ރޯދަ މަހާ ރޯއްޖާ

ވިސާކާ މިސްއަށް ޝުކުރިއްޔާ!

އޭނާ އަކީ އިސްކަންދަރު ސްކޫލުގެ ދިރުމެވެ؛ އެ ސްކޫލުގެ އެތައް ދަރިވަރުންނެއްގެ ހިނިތުންވުމުގެ ފަހަތުގައިވާ މަގުބޫލު ސިއްރެވެ. ސްކޫލުގެ ފޮތްތެރި މާހައުލު ފަޅުފިލުވާލަދޭ ނަލަ ރާގެވެ. ނަވާވީސް އަހަރު ވަންދެން ކިޔަވައިދިން ކޮންމެ ދަރިވަރެއްގެ ހިތުންވުމާ ގުޅިފައިވާ މަންމައެއްގެ މަގާމު ހޯދި ކާމިޔާބު މުދައްރިސާ އެވެ. ދިވެހިންނާއި ދިވެހި ގައުމު ދެކެ އިންތިހާއަށް ލޯބި ވެވިފައިވާ ބިދޭސީ ހިތެކެވެ. ކެންސަރާއި ހަނގުރާމަކޮށް ކާމިޔާބު ހޯދި ކެތްތެރި، ހިތްވަރުގަދަ އަންހެނެކެވެ. އިސްކަންދަރް ސްކޫލާއި ދަރިވަރުންނަށް ހިދުމަތްކުރުމުގައި އުމުރުގެ ދެބައިކުޅައެއްބައި ހޭދަކޮށްފައިވާ ސްރީ ލަންކާގެ ކެންޑީއަށް އުފަން ވިސާކާ ޕަހަތުކުނބުރާ، މުޅި ދިވެހި ރާއްޖެ ދަންނަ އެންމެންގެ ފޭވަރިޓް "ވިސާކާ މިސް" އެވެ.

ނަވާރަސަތޭކަ އައްޑިހަ ހަތްވަނަ އަހަރުގެ ދިރާސީ އާ އަހަރަށް އިސްކަންދަރު ސްކޫލުގެ ގޭޓުތައް ދަރިވަރުންނަށް ހުޅުވައިލީ އެ ކުދިންގެ ހަޔާތުގައި ކުރިން ޖެހިފައި ނެތް އެތައް ކުލައެއް ޖައްސައިދިނުމުގެ ވަރުގަދަ އަޒުމުގައި ރާއްޖެއަށް ހިޖުރަކުރި ހިތްހެޔޮ ވިސާކާ މިސްގެ ހިތްގައިމު ނަލަ މިއުޒިކާއެކު އެވެ. މީގެ 29 އަހަރު ކުރިން މިއުޒިކް ޓީޗަރެއްގެ ގޮތުގައި އިސްކަންދަރު ސްކޫލުގެ ވަޒީފާއަށް އައި ވިސާކާ މިސް އަކީ 25 އަހަރަށް ވުރެ ގިނަ ދުވަހު މެދުކެނޑުމެއްނެތި ރާއްޖެއަށް ހިދުމަތްކުރުމުގައި ދެމިތިބި މަދު ބިދޭސީ ޓީޗަރުންގެ ތެރެއިން މިހާރު ރާއްޖޭގައި ހުރި އެއް ޓީޗަރެވެ.

ވިސާކާ މިސް އަބަދުވެސް އެންމެ ޝައުގުވެރިވަނީ މިއުޒިކަށެވެ. މިސްގެ އެންމެ ފުރަތަމަ މިއުޒިކް އިންސްޓްރޫމަންޓަކީ ވަރަށް ކުޑަ އިރު އޭނާގެ ބައްޕަ ގަނެދިން ތާޅަފިއްޔެކެވެ. އޭގެ ފަހުން ސްކޫލް ނިންމާ އޭލެވެލް އަށް ކިޔަވަމުން ދިޔައިރުވެސް މިއުޒިކް ކްލާސްތަކަށް ގޮސް މިއުޒިކް ދަސްކުރި އެވެ. އޭނާގެ ހާއްސަ އިންސްޓްރޫމަންޓަކީ ޕިއާނޯ އެވެ. މަތީ ތައުލީމު ނިންމުމަށްފަހު ހުނަރުގެ ބޭނުން އެންމެ ބޮޑަށް ހިފޭނީ ކޮން ގޮތަކަށްތޯ ވިސްނާލުމުން ޓީޗަރަކަށް ވުމުގެ އުންމީދު އާވެ، ރާއްޖެއަށް އަންނަން ނިންމީ އެވެ.

އުމުރުން 35 އަހަރުގައި ރާއްޖެއަށް އައުމަށްފަހު އަލަށް ރާއްޖެ އާދެވޭ ބޭރުގެ އެހެން ކޮންމެ މީހަކުވެސް ޖެހޭ ޖާދުލުގައި ވިސާކާ މިސް ވެސް ޖެހުނީ އެވެ. މިސްގެ ނަޒަރުގައި "މިއީ މުޅި ދުނިޔޭން ވެސް އެންމެ ރީތި ގައުމެ" ވެ. އަދި "މިއީ މުޅި ދުނިޔޭގައި ވެސް އެންމެ ހިތްހެޔޮ މީހުންގެ ގައުމެ" ވެ. ވިސާކާ މިސްއަށް ފޫހި ކަމެއްނެތި ރާއްޖޭގައި 29 އަހަރު ވޭތުކޮށްލެވުނީ އެހެންވެގެނެވެ.

"އަހަރެންނަކީ މިގައުމަށް އުފަން މީހެއް ނޫން، އެކަމަކު މި ގައުމު ދެކެ އިންތިހާއަށް ލޯބިވާ މީހެއް! މިއީ ހިތްހެޔޮ ބަޔަކު އުޅޭ ގައުމެއް. އަހަރެންގެ އަމިއްލަ ގައުމު އަހަންނަށް މާ ބީރައްޓެހި. އަހަރެން މިހާތަނަށް ދިރި މިހުރީވެސް މިތަނުގެ މީހުންނާއި އަހަރެން ކިޔަވައިދިން އަހަރެންގެ ދަރިންގެ ހެޔޮކަމުން،" ރާއްޖޭގައި މާޒީވެފައިވާ އުފާވެރި ދުވަސްތައް ހަނދާންކުރަމުން މިސް ކިޔައިދިނެވެ.

ވިސާކާ މިސް ރާއްޖެ އައި އިރު ރާއްޖޭގެ ސްކޫލްތަކުގައި ޕްރައިމަރީ މިއުޒިކް ބޭންޑްތަކެއް ނެތުމުން އޭރު އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލްގެ އަރިހުން ހުއްދަ ހޯއްދެވުމަށްފަހު އެ ސްކޫލުގެ ފުރަތަމަ ޕްރައިމަރީ ބޭންޑް އުފެއްދީ ވިސާކާ މިސް އެވެ. އެއީ ރާއްޖޭގައި ވެސް އެންމެ ފުރަތަމަ އުފެއްދި ޕްރައިމަރީ ބޭންޑެވެ. އަހަރުތަކަކަށް ފަހު އެ ބޭންޑް ބަދަލުވީ މިހާރު މާލޭގައި އޮތް އެންމެ ކުޅަދާނަ ބްރާސް ބޭންޑަށެވެ.

ވިސާކާ މިސްގެ ހާއްސަ ކަމަކީ ކޮބައިހެއްޔެވެ؟ ވިސާކާ މިސް އަކީ އޭނާ ކިޔަވައިދޭ ކޮންމެ ކުއްޖަކަށް ވެސް މަންމައެއް ފަދައިން ލޯބިދޭން ބޭނުންވި ހިތްހެޔޮ ޓީޗަރެކެވެ. މި އިންޓަވިއު ދިން އިރު އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަވި ކަމަކީ އެއީ އެވެ. މިސް ކިޔަވައިދިން އެތަކެއް ހާސް ކުދިން ހަނދާންތައް އާކޮށް އިރުއިރުކޮޅާ ހީނލުމެވެ. އުފަން ދަރިއަކު ނެތަސް ވިސާކާ މިސްއަށް މާޔޫސް ކަމެއް ނެތެވެ. އޭނާގެ ޝުކުރު އަދާކޮށްކޮށް ތިބި އެތައްހާސް ދަރިންނެއް އެބަތިއްބެވެ. ހައްތާވެސް ވިސާކާ މިސްގެ ދަރިންނެވެ.

"އަހަރެންގެ އަމިއްލަ ދަރިއަކު ނެތް. ބުރަކަށީގައި ހުރި ބަލި ކަމެއްގެ ސަބަބުން ކަމަށް ވެސް ވެދާނެ. އެކަމަކު އެކަމާ ދެރަވާކަށް އަޅުގަނޑަކަށް ވަގުތެއް ނެތް. މިވީ 29 އަހަރު ދުވަހު، ދުވަހަކުވެސް އަހަރެން އެކަމާ މާޔޫސެއް ނުވޭ. އަހަރެން ކިޔަވައިދޭ ކުދިންނަކީ އަހަރެންގެ ނަޒަރުގައި އަހަރެންގެ ދަރިން. އެ ކުދިންވެސް އަހަރެން ދެކެ އެހާ ލޯބިވޭ، އެކުދިންގެ މަންމައިން ވެސް ބައްޕައިންވެސް މިހާރުވެސް އަޅުގަނޑު ފެނިއްޖެ ނަމަ ގޮވާ ނުލައެއް ނުދާނެ، މިވީ ގިނަ އަހަރު ތަކުގައި ދުވަހަކުވެސް އަހަރެން ހިތްދަތިވާ ވަރުގެ ބަހެއްވެސް ކުއްޖަކު އަދި ޕޭރެންޓަކުވެސް ނުބުނޭ، އެވަރުގެ ނަސީބެއް ކޮބާ،" މިސް އުފަލާއެކު ޖަވާބު ދިނެވެ.

ހަޔާތުގެ އެންމެ ކަޅު ސަފުހާތަކުގެ ގޮތުގައި މިސް ސިފަކުރަނީ ކެންސަރު ބައްޔާ ކުރިމަތިލާން ޖެހުނު ދުވަސްތަކެވެ. އާދަވެގެން ކޮންމެ އަހަރަކުވެސް ބޮޑު ޗުއްޓީއަށް އަމިއްލަ ގައުމު، ސްރީލަންކާއަށް ގޮސް ބޮޑީ ޗެކްއަޕް ހަދާ، ޓެސްޓުތައް ހެދުމަކީ މިސް ކުރަމުން އައި ކަމެކެވެ. ނަމަވެސް 2014 ވަނަ އަހަރުގެ މެޑިކަލް ޓެސްޓުތަކުގެ ނަތީޖާ ހީކުރިހައި އުފާވެރިއެއް ނުވި އެވެ. އެ ފަހަރު ހެދި ޓެސްޓުތަކުން އޯވަރީއަށް ކެންސަރު ޖެހިފައިވާކަން އެނގުމުން ދުވަހަކުވެސް ނުވާ ވަރަށް ދެރަވި ކަމަށް މިސް ބުންޏެވެ. ނަމަވެސް އެ ދަނޑިވަޅުގައި ވެސް ރާއްޖެ ދޫކޮށް ދާން ބޭނުމެއް ނުވި އެވެ. މިސް ބުނި ގޮތުގައި ކެންސަރު ޖެހުނުކަން އެނގުމުން ސްކޫލުގެ އޭރުގެ ޕްރިންސިޕަލް މުހައްމަދު ސައީދާއި ބެލެނިވެރިންގެ ފަރާތުން އޭނާއަށް ލިބުނީ އުމުރަށް ޝުކުރު ކުރާނެ ވަރުގެ އެއްބާރުލުމަކާއި އަޅައިލުމެވެ.

"ކެންސަރު ހުރިކަން އެނގުމުން ސްކޫލުގެ ފަރާތުން އަޅުގަނޑަށް ލިބުނު ލޯބި ލަފްޒުން ބަޔާންވެސް ކޮށް ނުދެވޭނެ. އޭރުގެ ޕްރިންސިޕަލް ސައީދާއި ޓީޗަރުންނާއި ބެލެނިވެރިން ގުޅިގެން އަޅުގަނޑަށް ބޭސް ކުރުމަށް ފަންޑުވެސް ހޯދި، އުނޫޝާ ވެސް ފަންޑް ހޯދަން ޝޯވް އެއް ބޭއްވި، އެއީ ވެސް އަހަރެން ކިޔަވައިދިން އަހަރެންގެ ދަރިއެއް، އެހާ ގިނަ މީހުންގެ ލޯތްބާއި ހެޔޮ ދުއާއިން އަހަރެންގެގެ އޮޕަރޭޝަން ކާމިޔާބުވެ ރަނގަޅުވީ، ނަސީބު ރަނގަޅުކަމުން އެއީ ފުރަތަމަ ސްޓޭޖް،" ވިސާކާ މިސް ކިޔައިދިނެވެ.

ރާއްޖޭގައި 29 އަހަރު ދުވަހު ކިޔަވައިދެވުނު އިރު ޓީޗަރަކަށް ވެގެން ހާސިލްކުރަން ބޭނުންވި ހުރިހާ އުންމީދެއް ހާސިލްވެއްޖެކަމުގެ އުފާ މިއަދު ލިބެމުންދާ ކަމަށް ވިސާކާ މިސް ބުންޏެވެ. އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މިސް ދެކެނީ އެތަކެއް ކުދިންނެއްގެ ލޯބި ހާސިލްވުމެވެ. ކިޔަވައިދިން ކުދިންގެ ތެރެއިން ގައުމު ފަހުރުވެރިކޮށްދޭނެ ދަރިންތަކެއް ދާއިރާ އަށް ނިކުތުމެވެ. ބެލެނިވެރިން ބަލައިގަންނަ ފަދަ ހިދުމަތެއް ކޮށްދެވިފައިވުމާއެކު ކިޔަވައި ނިމި އެތައް އަހަރެއް ވޭތުވެފައިވީ ނަމަވެސް އޭނާ ކިޔަވައިދިން ކުދިންގެ ހިތްތަކުގައި އޭނާ ދަސްކޮށްދިން ފިލާވަޅުތައް ބިންވަޅުނެގިފައި ހުރުމެވެ.

ވިސާކާ މިސް އަކީ ރާއްޖޭގައި މިހާރު ތިބި ފަންނާނުންނަށް ބެއްޔަސް އެތައް ޒުވާން ފަންނާނުންނެއްގެ މިއުޒިކީ ހަޔާތުގެ ފައުންޑޭޝަން އަޅުއްވައިދެއްވި ކުޅަދާނަ ޓީޗަރެކެވެ. ރާއްޖޭގެ ކުޅަދާނަ ލަވަކިޔުންތެރިޔާ އުނޫޝާ އަކީ ވިސާކާ މިސް ކިޔަވައިދިން އެންމެ ހުނަރުވެރިކުދިންގެ ލިސްޓުގައި މިސް ފާހަގަކުރާ ނަމެކެވެ. ހަމައެހެންމެ ދާދިފަހުން މޯލްޑިވިއަން އައިޑޮލް އިން "މޫނުބުރުގާ" ލަވަ ހުށަހަޅައިދިން ޑރ. ޝަމްރާހަކީވެސް އެ މިސްގެ ތައުލީމުގެ ހިޔާވަހިކަމުން ގްރެޖުއޭޓްވި ދަރިވަރެކެވެ. އެންމެ ޒުވާން ކުދިންގެ ލިސްޓުގައި ޒުވާން މިއުޒިކީ ފަންނާނު ޝައްމު އާއި ބަތޫލް އާއި މޯލްޑިވިއަން އައިޑޮލް އިން ވިދާލި ޒަލީފް އާއި ރާއްޖޭގެ ފުރަތަމަ މޯލްޑިވިއަން އައިޑޮލް ލައިޝާ ޖުނައިދް ވެސް ހިމެނެއެވެ.

ވިސާކާ މިސް އާއި މިސްގެ ހިތް ހެޔޮކަމުގެ ވާހަކަ ދައްކައި ކޮޅުން ނުލާނެ އެވެ. މިކަމަށް މުޅި އިސްކަންދަރު ސްކޫލް ހެކިވާނެ އެވެ. ރާއްޖެއަށް ނިސްބަތް ނުވި ނަމަވެސް މިވަރުގެ މުދައްރިސަކު ދިވެހި ދަރިވަރުންނަށް ލިބުމަކީ ކޮންފަދަ ނަސީބެއް ހެއްޔެވެ؟ ވިސާކާ މިސްއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ!