ދާންދޫ

ދާންދޫއަށް ކަރަންޓުގެ ދަތިކަން ދިމާވެފައި!

ދެހާސް މީހުންނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ގއ. ދާންދޫ އަށް 200 ކިލޯ ވޮޓުގެ އެއް ޖެނަރޭޓަރުން ކަރަންޓު ދޭން ޖެހުމުގެ ސަބަބުން ލޯޑު ބޮޑުވެ، އެކި ގަޑިތަކުގައި ކަރަންޓާއި ނުލައި އުޅެން ޖެހިފައިވާތީ އެރަށުގެ ކައުންސިލާއި ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ދާންދޫ އިންޖީނުގޭގައި ހުރި އިންޖީނުތައް ހަލާކުވުމުގެ ސަބަބުން އެރަށުގެ އާބާދީއަށް ކަރަންޓު ނަގަން މިހާރު ބޭނުންކުރަނީ 200 ކިލޯ ވޮޓުގެ ޖެނަރޭޓަރަކާއި 120 ކިލޯ ވޮޓުގެ ކުޑަ ޖަނަރޭޓަރެކެވެ. ރަށުގެ ކަރަންޓުގެ ހާލަތު ވަރަށް ދެރަވަރުކޮށް އޮންނަތާ މިހާރު ހަތަރު މަހަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ދާންދޫ ކައުންސިލުން ބުންޏެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން ދާންދޫ ކައުންސިލުގެ ޒިންމާދާރު ވެރިޔާ މުހައްމަދު އަލީ ވިދާޅުވީ، ކަރަންޓާއި ގުޅިގެން ރައްޔިތުން ބޮޑު ހާސްކަމެއްގެ ތެރެއަށް މިއަދު ކުއްލިއަކަށް ވެއްޓުނީ މިހާރު ހުރި ދެ އިންޖީނުގެ މަރާމާތަށް، މިއަދު މެންދުރު ދެ އިންޖީނުވެސް ހުއްޓާލަން ޖެހުމުން މުޅި ރަށް އެކީ ކަރަންޓަށް ޖެހުމުން ކަމަށެވެ. މިއަދުގެ ދުވާލުގެ ބޮޑު ބައެއް ރައްޔިތުންނަށް ހޭދަކުރަންޖެހުނީ ކަރަންޓާއި ނުލައި ކަމަށާއި، މިއަދު ރަށަށް ކަރަންޓު ލިބުނު އިރު ހަވީރު 5:00 ޖެހުމާ ކައިރި ވެދާނެ ކަމަށެވެ.

"ރަށަށް މިހާރު އޮތީ ކަރަންޓު ލިބިފައި. އެކަމަކު މިއަދުވެސް ހެނދުނު ކަރަންޓު ދިޔަ. ހުކުރު ގަޑީގައި ވެސް އެއްގޮތަކަށް ވެސް ކަރަންޓެއް ނެތް. އެކަމަކު މިސްކިތް ފަޅީގައި ކަރަންޓު ހުރި. ނަމަވެސް އަސްރު ވަގުތުގައި މިސްކިތު ފަޅިންވެސް ކަރަންޓު ދިޔައީ، ރައްޔިތުން ރުޅިގަދަވެގެން މިއަދުވެސް އުޅުނީ އެކަމާ. އުނދަގޫވާނެ ދެއްތޮ، އެގޮތަށް މިއޮތްފަދަ ރޯދަ މަހު ކަރަންޓާ ނުލައި އުޅެންޖެހުމުން،" މުހައްމަދު އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކައުންސިލުގެ ޓީމެއް މިދިޔަ ފެބްރުއަރީ މަހު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާ ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ރަށުގެ ކަރަންޓުގެ ހާލަތު ވަރަށް ރަނގަޅަށް އޮޅުންފިލުވައިދެއްވި ކަމަށާއި، އެ ބައްދަލުކުރެއްވުމުގައި ރަށަށް އާ ޖެނަރޭޓަރެއް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

"މިރަށަށް ފެނަކައިން ހޯދައިދޭން ބުނި ޖެނަރޭޓަރު އަދިވެސް ނުލިބިގެން މި އުޅެނީ، އެކޮޅުން ބުނަނީ އެ ޖެނަރޭޓަރު ހޯދައިދެއްވާނެ ކަމަށް. ރަށުގެ ރައްޔިތުން މިހާރުވެސް އެތިބެނީ އުއްބައްތި ހިފައިގެން ތައްޔާރުގައި. ޖެނަރޭޓަރަކަށް ވާ އެންމެ ޖެނަރޭޓަރެއް ހުރުމުން އެ ޖެނަރޭޓަރު އިރު އިރުކޮޅާ ނިންވާލަން ޖެހޭ ފިނިކުރަން،" މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރަށަށް ޖެނަރޭޓަރެއް ހޯދަދޭނެ ކަމަށް ފެނަކައިން ބުނެފައިވާތީ ރައްޔިތުން އެ އިންތިޒާރުގައި އަދިވެސް ތިބީ ކެތްކޮށްގެން ކަމަށެވެ.

"މިރަށަކީ އާބާދީ 2000 އިން މަތި ރަށެއް، ވަޑަމުގެ މަސައްކަތާއި ދޯނިބަނުން ފަދަ މެޝިނަރީސް ބޭނުންކޮށްގެން ކުރާ މަސައްކަތް ކުރޭ. އެހެންވީމަ ކަރަންޓު ބޭނުންވާނެ ދެއްތޮ ފުދޭ ވަރަކަށް. މިވަގުތަށް ރަށުގައި ކަރަންޓު އޮތަސް، އެއީ ހައްލެއް ނޫން. ހައްލަކަށް ވާނީ އާބާދީއަށް ބޭނުންވާ ވަރަށް ކަރަންޓު ލިބޭނެ ވަސީލަތެއް ހުރުން،" މުހައްމަދު ވިދާޅުވި އެވެ.

ދާންދޫން ކަރަންޓު ހީނަރުވެފައިވާ މައްސަލައާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ނިމާލް ވިދާޅުވީ، ދާންދޫގެ ކަރަންޓުގެ މައްސަލަ މިވަގުތަށް ހައްލަކަށް އައިސްފައިވާ ކަމަށެވެ. އަދި އެރަށުގެ ކަރަންޓަސް ދާއިމީ ހައްލެއް ހޯދަދޭން އެ ކުންފުނިން މަސައްކަތްކުރަމުންދާ ކަމަށެވެ.