އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވައިފި

Jun 5, 2016
6

ޑައިގްނޮސްޓިކް ސެންޓަރެއް ހިމެނޭ ގޮތަށް އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ ބިންގާ ރައީސް އަބްދުﷲ ޔާމީން މިރޭ އަޅުއްވައި ދެއްވައިފި އެވެ.

ގާތްގަނޑަކަށް 2.1 ބިލިޔަން ރުފިޔާގެ މި އިމާރާތުގެ ބިންގާ މިރޭ ރައީސް ބިންގާ އަޅުއްވައި ދެއްވިއިރު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ ޝެންހުއާއާ އެވެ. އެ މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗްގަ އެވެ.

މި އިމާރާތުގެ ހަ ބުރިއެއް ހާއްސަ ކުރަން ނިންމާފައި ވަނީ ނޭޝަނަލް ޑައިގްނޯސްޓިކް ހިދުމަތަށެވެ. އަދި ޑޮކްޓަރަށް ދެއްކުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ ތަޙުލީލުތަކެއް ވެސް އެ އިމާރާތަށް ބަދަލު ކުރާނެ އެވެ.

އާ އިމާރާތުގައި ޖިމަކާއި ޗައިލްޑް ކެއާ ސެންޓަރަކާއި ރިހެބިލިޓޭޝަން ސުއިޓެއް ހިމަނާފައިވާއިރު ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކަށް ޕްރައިވެޓް އެކަމޮޑޭޝަން ހަމަޖެއްސަން ފަސް ބުރި ހާއްސަ ކުރާނެ އެވެ،

ފަންސަވީސް ބުރީގެ އާ އިމާރާތުގެ މަސައްކަތް 2018 ނިމުމުގެ ކުރިން ނިންމާ އިރު ޝެންހުއާ ކުންފުންޏަށް އަގު ދައްކަން ޖެހޭނީ ތިން އަހަރު ދުވަހަށް ބަހާލައިގެނެވެ.

މި އިމާރާތް އަޅަނީ އައިޖީއެމްއެޗްގެ ދެކުނަށް އޮންނަ ޕާކިން ލޮޓު ހިމެނޭ ބިމުގައެވެ. އެގޮތުން އެ ޕްރޮޖެކްޓް ނިމޭއިރު 500 އެނދުގެ ހޮސްޕިޓަލަކަށް އައިޖީއެމްއެޗް ބަދަލުވާނެ އެވެ.