ރިޕޯޓް

މިގޭ މަގަށް ވެސް ނުވަދެވޭތަ؟

Feb 11, 2015
3

މިއީ އެއްގަމު އުޅަނދު ވަނުން އާދީއްތަ ދުވަހުން ފެށިގެން މަނާވާ ހެންވޭރު ހީނާ ގޯޅި އެވެ. މި ގޯޅިން ހަމަގައިމު ވެސް ދެ ސައިކަލަށް އެއް ފަހަރާ ދުއްވާފައެއް ނުދެވޭނެ އެވެ. މި ގޯޅި އެހާ ވެސް ކަންޏެވެ. ތޮއްޖެހި، ފިތި ބާރުވެފައިވާ މާލޭގައި މިފަދަ އެތައް މަގުތަކާއި ގޯޅިތައް އެބަ ހުއްޓެވެ. މި ފަދަ ގޯޅިތަކުގައި ދިރިއުޅޭ އާއްމުންނަށް އެއްގަމު އުޅަނދު ފަހަރުން ބޮޑެތި ދަތިތަކާ ކުރިމަތިވެ އެވެ. މި ކަމަށް ލުޔެއް ގެނެސް ދިނުމުގެ މަގުސަދުގައި ސަރުކާރުވަނީ މިފަދަ ހަނި ގޯޅިތައް ވެހިކަލް ވަނުން މަނާ ކުރަން ނިންމާފަ އެވެ. މި ނިންމުމާއި ގުޅިގެން އުފެދޭ ސުވާލަކީ، މިކަމުން ލިބޭނީ ކޮން ފައިދާ އެއް ބާ އެވެ؟ 

"ބައެއް ފަހަރު ބޭރަށް ނުކުންނަން ދަތިވޭ ސައިކަލް ގޭގެ ދޮރުމަތީގަ ޕާކު ކޮށްފައި އޮންނާތީ. ދޮރު ހުޅުވާލާފަ އަރަން މި ޖެހެނީ ސައިކަލަށް،" ހީނާ ގޯޅީގައި ދިރިއުޅޭ އައިމިނަތު މޫސާ ބުންޏެވެ.

މާލޭގައި ވެހިކަލް ގިނަވުމުގެ ސަބަބުން އާއްމުން އުފުލަމުން ދާ ދަތިކަމަށް "ކޮންމެ ވެސް" ލުޔެއް ގެނެސް ދިނުމުގެ ގޮތުން ހައުސިން މިނިސްޓްރީން މާލޭގެ ބައެއް މަގުތަކަކީ އެއްގަމު އުޅަނދު ވަމުން މަނާ މަގުތަކަށް ހެދުމުގެ މަސައްކަތް ކުރިއަށް ދާއިރު، މިކަމުގެ ސަބަބުން އާއްމުނަށް ލުއިތަކެއް ލިބޭނެ ކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ވެހިކަލް ނުވަދެވޭނެ މަގުތަކެއް ކަނޑައެޅުމުގެ ސަބަބުން ގިނަ ބަޔަކަށް ފަސޭހަ ވެގެންދާނެ އެވެ.

" މިގޮތަށް ބަންދު ކުރުމުން މި ސަރަހައްދުތަކުގައި އުޅޭ ކުޑަކުދިންނާއި މުސްކުޅިންނަށް ހިނގާ އުޅެން ވަރަށް ފަސޭހަ ވެގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވެހިކަލް ނުވަދެވޭ ގޮތަށް މަގުތައް ބަންދު ކުރާއިރު ގިނަ ކަންތައްތަކަށް ބަލާ ކަމަށެވެ.

"ޓްރެފިކަށް ވެސް ބެލިން. އެ ތަނެއްގައި މީހުން އުޅޭ އަދަދަށް ވެސް ބެލިން. އެ މަގަކާއި ގޯޅިއެއްގެ ހަނިކަމަށް ވެސް ބެލިން،" މުއިއްޒު ވިދާޅުވި އެވެ.

އާދީއްތަ ދުވަހުން ފެށިގެން ހީނާގޯޅި އާއި ރަތްވިލާ މަގަކީ ވެހިކަލް ނުވަދެވޭ މަގަކާއި ގޯޅިއެއްގެ ގޮތުގައި ހަމަޖެއްސުމުގެ އިތުރުން،  މި ގޮތަށް ހުރި ހަނި މަގުތަކާއި ގިނަ ގޯޅިތަކެއް އެއްގަމު އުޅަނދު ފަހަރަށް ބަންދު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ ވަނީ ފަށާފަ އެވެ. އެގޮތުން މި މަސައްކަތް ކުރިއަށްދާނެ ގޮތުގެ ތާވަލެއް އެކުލަވާލައި ވަނީ އާއްމުކޮށްފަ އެވެ. އެ ތާވަލްގައި ވާގޮތުން ބަންދުވާނެ މަގުތަކާއި ގޯޅިތަކަކީ:

ވައިޖެހޭ މަހު (އުތުރުން ދެކުނަށް) 

ބޮޑުފުންގަނޑު މަގު (މަޖީދީމަގާއި ދުނބުރުމަގާއި ދެމެދު)

ދިލްކުޝާ ގޯޅި( ކެނެރީމަގާއި ޗާންދަނީ މަގާއި ދެމެދު)

ޒަމާނީ ގޯޅި (ޝަހީދު ކުޑަނެވި ތުއްތު ހިނގުމާއި މަޖީދީމަގާއި ދެމެދު)

ޖަވާހިރު ގޯޅި (ކާމިނީމަގާއި މާވެޔޮމަގާއި ދެމެދު) 

ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދާ މި މަސައްކަތް ނިންމުމަށް ތިން މަސް ދުވަސް ނަގާނެ ކަމަށެވެ. އަދި ބަންދުވާ މަގުތަކުގައި ދިރިއުޅޭ މީހުންނަށް ހާއްސަ ޕާކިން އޭރިޔާތަކެއް ހަމަޖެހިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ޕާކިން ޒޯންތައް ވާނީ ގޯޅިތަކުގައި ދިރިއުޅޭ މީހުން ޕާކު ކުރުމަށް ހާއްސަ ޒޯންތަކަށް. ޓްރާންސްޕޯޓް އޮތޯރިޓީން ހާއްސަ ސްޓިކާއެއް މި ކަމަށް ހިލޭ ލިބޭނެ. އެ ސްޓިކާ ހަރުކޮށްފަ ހުންނަ ވެހިކަލްތައް ޒޯންގައި ބެހެއްޓޭނީ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބަންދު ކުރާ މަގުތަކުގައި "ނޯ އެންޓްރީ" ބޯޓު ޖެހުމުގެ އިތުރުން ވެހިކަލަށް ނުވަދެވޭ ގޮތް މަގު ބަންދު ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

"މިގޮތަށް ބަންދު ކުރިނަމަވެސް ވީލް ޗެއާ އެކްސެސް ބޭނުންވާ މީހުންނަށް ވަދެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

 ބައެއް މަގުތައް ވެހިކަލް ވަނުން ބަންދުކުރިއިރު، އެ މަގުތަކުގައި ގުދަންތަކާއި ފިހާރަތައް ވެސް ހުރެ އެވެ. އުފެދޭ ސުވާލަކީ އެފަދަ ތަންތަނަށް މުދާ ހިފައިގެން އަންނަ އުޅަނދު ފަހަރަށް މި މަގުތަކަށް ވަދެވޭނެ ބާ އެވެ؟

ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި މިފަދަ އުޅަނދު ފަހަރު މުދާ އަރުވައި ބާލަން ޖެހޭނީ އެފަދަ ގޯޅިތަކާއި މަގުތަކަށް ނުވަދެ ކަމަށެވެ.

"އަޅުގަނޑުމެން ސާވޭ ކުރިއިރު ފާހަގަވި ބައެއް ގުދަން ހުރިކަން. އެކަމަކު އެފަދަ މަގުތަކަށް ވެހިކަލް ނުވަދެވޭނެ. ރައްޔިތުންނާއި ގުޅިގެން މި މަސައްކަތް ކުރިއަށް ދާނީ. މިކަން ތަންފީޒުކުރަން ފެށުމުން ފަސޭހަ ވެގެންދާނީ ވެސް. ސައިކަލް ފަދަ ތަކެތި ވައްދަން ގަރާޖު މިފަދަ ގޯޅިއެއްގައި ހުރި ފަރާތެއްނަމަ، ހުއްދަ ލިބޭނީ އަތުން ހިފައިގެން އެ ވެހިކަލެއް ގެން ދިއުމަށް،" މުއިއްޒު ވިދާޅުވި އެވެ.

ވެހިކަލް ނުވަދެވޭ ގޯޅި އާއި މަގުތަކެއް ކަނޑައެޅުމަކީ ފަސޭހަވާނެ ކަމެވެ. ނަމަވެސް ކޮންމެ ކަމެއްގައިވެސް ދަތިތަކެއް ހުންނާނެ އެވެ.