އަހުމަދު ފަޔާޒް (ޕާޕާ)

އެމްއެންޑީއެފްއިން އެދިގެން ޕާޕާގެ މައްސަލާގެ އަޑުއެހުން ސިއްރުކޮށްފި

ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮވި މައްސަލާގައި ދައުވާކޮށްފައިވާ މާލޭ އޭރިޔާގެ ކޮމާންޑަރު، އަހުމަދު ފަޔާޒު (ޕާޕާ) އާއި ސިފައިންގެ ދެ މީހުން ކަމަށްވާ، މޫސާ ޒަމީރާއި އަހުމަދު ތިހާމްގެ މިއަދުގެ އަޑުއެހުން ސިއްރުކޮށްފި އެވެ. މި އަޑުއެހުން އޮތީ މިއަދު ހެނދުނު 11 ޖެހިިއިރު އެވެ.

މިއަދުގެ އަޑުއެހުމުގައި ތާވަލުކޮށްފައި އޮތީ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑައިވްސްއާއި ބެހޭ ތަޖުރިބާ ކާރެއްގެ ބަސް ހޯދުމެވެ. ކްރިމިނަލް ކޯޓުގެ މީޑީއާ އޮފިޝަލް މަނިކް ވިދާޅުވީ، މައްސަލާގެ އަޑުއެހުން މިއަދު ސިއްރުކޮށްފައިވަނީ އެގޮތަށް އެމްއެންޑީއެފްއިން އެދިފައިވާތީ ކަމަށެވެ.

މީގެ ކުރިން އެސްޕީޖީ އާއި ބަޑި ގުދަން ވެސް ބަލަހައްޓަން ހުންނެވި، ފަޔާޒުގެ މައްޗަށް މި މައްސަލާގައި އުފުލާފައިވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. މޫސާ ޒަމީރާއި އަހުމަދު ތިހާމްގެ މައްޗަށް ވެސް އުފުލާފައިވަނީ، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާ އެވެ.

މި މައްސަލާގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ބައެއް ހެކިބަސް ނަގާފައިވެ އެވެ.