމުގައި ކަނޑައަޅާ ކަމަށެވެ.

ހަނދު ފެނި ރޯދަ މަސް ފެށެނީ މާދަމާކަން އިއުލާނު ކުރުމުން އެމްއެންޑީއެފުން ވަނީ ހަތް ބަޑީގެ ސަލާމެއް ވެސް މިރޭ ދީފަ އެވެ.

މިރޭ ހަނދު ސާބިތުވި އިރު ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި ވެސް މި އަހަރުގެ މުލަ ރޯދަ ދުވަހަށް ވާނީ މި ހިނގާ ޖޫން މަހުގެ 6 (މާދަމާ) ވާ ހޯމަ ދުވަހެވެ. ސައޫދީ އަރަބިއްޔާގެ ރަސްމީ ކަލަންޑަރު ކަމުގައި ވާ އުއްމުލްޤުރާ ކަލަންޑަރުގައި ވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ޖޫން މަހުގެ 6 ވާ ހޯމަ ދުވަހެވެ.

ރާއްޖެ އާއި އަދިވެސް އިސްލާމީ ގިނަ ގައުމުތަކުގައި ހަނދު މަސް ފެށިއްޖެ ކަމުގައި ބަލަނީ، ހިނގަމުންދާ މަހުގެ 29 ވަނަ ދުވަހު އިރު އޮއްސުމަށް ފަހު، ހަނދު ފެންމަތީގައި ހުރެ، ހަނދު ފެނިއްޖެކަން ސާބިތުވުމުންނެވެ. ނުވަތަ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަކޮށް އެ ދުވަހުގެ އިރު އޮއްސުމުންނެވެ. އަދި ހަމަ އެހެންމެ އިތުބާރު ހުރި ފަލަކީ ހިސާބަށް ބަލާއިރު، ހަނދު ނުފެންނާނެ ކަމަށް ދައްކާ ނަމަ، ދެން ވެސް އޮތީ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަ ކުރުމެވެ.

މިއަދަކީ 1437 ވަނަ އަހަރުގެ ޝައުބާން މަހުގެ 29 ވަނަ ދުވަހެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް މިއަދުގެ އިރު އޮއްސުނު އިރު، ފެންމަތީގައި ހަނދު ހުންނާނެ އެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި، މިއަދު މާލެއަށް ހަނދު އޮއްސިފައިވާނީ އިރުއޮއްސުމުގެ 22 މިނެޓު ފަހުންނެވެ. ރާއްޖޭގެ އެންމެ އުތުރަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 21 މިނެޓު ފަހުންނެވެ. ރާއްޖޭގެ އެންމެ ދެކުނަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 23 މިނެޓު ފަހުންނެވެ. އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުރުމުގެ މާނައަކީ ހަނދު ފެނުމުގެ ފުރުސަތު އޮތުން ކަމަށް ބެލެވޭތީ، މި އުސޫލުން ބަލާއިރު، މިރޭ ރަމަޟާން މަހުގެ ހަނދު ފެނުމުގެ ފުރުސަތު އޮތް ކަމަށް ވެސް ކުރިން ވެސް ވަނީ ފަލަކީ ހިސާބުތަކުން ދައްކާފަ އެވެ.

ތުރުކީ ފަދަ ބައެއް ގައުމުތަކުގައި އަމަލު ކުރާ އުސޫލަށް ބަލާއިރު، އިރާއި ހަނދާއި ބިން އެއް މިސްރާބަކަށް އައިސް މާރަހަވުމަށް ފަހު، ދެން އިރު އަރާނީ ހަނދު މަހުގެ ފުރަތަމަ ދުވަހަށެވެ. މި ގޮތުން ބަލާއިރު ދުނިޔެ އާއި އިރާއި ހަނދު އެއް ރޮނގަކަށް އައިސް މާރަހަވީ ޖޫން 5 ވީ އާދީއްތަ ދުވަހު (މިއަދު) ރާއްޖޭ ގަޑިން ހެނދުނު 7:59 ގައެވެ. އެހެންވީމާ މާރަހަވުމަށް ފަހު ދެން އަންނަ ދުވަހަކީ މާދަމާ (ހޯމަ ދުވަސް) އެވެ.

ބަރަކާތްތެރި ރަމަޟާން މަހާ ހެޔޮ އެދުމާއި ތަހުނިޔާ އަރިސް ކުރަމެވެ.