މަރު

ހޮޅުދޫ އިސްމާއިލްބެ މަރާލިކަމަށް ހާރޫން އިންކާރުކޮށްފި

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނ. ހޮޅުދޫގައި މަރާލި 73 އަހަރުގެ އިސްމާއިލް އަބްދުއްރަހުމާނު (އިސްމާއިލުބެ)ގެ މައްސަލާގައި ދައުވާކޮށްފައިވާ ހޮޅުދޫ އާޒާދުގެ ހާރޫނު އަބްދުލް ލަތީފުގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

މި މައްސަލާގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި އޮތީ ދައުލަތުން ކޮށްފައިވާ ދައުވާ އިއްވުމެވެ. ދައުވާގައި ބުނެފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭ 7:30 ހާއިރު، ހޮޅުދޫ މަސްޖިދުލް އިހުލާސް މިސްކިތުން އިޝާ ނަމާދަށްފަހު އިސްމާއިލްބެ ފައިބައިގެން ދަނިކޮށް ހަނި ގޯޅިއެއްގައި ހާރޫން ހުރެ، އިސްމާއިލްބެއަށް ގޮވައި އެ ގޯޅިއަށް ވައްދައިއޭނާގެ މެޔަށް 10 އިންޗީގެ ތިލަ ހުރި ވަޅިއަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި އެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ރ. އުނގޫފާރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް 18 ނޮވެމްބަރުގައި އިސްމާއިލްބެ މަރުވެފައިވާ ކަމަށް ދައުވާގައިވެ އެވެ.

ހާރޫންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ދައުވާ އިއްވުމުން ހާރޫން ވަނީ އެ ދައުވާއަށް އިންކާރުކޮށްފަ އެވެ. އަދި ދައުވާ ޖަވާބުދާރީވުމަށް ދައުލަތުގެ ފަރާތުން ވަކީލަކު ހަމަޖައްސައިދިނުމަށް ވަނީ އެދިފަ އެވެ. ގާޒީ ވަނީ ހާރޫނަށް އެ ފުރުސަތުދީފަ އެވެ. ދީފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ. ގާޒީ ވަނީ އެޓާނީ ޖެނަރަލް އޮފީހަށް ވަކީލަކު ހަމަޖެއްސުމަށް ސިޓީ ހުށަހެޅުމަށް ހާރޫނަށް އަންގާފަ އެވެ.