އިޓާލީގެ ފޯވަޑް މާރިއޯ ބަލޮޓެލީ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލަށް ޖަހައިދިން ފުރަަތަމަ ލަނޑާއެކު، ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ އަތުން 3-2 އިން ލިވަޕޫލް އަމިއްލަ ދަނޑުގައި މޮޅުވެއްޖެ އެވެ.
މެޗުގެ 15 ވަނަ މިނިޓުގައި ލިވަޕޫލަށް ލީޑު ހޯދައިދިނީ ސާބިއާގެ ވިންގާ ލަޒާރް މަރްކޮވިޗެވެ. އެކަމަކު 26 ވަނަ މިނިޓުގައި ޓޮޓެންހަމްގެ ފޯވަޑް ހެރީ ކޭން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ މި ސީޒަންގައި ކޭން ޖެހި 23 ވަނަ ލަނޑެވެ.
ލިވަޕޫލަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 53 ވަނަ މިނިޓުގައި ސްޓީވަން ޖެރާޑް އެ ޓީމަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދިނެވެ. އެހެން ނަމަވެސް ދެވަނަ ފަހަރަށް ޓޮޓެންހަމް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ މޫސާ ޑެމްބެލޭ ޖެހި ލަނޑުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށްވެފައި ވަނިކޮށް ލިވަޕޫލަށް މެޗުން ތިން ޕޮއިންޓް ހޯދައިދިނީ ބަލޮޓެލީ އެވެ. ބަލޮޓެލީ ލަނޑު ޖެހީ އެޑަމް ލަލާނާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މި މެޗުން މޮޅުވެ ލިވަޕޫލުން ވަނީ ގަދަ ހަތަރެއްގެ ޖާގަ ހޯދަން ކުރަމުންދާ މަސައްކަތުގައި ކުރިއެރުމެއް ހޯދައިފަ އެވެ. ލިވަޕޫލް 42 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައި އޮތްއިރު، ޓޮޓެންހަމް ހަ ވަނައިގައި އޮތީ 43 ޕޮއިންޓާއެކު އެވެ. ފަސް ވަނައިގައި 44 ޕޮއިންޓާއެކު މެންޗެސްޓާ ޔުނައިޓެޑް އޮތްއިރު، ހަތަރު ވަނައިގައި އާސެނަލް އޮތީ 45 ޕޮއިންޓާއެކު އެވެ.
އިނގިރޭސި ލީގުގައި ރޭ ލެސްޓާ ސިޓީ އަތުން އާސެނަލް މޮޅުވީ 2-1 އިންނެވެ. އާސެނަލްގެ ދަނޑުގައި ރޭ ކުޅުުނު މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ލޯރެން ކޮސިއެލްނީ އާއި ތިއޯ ވޮލްކޮޓެވެ. ލެސްޓާ އަށް ލަނޑު ޖަހައިދިނީ އަންދުރައެކް ކްރަމަރިކެވެ.
އަމިއްލަ ދަނޑުގައި ރޭ އެސްޓަން ވިލާ އަތުން 2-0 އިން ހަލް ސިޓީ މޮޅުވިއިރު، ސަންޑަލޭންޑް އަތުްނ ރަށުން ބޭރުގައި ކިއުޕީއާރް މޮޅުވީ 2-0 އިންނެވެ.
އިނގިރޭސި ލީގުގައި މރިޭ ކުޅޭ މެޗުތައް:
މެންޗެސްޓާ ޔުނައިޓެޑް - ބާންލީ (0045)
ސައުތުހެމްޓަން - ވެސްޓް ހޭމް (0045)
ޗެލްސީ - އެވަޓަން (0045)
ސްޓޯކް - މެންޗެސްޓާ ސިޓީ (0045)
ކްރިސްޓަލް ޕެލެސް - ނިއުކާސަލް (1:00)
ވެސްޓް ބްރޮމް - ސްވަންސީ (1:00)