ރިޕޯޓް

އުރީދޫގެ ޔޫސުފް: މައިންބަފައިން ހިމޭންކޮށްލައިފި!

ޔޫސުފްގެ ފުރަތަމަ ރޯދަ ހިފި ގޮތް އެނގޭ ހެއްޔެވެ؟ ޔޫސުފަކީ ކާކުކަން އެނގޭ ހެއްޔެވެ؟ ޔޫސުފަކީ މި އަހަރުގެ ރޯދަ މަހާއެކު އުރީދޫގެ ފަރާތުން ކަސްޓަމަރުންނާ ބައްދަލުކުރި މޫނެވެ. އުރީދޫއިން މިފަހަރު ރޯދަމަހުގެ ހެޔޮއެދުންތައް އަރިސްކޮށްފައިވަނީ ޔޫސުފާއެކު އެވެ. ޔޫސުފްގެ ފުރަތަމަ ރޯދައިންނެވެ. ޔޫސުފްގެ ފުރަތަމަ ރޯދައިން ކޮންމެ މީހެއްގެ ވެސް ފުރަތަމަ ރޯދައިގެ ހަނދާންތައް އާކޮށްލަދޭނެކަން ޔަގީނެވެ.

ރޯދައަށް މަރުހަބާ ކިޔުމަށް އުރީދޫއިން ޕޯސްޓްކޮށްލި ވީޑިއޯ ބަލަން ފެށުމާއެކު ފުރަތަމަ ހިތަށް އެރީ ކުރު ފިލްމެއް ބެލުން އުޅުނު ހެނެވެ. ނަމެވެސް އެހެނެއް ނޫނެވެ. މިއީ ހަމަ އެޑެކެވެ. ނުވަ ވަރަކަށް މިނެޓްގެ ކުރު ވީޑިއޯއެކެވެ. ނަމަވެސް މި ވީޑިއޯގައި ނެތް އެއްޗެއް ނެތެވެ. ފުރިހަމަ ވާހަކައެކެވެ. ހުރިހާ ކަމެއް ވެސް ފުރިހަމައެވެ. ޔޫސުފްގެ ފުރަތަމަ ރޯދައިގެ ވާހަކަ ގެނެސްދީފައިވާ ގޮތް ވަރަށް ވެސް ރީއްޗެވެ. އެޑްގެ ނެރޭޝަން ވެސް އެހާމެ ފުރިހަމައެވެ. ވަރަށް އަސްލެވެ.

އެނގޭ ހެއްޔެވެ؟ އުރީދޫއިން ނެރުނުމި ވީޑިއޯގެ ސަބަބުން މުޅި ރާއްޖެ ހިމޭންކޮށްލި އެވެ. ދިވެހި މައިންބަފައިން ވިސްނާލުމަށް ވަގުތުކޮޅެއް ހޭދަކޮށްލި އެވެ. ދަރިން ތަރުބިއްޔަތު ކުރެވެނީ ރަނގަޅަށްބާވައޭ ހިތަށް އެރި އެވެ. ހަގީގަތުގައި ވެސް މިއީ މޮޅު ވީޑިއޯއެކެވެ. މި ވީޑިއޯއަކީ އުރީދޫއަށް އެވޯޑެއް ދޭ ވަރުގެ މޮޅު، އަސަރުން ފުރިފައިވާ ވީޑިއޯއެކެވެ.

މި އެޑް ވިލިމާލޭގެ ހިތްފަސޭހަ ދިރިއުޅުން ވެސް ވަރަށް ފުރިހަމައަށް ދައްކައިދެ އެވެ. ދިވެހިންގެ ރީތި ދިރިއުޅުމާއި ރޯދަ މަހުގެ ހާއްސަ ކަންކަން ވެސް މި ކުރު ވީޑިއޯގައި ދައްކައިދެ އެވެ. މި ހުރިހާ މަންޒަރެއް ނަގާ ކުރު ވިޑީއޯއަކަށް ފައްތާފައިވާ ޓީމަށް ހަމަ ސާބަހެވެ. ވީޑިއޯއިން އެންމެ ބޮޑަށް އަޅައިގަންނާނެ ކަމަކީ ވީޑިއޯ ސިނެމެޓޯގްރަފީ އެވެ. ވީޑިއޯ ބަލާލަން އެހާ ހިތްގައިމުވާ ސަބަބަކީ އެއީ އެވެ.

އަނެއްކޮޅުން މީގައި ޓައިޓްލް ރޯލެއް ކުޅެފައިވާ ޔޫސުފްގެ އެކްޓިން ވެސް ހިތެއް ވިރިގެންދާހާ މޮޅެވެ. ބައެއް މީހުން ބުނަނީ މަރުވެފައި އޮތް ފިލްމީ ދާއިރާ އަށް ބޭނުންވަނީ މި ފެންވަރުގެ އެކްޓަރުން ކަމަށެވެ.

ވީޑިއޯގައި ވަނީ ކިހިނެއް؟

މި ފުރިހަމަ އެޑުން ފެށިގެން ދަނީ ހާރު ކެއުމުންނެވެ. ނިދީގައި އިނދެ ޔޫސުފް ހާރު ކައެވެ. އެއަށްފަހު ބައްޕައާއެކު ފަތިސް ނަމާދަށްދެ އެވެ. ނަމާދަށްފަހު ޔޫސުފް ދަނީ ރައްޓެރިންނާއެކު ކުޅޭށެވެ. ކުޅެން ދިޔުމުގެ ކުރިން ޔޫސުފްގެ މަންމަ، އޭނާ ހުރީ ރޯދައަކަށްކަން ހަނދާންކޮށްދިނެވެ. ރައްޓެހިންގެ ތެރެއިން ރޯދައަށް ހުރީ ޔޫސުފް އެކަންޏެވެ. ނަމަވެސް އެންމެ ގިނަ ގޯލް ޖެހީ ޔޫސުފެވެ. މެންދުރު ނަމާދު ބަންގި ގޮވުމުން ޔޫސުފް ގެއަށް ދިޔަ އެވެ. މަންމަ އެންގި ގޮތެވެ.

ބައްޕައާއެކު މެންދުރު ނަމާދަށް ގޮސް ބައިސިކަލެއް ލިބޭތޯ ދުއާކުރި އެވެ. ގެއަށް އައިއިރު ކޮއްކޮ އިޝީއަށް މަންމަ ކާންދެ އެވެ. ޔޫސުފް ވެސް ކާހިތްވި އެވެ. އެކަމަކު ކެތްކޮށްލި އެވެ. އިޝީ ބުނަނީ މިއަދު އިޝީ ދެ ރޯދަ ހިފިއްޖެ ކަމަށެވެ. އިޝީއަށް ކާން ދިނުމަށްފަހު ބަދިގޭގައި މަންމަ އަވަދިނެތި މަސައްކަތްކުރަން ފެށި އެވެ. އެ މަސައްކަތުގައި ޔޫސުފް ވެސް ބައިވެރިވެ އެވެ. ޖޫސް ގިރައި ކަޓްލަސް ވެސް ހެދީ ޔޫސުފެވެ.

ކާ އެއްޗެހިތަކުގައި އުޅެން ފެށުމުން ޔޫސުފް ކާހިތްވެއްޖެ އެވެ. މޭޒުމަތީ އޮތް މެޓައެއް ވަގާ ނަގަށް އެ މެޓާ ފިލައި ހުރެ ކާން ޔޫސުފް މަސައްކަތް ފެށި އެވެ. ސިއްސައިގެން ދިޔައީ ބައްޕަގެ އަޑަށެވެ. ޔޫސުފް ގޮވައިގެން ގޮސް ކުޑަ ބައިސިކަލެއް ދެއްކި އެވެ. އަދި ބުނީ، އެއީ ޔޫސުފް ރޯދައަށް ހުރުމުން މަންމައާއި ބައްޕަގެ ފަރާތުންދޭ ހަދިޔާއެއް ކަމަށެވެ.

ޔޫސުފްގެ އުފަލުގެ ކޮޅެއް ނެތެވެ. ހިތްފަސޭހަ ވިލިމާލެގެ މަގުމަތީގައި ޔޫސުފް ބައިސިކަލް ދުއްވަން ފެށި އެވެ. ބައިސިކަލް ރައްޓެހިންނަށް ވެސް ދައްކާލި އެވެ. ބައިސިކަލްގައި ދުއްވަމުން ގޮސް އެކަނިވެރި ހިސާބަކަށް ދެވުމުން އެއްކަލަ މެޓާ ކާލަން ވެސް ޔޫސުފްގެ ހިތަށް އެރި އެވެ. ނަމަވެސް އެމަގުން ދިޔަ ދައްތައަކު ޔޫސުފް ރޯދަ ސުވާލުކޮށްލުމުން މެޓާ ޖީބަށްލިއެވެ. ފުލްޑޭ ރޯދަ ކަމަށް ބުނަމުން ބައިސިކަލް ދުއްވާލި އެވެ. ބައިސިކަލް ޔޫސުފް އުޅޭތީ، މަސައްކަތް ކުރަން ވެސް އޭނާއަށް ޖެހުނެވެ. އެ ގެއިން އަނެއް ގެއަށް ކާއެއްޗެހި ބަދަލުކުރުމެވެ. ހަދިޔާ ބަދަލުކުރުމެވެ.

މިހުރިހާ ކަމެއް ނިންމާލުމަށްފަހު ޔޫސުފް ގެއަށް ދިޔަ އެވެ. ޔޫސުފް ވަރުބަލި ނުވޭތޯ މަންމަ އެއްސެވެ. ޔޫސުގް އަންގަނީ ނުވާ ކަމަށެވެ. ނަމަވެސް ބަންގި ގޮވާ ގަޑި ކައިރިވީ ވަރަކުން ޔޫސުފް ހަމަ ބަނޑުހައިވަނީ އެވެ. ކާއެއްޗެހި މަތިން ހިތަށް އަރަނީ އެވެ. އެއްކަލަ މެޓާ ކާލަން ވެސް ހިތަށް އަރަ އެވެ. ނަމަވެސް މަންމަގެ ހިތްވަރާއެކު ޔޫސުފް ކެތްކޮށްލި އެވެ. އެންމެފަހުން ބަންގި ގޮވައިފި އެވެ. ވަރަށް ގަދައަށް ޔޫސުފް ކެއެވެ. އޭނާއަށް އެންމެ ކަމުދާ ބަޖިޔާ ވެސް ތައްޔާރުކޮށްފައި ހުއްޓެވެ.

އެއް ތޯދަ ހިފުމާއެކު އުފަލުން ހުރި ޔޫސުފް މުޅި ދުވާލު ގެންގުޅުނު މެޓާ، ނިދުމުގެ ކުރިން ކޮއްކޮ އިޝީގެ ބަނޑު މަތީ ބޭއްވި އެވެ. އެއީ، އެ މެޓާއިން ޔޫސުފަށް އެއްވެސް ބޭނުމެއް ނެތީމަ އެވެ. ނަމަވެސް އިޝީގެ އެބަ އޮތެވެ.