ރޯދަ މަހާ ރޯއްޖާ

އަޅުގަނޑު އަޅުގަނޑަށްވީ ގޮތް: އޭޑީކޭ އައްފާލް

  • ސަރުކާރަށް 16 އަހަރު ހިދުމަތް ކުރި
  • މިސާލަކަށް ބަލަން ރަނގަޅު ވެރިއެއް
  • ހުންނެވީ އޭޑީކޭ ހޮސްޕިޓަލް ހިންގެވުމުގެ މުގުލުގައި

ބައެއް މީހުން އެމީހެއްގެ ކާމިޔާބީ ހިއްސާ ކުރާއިރު "އަޅުގަނޑު އަޅުގަނޑަށްވީ ގޮތަށް" ކަމަށް ބުނެ އެކި ވާހަކަ ކިޔައިދެ އެވެ. "އަވަސް" ގެ "އަޅުގަނޑު އަޅުގަނޑަށް ވީގޮތް" ސިލްސިލާގެ ތެރެއަށް މިގެންނަނީ ރާއްޖޭގެ މުޅި ސިއްހީ ދާއިރާގައި އެ ނަމަކަށް ހާއްސަ ގަދަރެއް ދެވިފައިވާ އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް އެވެ. އައްފާލްގެ ބައްޕަ ނިސްބަތްވަނީ ބ. އޭދަފުއްޓަށެވެ. މަންމައަކީ މާލެ މީހެކެވެ. އަންބަކާއި ދެ އަންހެން ކުދިން އެބަ ތިއްބެވެ. މާލެ އަށް އުފަން އުމުރުން 45 އަހަރުގެ އައްފާލްއަކީ ހިތްހެޔޮ މީހުންނާ ގުޅޭ "ވެރިއެކެވެ." ވަރަށް ސަމާސާ ބޮޑު ބޭފުޅެކެވެ. ކޮންމެ ވަގުތަކު ވެސް ބައްދަލު ކުރެވޭ ވާހަކަ ދެކެވޭ ބޭފުޅެކެވެ.

.އައްފާލް އާއިލާގެ އާއިލާ ވެސް ވަނީ އޭނާ މިހާރު މަސައްކަތް ކުރައްވާ ސިއްހީ ދާއިރާއާ ގުޅި ލާމެހިފަ އެވެ. މަންމައަކީ ނަރުހެކެވެ. މަސައްކަތް ކުރެއްވީ ކުރީގެ ސެންޓްރަލް ހޮސްޕިޓަލް [މިހާރުގެ އޭޑީކޭ] ގަ އެވެ. ބައްޕަ ވެސް މަސައްކަތް ކުރެއްވީ ހަމަ އެ ހޮސްޕިޓަލްގެ ފައިނޭންސްގަ އެވެ.

"މި ވެދާނެ އިއްތިފާގަކަށް ވެސް އަޅުގަނޑަށް މި ތަނުގައި މި ދާއިރާގައި މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ. މަންމަ އާއި ބައްޕަ ވެސް މަސައްކަތް ކުރެއްވީ ކުރީގެ ގަވަމެންޓް ހޮސްޕިޓަލް [މިހާރުގެ އޭޑީކޭ] ގައި. އެހެންވީމަ އަޅުގަނޑު މި ވަޒީފާއާ މިހާރުގެ ޕްރޮފެޝަން ވެދާނެ އިއްތިފާގުގެ ގުޅުމަކަށް ވެސް،" އައްފާލް ވިދާޅުވި އެވެ.

އައްފާލްގެ ތައުލީމީ ހަޔާތުގެ ގަނޑުތައް އުކާލާނަމަ އޭނާއަކީ ކިޔެވުމަށް މޮޅު އެކަމަކު އާދައިގެ ދަރިވަރެކެވެ. މަޖީދިއްޔާ ސްކޫލުން ތައުލީމް ހާސިލް ކުރެއްވުމަށްފަހު ކުރީގެ އެސްއީސީ އިން މަތީ ސާނަވީ ތައުލީމް ފުރިހަމަ ކުރެއްވި އެވެ. ސްކޫލް ދައުރުގައި އޭނާއަކީ ވަރަށް އެކްޓިވް ދަރިވަރެކެވެ. ބަސްމޮށުންތެރި ދޫފަރިތަ އެވެ. ގައުމީ ފެންވަރުގައި ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތްތަކުގައި ވާދަކޮށް، "ރަން ވަނަތައް" ހޯއްދެވި އެވެ. މަޖީދިއްޔާ ސްކޫލްގެ ބްރާސް ބޭންޑުގައި އުޅުއްވި އެވެ. މީގެ އިތުރުން ދިވެހި ޖަމިއްޔާ "އެކުވެރިން" ގެ ގުޅުމުގައި ވެސް އުޅުއްވި އެވެ.

"ސްކޫލް ދައުރު ނިންމިއިރު އަޅުގަނޑު ވިސްނައިގެން ހުރީ ޑޮކްޓަރަކަށް ވާން. އޭރު އެކި ދިމަދިމާލަށް ކިޔަވަން ދާނީ. އާއިލާ އާއި ދަންނަ މީހުން އަދި ޓީޗަރުގެ ޕްރެޝަރާ ހެދި ގިނަ ކުދިން ދިޔައީ މި ދާއިރާ ތަކުން. އަޅުގަނޑުވެސް ސައިންސް ކިޔަވައިގެން ޑޮކްޓަރަކަށް ވާން އޭރުގެ ހެލްތް މިނިސްޓްރީއަށް ވަނީ،" އައްފާލް ވިދާޅުވި އެވެ.

އައްފާލްގެ ފުރަތަމަ ވަޒީފާއަކީ އޭރުގެ ހެލްތް އެންޑް ވެލްފެއާ މިނިސްޓްރީގެ އިނގިރޭސި ސެކްޓަރީ ކަމެވެ. ފުރަތަމަ ވަޒީފާ އަށް ނުކުތްއިރު އޭނާގެ އުމުރުން އެންމެ 18 އަހަރެވެ.

"މެޑިސިން ހަދަން ދާން މަސައްކަތް ކުރިން. ނަމަވެސް އޭލެވެލް ނަތީޖާތަކަށް ބަލާފަ އެހާ ރަނގަޅު ނޫންވީމަ ޕްރީ-މެޑިސިން ހަދަން އެޕްލައި ކުރިން. ނަމަވެސް އޭރު ވެސް މިހާރަކޭ އެއްގޮތަށް މެޑިސިން ހަދަން ވަރަށް ބޮޑު ވެއިޓިން ލިސްޓެއް އޮވޭ. އެހެންވެ އެކަން ނުވީ،" ޑޮކްޓަރަކަށްވެ ވަޑައިގަތުމަށް ކުރެއްވި މަސައްކަތް އަފްއާލް ވިދާޅުވި އެވެ.

ޑޮކްޓަރަކަށް ވެވަޑައި ނުގެންނެވުނު ނަމަވެސް އައްފާލް އަޒުމު ކަނޑައެޅީ ސިއްހީ ދާއިރާއަށް ހިދުމަތް ކުރެއްވުމަށެވެ. މިގޮތުން ސިއްހީ ދާއިރާ މެނޭޖުކޮށް ބެލެހެއްޓުމުގެ ދާއިރާއިން ތައުލީމް ހާސިލްކުރަން ނިންމެވި އެވެ.

"އޭރު އަޅުގަނޑުގެ ވެރިންނަށް ތިއްބެވި ބޭފުޅުން ވެސް ހިޔާލު ދެއްވި. އެހެންވެ މެޑިސިން ކިޔެވުމުގެ ހިޔާލު ދޫކޮށްލީ. ދެން މަސައްކަތް ކުރީ ހެލްތް މެނޭޖުކުރުމުގެ ރޮނގުން ކުރިއަށްދާން. އެހެންވެ ޑަބްލިއުއެޗްއޯގެ ސްކޮލާޝިޕެއްގައި އޮސްޓްރޭލިޔާ އަށް ދިޔައީ. ސިޑްނީގައި ފުރަތަމަ ޑިގްރީ ހާސިލް ކުރީ. އަދި މަސައްކަތް ކުުރުމަށްފަހު ވިލާ ސްކޮލާޝިޕެއްގައި މާސްޓާސް ހެދުމަށް ދިޔައީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް މެންޗެސްޓާއަށް،" ސަރުކާރުގައި 16 އަހަރު ހިދުމަތްކުރި އައްފާލް ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ކިޔެވުމަކީ ދިރިއުޅެން އެނގުމެވެ. އެހެންނޫނަމަ އޭގެ ބޭނުމެއް ނެތެވެ.

"ކިޔެވުމަކީ ފޮތަކުން ކިޔެވުމެއް ނޫން. ތިމާ މީހަކަށްވުމަށް، އެޅޭ ފިޔަވަޅެއް. އެއީ ހަމައެކަނި ފޮތް ދަސްކުރުމެއް ނޫން. އެޑިއުކޭޓެޑް މީހެކޭ ބުނަނީ މިހެންވެ. ނަމަވެސް ބައެއް ފަހަރު ވާގޮތަކީ ދިރިއުޅެން ނުކުމެފަ ފުލުސްޓޮޕް ޖެހެނީ. ކިިޔެވުމަކީ ޓޮޕް 10 އެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކަށް ވާންޖެހޭނީ ގައުމަށް ހިދުމަތް ކުރުން،" ކިޔެވުން މާނަކުރާ ގޮތް އައްފާލް ވިދާޅުވި އެވެ.

އައްފާލް ގަބޫލުކުރައްވާ ގޮތުގައި ވަޒީފާއަކީ ވަރަށް ބޮޑު ޗެލެންޖެކެވެ. ސަބަބަކީ ހިދުމަތް ދޭން ޖެހުމެވެ. އޭޑީކޭގެ ހިންގަން ތިއްބެވި ވެރިން، އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އައްފާލްއަށް ހުށަހެޅުމުން ގަބޫލުކުރެއްވީ ވެސް މިހެންވެ އެވެ.

"އެންމެ ބޮޑު އިސްކަމެއް ދެނީ ފަރުވާތެރިކަމާއެކު ވަޒީފާ އަދާކުރަން، ހެލްތުގައި އުޅުނުއިރު ވެސް ކުރިއަށް ގޮސްފައިވާނީ ވެރިންނަށް ފެނިވަޑައިގެން ކުރިއަށް ދާން ޖެހޭ މީހެއްކަން ސާބިކޮށްދީގެން. މި ވަޒީފާ ލިބުނީ ހެލްތް މިނިސްޓްރީގެ ވަޒީފާގައި ކުރަމުން ދިޔަ މަސައްކަތް ތަކުގެ ސަބަބުން،" އައްފާލް ވިދާޅުވި އެވެ.

އައްފާލް ކާމިޔާބު ހޯދުމުގައި އޭނާގެ ފަހަރުގައި މުހިންމު ފަރާތްތަކެއް ހިމެނެ އެވެ. އޭނާގެ މުހިންމު މީހުންގެ ލިސްޓުގައި އެންމެ ފާހަގަވަނީ އޭނާގެ ކާފަ އާއި މާމަ އެވެ.

"އަޅުގަނޑުގެ ތަރުބީއްޔަތާއި ވިސްނުން މި ފެންނަނީ ކާފަޔާއި މާމަގެ ސަބަބުން،" ޝުކުރުވެރިކަމާއެކު އައްފާލް ވިދާޅުވި އެވެ.

އައްފާލް ވިދާޅުވީ މި ވަޒީފާގައި އޭނާއަކީ ޑޮކްޓަރަކަށް ވެވަޑައި ނުގެންނެވުނު ނަމަވެސް އޭނާއަކީ "ޑޮކްޓަރެކެވެ" ސަބަބަކީ ހުރިހާ މީހުންގެ ޒިންމާއާ ހަވާލުވެގެން މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފައިވާތީ އެވެ.

"ހުރިހާ މީހުންގެ ކުރާ ކަންތައްތަކުގެ ޒިންމާ ނަގަނައިގެން ހުންނަ މީހާ އަޅުގަނޑަކީ. އެހެންވެ ވަރަށް ޒިންމާދާރު ވަޒީފާއެއް މިއީ. އެހެން ވެސް ހާލެއްގައި ފަސޭހަކަމެއް ނޫން. ވަރަށް ބައިވަރު އެފަޓް ދީގެން މި ވަޒީފާ އަދާކު ރެވޭނީ،" އައްފާލް ވިދާޅުވި އެވެ.

ދެން މި އޮތީ އައްފާލް ކާމިޔާބު މީހަކަށްވުމުގައި ފޮރުވިފައިވާ ބޮޑު ސިއްރުގެ ވާހަކަ އެވެ. ކާމިޔާބު މީހަކަށްވުމުގައި ތިން ކަމެއް ހިމެނެ އެވެ. މިގޮތުން އެއް ކަމަކީ ކެއްތެރިކަމާއި ކަމަށް ކެމޭހިތުމާއި އަމާނާތްތެރިކަން އަދި ހިތް ވަރުލައިގެން މަސައްކަތް ކުރުމެވެ.

"އަޅުގަނޑުގެ ހަޔާތުގައި ވެސް މި ޕްރިންސިޕަލްސް ތައް ބޭނުންކޮށްފައި ހުންނާނެ. ހާއްސަކޮށް މި ފަދަ ވަޒީފާއެއް އަދާކުރެވޭނީ ވަރަށް ކެއްތެރި ވެގެން."

އައްފާލް، އައްފާލް އަށް ވެފައިވަނީ މިސާލަކަށް ގިނަ ބަޔަކު ބަލައިގެންނެވެ. ލީޑަޝިޕްގެ ރޮނގުން މިސާލަކަށް ބެއްލެވީ ކީރިތި ރަސޫލާ އެވެ. ދެން މި ލިސްޓުގައި ހިމެނެނީ ކުރީގެ ހެލްތް މިނިސްޓަރު އަބްދުސައްތާރު މޫސާ ދީދީ އާއި އެމެރިކާގެ ކުރީގެ ރައީސް އަބްރަހަމް ލިންކަން އެވެ.

"ފަހުގެ މީހުންގެ ތެރޭގައި މިސާލަކަށް ހިމެނޭ ބިލްގޭޓްސް ބަރަކް އޮބާމާ ފަދަ ބޭފުޅުން."

ޒިންމާދާރު ވަޒީފާއެއްގައި އުޅުއްވި ނަމަވެސް އާއިލާއަށް ވަގުތު ދިނުމަށް އައްފާލް އިސްކަމެއް ދެ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މިއީ ވެސް ވަޒީފާގެ ބައެކެވެ.

ދެން އޮތް ސުވާލަކީ އައްފާލް ސިއްހީ ދާއިރާއިން ނޫނީ އޭޑީކޭ ވަޒީފާއިން ފެނިވަޑައި ނުގެންނެވި ނަމަ ދެން ފެންނާނީ ކޮން ދާއިރާ އަކުންބާ އެވެ؟

"ތިޔަ ސުވާލު ވަރަށް ގިނަ މީހުން ކުރޭ. މި ދާއިރާ އިން ނުފެނުނުނަމަ ދެން ފެނުން ކައިރީ ލިޔުންތެރިއެއްގެ ގޮތުގައި. ކުރިން ކޮންމެ ވެސް ވަރަކަށް ލިޔެ އުޅުނިން. ބްލޮގެއް ވެސް ގެންގުޅުނިން. ނަމަވެސް ވަގުތު ނެތީމަ އެކަން ނުވަނީ،" އައްފާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަޒީފާއިން ބޭރުން މިހާރު އެންމެ އިސްކަމެއްދޭ ކަމަކީ ކަސްރަތު ކުރުމެވެ. މިގޮތުން ކޮންމެ ދުވަހަކު ވެސް ބަރާބަކަށް ކަސްރަތު ކުރެ އެވެ.

"ވަރަށް ފަތިހު ހޭލަން. ފަތިސް ނަމާނު ކޮށްގެން އާއްމުކޮށް ކަސްރަތު ކުރަން ގަޑިއެއްހާއިރު. އަޅުގަނޑުގެ ލައިފްގެ ބައެއް އެއީ. މިއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑު ދުވުމުގެ ތެރެއަށް ނުކުތްއިރު 80 ކިލޯވަރު ހުރި،" އައްފާލް ވިދާޅުވި އެވެ.