އަލިފާން

ޝީ ބިލްޑިންގެ ބައެއްގައި ރޯވެ ގެއްލުންވެއްޖެ

Jun 8, 2016

ޝީ ބިލްންޑްގެ އިމާރާތުގެ ބައެއްގައި އަލިފާން ރޯވެ ގެއްލުން ވެއްޖެ އެވެ. ރޯވެފައި ވަނީ އިމާރާތުގެ ހަވަނަ ބުރީގެ ބައެއްގަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.

"ކުލުނު ވެހި" ގެ ނަމުގައި ހަދާފައިވާ އަށް ބުރީގެ އިމާރާތުގައި ރޯވެ ގެއްލުން ލިބުނީ ހަވަނަ ބުރީގައި މީހުން ދިރިއުޅޭ އެޕާޓްމަންޓެއްގެ ބަދިގޭގެގަ އެވެ. ނަމަވެސް އަލިފާންގަނޑު ފެތުރިގެން ދިއުމުގެ ކުރިން ސިފައިންގެ ފަޔާ ފައިޓަރުންގެ މަސައްކަތުން މާ ގިނައިރު ނުވަނީސް ވަނީ ނިއްވާލާފައެވެ.

އަލިފާން ރޯވުމާއެކު އެ އާޕާޓްމަންޓްގައި ތިބި މީހުންނާއި އެ އިމާރާތުގެ އެހެން ބުރިތަކުގައި ތިބި މީހުން ވަނީ އިމާރަތް ދޫކޮށް ނުކުމެފައެވެ.

ރޯވި އެޕާޓްމެންޓްގައި ފަސް މީހަކު ދިރިއުޅެ އެވެ. އެތާނގައި ދިރިއުޅޭ އާއިލާގެ މެންބަރަކު ބުނީ ބަދިގޭގައި އަލިފާން ރޯވި އިރު އެޕާޓްމެންޓްގައި ދިރިއުޅޭ އެ ދެމަފިރިން ތިބީ ނިދާފައި ކަމަށާއި ހޭލެވުނީ ރޯވެ ދުންގަނޑު ފެތުރި ހޫނުވާން ފެށުމުން ކަމަށާއި ލަފާވާ ގޮތުގައި ރޯވީ ބަދިގެއިން ގޭސް ލީކުވެގެން ކަމަށެވެ.

މިއީ މި ރޯދަ މަހު ހިނގި އަލިފާނުގެ ފުރަތަމަ ހާދިސާއެވެ.