ކްރިމިނަލް ކޯޓް

ގާޒީ ނިހާނަށް ހުކުމް އިއްވުން ފަސްކޮށްފި

ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ފޭކް ކޯޓު އަމުރެއް ނެރުނު މައްސަލާގައި ހައްޔަރުކޮށް ޝަރީއަތް ހިންގަމުން އައީ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް ގއ. މާމެންދޫ، ވީނަސް، އަހުމަދު ނިހާންގެ މައްޗަށް ހުކުމް އިއްވުމުގެ މަޖިލިސް މިރެއަށް ތާވަލް ކުރުމަށް ފަހު ހުކުމް އިއްވުން ކުއްލި ގޮތަކަށް ފަސްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިރޭ ބުނީ މިރެއަށް ތާވާލް ކުރި އެ މަޖިލިސް ކެންސަލް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ސަބަބެއް ކޯޓަކުން ނުބުނެ އެވެ. މިރޭ ކޯޓަށް ނިހާން ހާޒިރު ކުރި ނަމަވެސް އޭނާއަށް ހުކުމް އިއްވަން އޮތް މަޖިލިސް ކެންސަލް ކުރިކަން އިއުލާން ކުރުމާއެކު އޭނާ ވަނީ އަނބުރާ ކޯޓުން ނެރެގެން ގެންގޮސްފަ އެވެ.

ހުލާސާ ބަޔާން ނެގުމަށްފަހު ނިހާންގެ ޝަރީއަތްތަކުގެ އަޑު އެހުން ނިންމާލީ މީގެ ފަސް ދުވަސް ކުރިންނެވެ.