ކްރިމިނަލް ކޯޓް

ގާޒީ ނިހާން 17 އަހަރަށް ޖަލަށް

ސައްހަ ނޫން ކޯޓު އަމުރެއް ނެރެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް ރަހީނުކުރަން އުޅުނު ކަމަށް ބުނެ ދައުލަތުން ދައުވާ އުފުލި ގއ. މާމިގިނލީ ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް ކުށް ސާބިތުވެއްޖެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ. ނިހާންގެ މައްޗަށް މިރޭ އިއްވާފައިވަނީ 17 އަހަރުގެ ޖަލު ހުކުމެކެވެ.

މި މައްސަލާގައި ނިހާންގެ މައްޗަށް ހަތަރު ދައުވާއެއް އުފުލި އެވެ. އެއީ، އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމައްޓަކައި ލިއުމެއް އުފެއްދި ކަމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށިގެން ނުވާ އަމަލެއް ހިންގި ކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އާއި ޓެރަރިޒަމް އަމަލެއް ހިންގުމުގައި ބައިވެރި އެފަދަ އަމަލެއް ހިންގުމުގެ ދައުވާ އެވެ.

ނިހާންއަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި އެކަމުގައި ބައިވެރިވުމުގެ ކުށް ސާބިތުވުމުންނެވެ. ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ، މާމިގިނލީ ކޯޓުގައި އެ ކޯޓުގެ ލެޕްޓޮޕެއް ބޭނުންކޮށްގެން ގާޒީ ނިހާން ކޯޓު އަމުރެއް ޑައުންލޯޑްކުރިކަން ސާބިތުވާ ކަމަށާއި އެ އަމުރަށް ބަދަލު ގެނައިކަން ވެސް ސާބިތުވާ ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރުމުގެ ނުރައްކާތެރިކަމާ މެދު ނިހާން ވާހަކަ ދައްކާފައިވާކަން ވެސް ހެކިންގެ ހެކިވަހުން އެނގޭ ކަމަށެވެ.

ޓެރަރިޒަމްގެ ކުށް މުހުތާޒުގެ މައްޗަށް ސާބިތުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ގަދަކަމުން ހައްޔަރުކޮށް، ރަހީނުކޮށް، އާންމުންގެ މެދުގައި ބިރުވެރިން އުފެދޭ ފަދަ، އަމަލެއް ހިންގަން މުހުތާޒު މަސައްކަތްކުރެއްވި ކަމަށް އަމިއްލައަށް ވިދާޅުވުމުންނާއި ދައުލަތުން ހުށަހެޅި ހެކިން ސާބިތުވާތީ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

މި ހުކުމް ނިހާންގެ މައްޗަށް އިއްވާފައިވަނީ އާ ޓެރަރިޒަމްގެ ގާނޫނުގެ ހަވަނަ މާއްދާގެ ނ. އާ ހަވާލާދީ އެވެ.

ނިހާންއާ ދެކޮޅަށް ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ދައުލަތުން ހުށަހަޅާފައިވާ ހަތަރު ދައުވާ ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ. ނިހާންގެ ވަކީލް ސުއޫދު ހުލާސާ ބަޔާން އިއްވަމުން ވިދާޅުވީ، ސައްހަ ނޫން ކޯޓު އަމުރެއް ނިހާން ނެރުނުކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. މާލޭގެ މަގުމަތިން ފެނުނު މާފުށީ ކޯޓުގެ ނަމުގައި ނެރެފައިވާ ކޯޓު އަމުރު ނެރުނީ ނިހާން ކަން ވެސް ދައުލަތަށް ސާބިތުކޮށްދެވިފައިވާ ކަމަށެވެ. އަދި އެ ކޯޓު އަމުރާ ނިހާންއާ ގުޅުމެއް ނެތް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލާގައި ނިހާންގެ އިތުރަށް ދައުވާކުރި ކުރީގެ ޕީޖީ މުހުތާޒު މުހުސިންގެ މައްޗަށް ރޭ ވަނީ ހުކުމް އިއްވާފަ އެވެ. އިއްވާފައިވަނީ 17 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.