މަރު

އިރުޝާން މަރާލި މައްސަލާގައި އިތުރު ހަތަރު ކުދިންނާއި މީހަކު ހައްޔަރުކޮށްފި

މިދިޔަ ހުކުރު ދުވަހުގެ ހަވީރު މާލޭގައި ހިނގި މާރާމާރީގައި 14 އަހަރުގެ ކުއްޖަކު ނިޔާވި މައްސަލައިގެ ތުހުމަތުގައި އިތުރު ހަތަރު ކުދިންނާއި މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި މިދިޔަ އާދިއްތަ ދުވަހުގެރޭ 16 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ މީހަކު ހައްޔަރުކޮށް 16 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް އަދި 18 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ޖަހާފަިއވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން މި މައްސަލައިގެ ތުހުމަތުގައި އިއްޔެ ރޭ ވަނީ 16 އަހަރުގެ ދެ ކުދިންނާއި 17 އަހަރުގެ ކުއްޖަކު ހައްޔަރު ކޮށްފައެވެ. މި ކުދިންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދުގެ ވަގުތެއްގައި ކޯޓަށް ގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.

މި ހަތަރު ކުދިންނާއި މީހާ އާއި، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާ އާއި 15 އަހަރުގެ ކުއްޖާ އާއެކު ޖުމުލަ ހަ ކުދިންނާއި މީހަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. މިކުދިންނާއި މީހާއަކީ ހުކުރު ދުވަހު މާލޭގައި ހިނގި މާރާމާރީގައި 14 އަހަރުގެ ކުއްޖަކު ނިޔާވި މައްސަލާގައި ހައްޔަރުކުރި ބައެކެވެ. އެއީ، އެ ދުވަހު ހަވީރު ހިނގި މާރާމާރީގައި މަރުވި ކ. ކާށިދޫ، ރަންފަރު، އަހުމަދު އިރުޝާން ހިލްމީ މަރާލި މައްސަލާގަ އެވެ.

މިދިޔަ ހުކުރު ދުވަހު މަޖީދީމަގު ސްޓާސިނަމާ ހުންނަ ސަރަޙައްދުގައި މާރާމާރީ ހިންގާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި ފުލުހުން އެސަރަޙައްދަށް ގޮސް ބެލި އިރު މަޖީދީ މަގު ޝަހީދު އަލީ ހިނގުމާއި ގުޅުނު ކަންމަތީ މާރާމާރީ ހިންގާފައިވާކަމުގެ ހެކިތައް ފެންނަން ހުރިކަމަށް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހް ވަނީ ވިދާޅުވެފައެވެ.

މިދިޔަ އާދިއްތަ ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ޝަތީހް ވިދާޅުވީ މި މާރާމާރީ ހިންގާފައިވަނީ މާފަންނުގެ ދެ ސަރަހައްދަކަށް ނިސްބަތްވާ ދެ ގުރޫޕެއްގެ ދެމެދުގައި ކަމަށާއި މި މާރާމާރީ ހިންގި ސަބަބެއް ކަމަށް ބެލެވެނީ މި ދެ ގުރޫޕުގެ ދެމެދުގައި އެދުވަހު ހެނދުނު ހިނގި މާރާމާރީ އެއްގެ ސަބަބުން އުފެދުނު ހިތްހަމަނުޖެހމެއްގެ ތެރެއިން ކަމަށެވެ. އަދި ހެނދުނު ހިނގި މާރާމާރީގެ ވާހަކަ އެއްވެސް ފަރާތަކުން ފުލުހުންނަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ. މި މާރާމާރީގައި ލިބުނު އަނިޔާއާއެކު 14 އަހަރުގެ ކުއްޖަކު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އެރޭގެ 19:47 ހާއިރު ނިޔާވެފައިވާ ކަމަށްވެސް ޝަތީހް ވިދާޅުވިއެވެ.

ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ އެދުވަހު ހަވީރު ހިނގި މާރާމާރީގެ ތަހުގީގު މަސައްކަތުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް އެރޭ 21:50 ހާއިރު މ. ސަރުމާގޭގައި މާރާމާރީއެއް ހިންގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަމަށް ވިދާޅުވިއެވެ. މި ހާދިސާގައި އަނިޔާ ލިބުނު 14 އަހަރުގެ ކުއްޖާ އެރޭގެ 22:30 ހާއިރު މަރުވެފައިވާ ކަމަށާއި މަރުވި ކުއްޖާ އަކީ އެދުވަހު ހަވީރު ހިނގި މާރާމާރީގައި ބައިވެރިވި ކުއްޖެއްކަމުގައިވެސް މުހައްމަދު ރިޔާޒް ވިދާޅުވިއެވެ. އެރޭ ދެވަނައަށް މަރުވީ، މ. ސަރުމާގެ ފާތިރު މުހައްމަދެވެ.