ރިޕޯޓް

ވީރާނާވެފައިވާ މާލޭ ހިޔާގައި އެތައް އާއިލާއެއް ހާލުގައި!

  • ލިފްޓް ހަލާކުވެ އެންމެ މައްޗަށް އަރަން ޖެހެނީ ސިޑިން
  • އަލިފާން ނިއްވާނެ ގޮތެއް ފްލެޓްތަކުގައި ނެތް
  • ފާރުތައް ރެދުލައި ފެން ލީކްވުމުގެ މައްސަލަ އިންތިހާ

ވެރިރަށް މާލޭގެ މެދެއްހާ ހިސާބުން އަމީނީ މަގުގައި އެހަރަ، "މާލޭ ހިޔާ" ފްލެޓްތަކަކީ އެތައް 100 އާއިލާއެއްގެ ބޯހިޔާވަހިކަމެވެ. ބަލައިބެލުމަށް އެ މީހުން އެ ދިރިއުޅެނީ ވަރަށް ވެސް އުފަލުންނެވެ. ހިތްހަމަ ޖެހިގެންނެވެ. އެކަމަކު އެ ހިޔާތަކުގެ ދަށުގައި އެ މީހުންގެ އަސްލު ދިރިއުޅުން އޮތީ އެހެނެއް ނޫނެވެ. އެ ފްލެޓްތަކުގައި ބާކަމާއި ވީރާނާކަމުގައި ޖެހި އެ ހުރިހާ އާއިލާއެއް ވެސް އެ ތިބީ އެ ތުރާލެއްގައި ޖެހިފަ އެވެ. އެއީ ހިޔާވައްސެއް ނަމަވެސް، އެއީ ހިތްހަމަ ޖެހުމެއް ނެތް ބޮޑު ތަކުލީފެކެވެ.

"މިހާރު އެތައް މަހެއް ވެއްޖެ ފްލެޓުގެ ލިފްޓް ހަލާކު ވެފައި ވެސް ހުންނަތާ. މިއީ ރޯދަމަސް. އަހަރުން ކިހިނެތް އިރު އިރުކޮޅައި ނަމާދަށް ދާން އަރައި ފައިބާ ހަދަނީ. ރޯދަ ވީއްލިފައި މި ހުންނަނީ މިތަނުން އަރަން ވެއްޖެއާ. އަންހެނުންނަކީ ފައިގެ މައްސަލަ ހުންނަ މީހެއް. އޭނަ އެ ހުންނަނީ ގޭގަ ތާށިވެފަ. ކިހިނެތް ފައިބާނީ މިތަނުން. މިތަން މިހުރީ މީހުނަށް ދިރިއުޅެވޭ ފެންވަރެއްގައެއް ނޫން،" އެ ފްލެޓްތަކުގެ 10 ވަނަ ބުރީގައި އޭނާގެ އާއިލާއާ އެކު ދިރިއުޅޭ މެދު އުމުރުގެ އަހުމަދު ނަސީމުގެ ޝަކުވާތައް "އަވަސް" އާ ހިއްސާކުރި އެވެ.

ޝަކުވާތައް އޮއްސަމުން ބަންޑުން ކުރަމުން ނަސީމު އަހަރުމެން ގޮވައިގެން ފެލްޓްތަކުގެ ތެރެއަށް ހިނގައިގަތެވެ. ލިފްޓް ހަލާކުވެ ހެދޭނެ ދުވަހެއް ނޭނގޭ ކަމަށް ބުނެ، ނޯޓިސް ހުރި އިރު އެންމެން އަރައިފައިބަން ހުރީ އެންމެ ސިޑިއެކެވެ. އެތަނުގައި މިއިން ދުވަހަކު ކުލަކޮޅެއްލައި އާބާތުރަ ފިލުވާފައި ހުރިހެނެއް ހިއެއް ނުވެ އެވެ. ވަކި ހިސާބަކުން ނޯށުގައި އަތް ވެސް އަޅަން މަޖުބޫރުވެއްޖެ އެވެ. ދުވާ ކުނިވަހުން ނޯއްދަމާލަން ނުކުރެ އެވެ. ނަސީމު ބުނި ގޮތުގައި، ކުނިބުނި ފަދަ ތަކެތި ބޭލުމަށް ވެސް ބޭނުން ކުރަން ޖެހެނީ އެންމެ ސިޑިއެކެވެ. ސިއްހީ ގޮތުން ވެސް މާލޭ ހިޔާއަކީ ރައްކާތެރި ތަނަކަށް ނުވެ އެވެ.

މާލެހިޔާގެ ވީރާނާކަން ބޭރުން ހިނގާލުމުން ވެސް ފެނެ އެވެ. ފެންނަނީ ރެނދުލާފައިވާ ފާރުތަކާއި ކުލަވެއްޓިފައިވާ އިމާރާތެކެވެ. ނަސީމުގެ އެޕާޓްމަންޓަށް ވަނުުމުން ތަނުގެ ހާލަތުގެ ބޮޑު މަންޒަރު މާބޮޑަށް ވެސް ފެނެ އެވެ. ފާހާނާގެ ތެރޭގައި އެކި ތަންތަނުގައި އޮތީ ރެދުލައިފަ އެވެ. ބައެއް ދިމަދިމާލުން ފާރުތަކަށް ފެން ލީކްވެ، ކުލަތައް ވެސް ވަނީ ފޮޅިފަ އެވެ.

"މި ފްލެޓުގައި ހުރި ހުރިހާ ފާހަނައެއް ހުރީ މައްސަލަ ޖެހިފަ. ހުރިހާ ފާހަނައަކަށް ވެސް ފެންފައިބާ. އެތައް ފަހަރަކު ކުލަލާފިން ހަމަ ފެންފައިބާ އިރަށް ފޮޅިފަ ކުލަތައް ދަނީ. މަ މައްސަލަ ހުންނަތާ އެތައް ޒަމާނެއް. ދެން މި އުޅެނީ ރޯދައަށް އާ އަލަމާރިއެއްވެސް ނުގަނެވިގެން. އެއީ ގަތުމުގެ ބޭނުމެއް ނެތް. އަލަމާރި އަރުވާނެ އެއްވެސް ގޮތެއް ނެތް. ހަނޑޫ ފުއް ގަނެގެންވެސް އަރުވަނީ އެހާ ހާލުގައި. ކުދި ކޮތަޅަށް އަޅައި ބަހައިލާގެން،" ފްލެޓްގެ ހާލަތު ދައްކަމުން ނަސީމު ކިޔައިދެމުންދިޔަ އެވެ.

އެހެން ނަމަވެސް މީގެ އަހަރުތަކެއް ފަހަތަށް ދާއިރު މިއީ މާލޭ ހިޔާގެ ހާލަތެއް ނޫނެވެ. ފްލެޓްތަކުގެ ކުނި މެނޭޖްކޮށް ތަނުގެ އާބާތުރަ ފިލުވައި ކުލަލަމުން ދިޔަ އެވެ. އޭރު އެ ތަންތަން ފެނުނީ ރީތިކޮށެވެ. އެހެން ނަމަވެސް މައްސަލަ ބޮއްސުންލީ ހައުސިން އިން ކުރަމުން އައި މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް އެކަން އެންމެ ފަހުން ސިޓީ ކައުންސިލަށް ބަދަލު ކުރުމުންނެވެ. އެއަށް ފަހު، މާލެ ހިޔާ ވީރާނާވެ ކުދި ކުދި ވަނީ އެވެ. އެކަމަށް ހުއްޓުމެއް ހައްލެއް އަދިވެސް އޮތްހެނެއް ހިއެއް ނުވެ އެވެ.

ފްލެޓްތަކުގެ ސަލާމަތީ ކަންކަން ވެސް އޮތީ އެހާ ދޯދިޔާކޮށެވެ. މާލެ ހިޔާ ފްލެޓްގައި އަލިފާން ރޯވެއްޖެ ނަމަ، އެކަމަކުން ސަލާމަތްވާން ބޭނުން ކުރެވެން ހުރި އަލިފާން ނިވިތައް ހުރީ އެކީ ހަލާކުވެފަ އެވެ. އަލިފާން ނިއްވޭނެ އެއްގޮތެއް ވެސް އެ ފްލެޓްތަކުގައި ނެތެވެ. މިއީ މާލެ ހިޔާ ފްލެޓުތަކުގެ ހާލެވެ. މިއީ އިންސާނުން އުޅޭވަރުގެ ހިޔަލެއް ނޫނެވެ. ދިރިއުޅެން ހެޔޮވެސް ނުވާނެ އެވެ. ބޯމަތީ ފުރާޅެއް އިނަސް ބޯހިޔާވެހިކަން ފޯރުކޮށްދެވުނީކީ ނޫނެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ މި ބާވެފައި އޮތް އިމާރާތް މަރާމާތު ކުރަން ސަރުކާރުން. އަލިފާން ނިއްވާ ނިޒާމް ބަދަލު ކުރަން. ފާހަނަތަކާއި ތަންތަން މަރާމާތު ކުރަން. މިތާ ރަނގަޅު ލިފްޓެއް ހަރުކުރަން. އަދި މިތަން ބަލަހައްޓަން ރަނގަޅު ބަޔަކާއި ހަވާލުކޮށް ކުނީގެ މައްސަލަ ހައްލު ކުރަން. އެނޫނީ މިއީ ކުޑަ ކުޑަ ކުދިންނަށް ވެސް ބޮޑު ދަތިކަމެއް،" އެ ފްލެޓުގައި އުޅޭ މީހެއް ބުންޏެވެ.