ރިޕޯޓް

ގައިދީން

  • ގައިދީން ދޫކޮށްލަނީ ފައިގައި ޓެގް އަޅުއްވައި މޮނީޓާ ކުރާގޮތަށް
  • ޝަރުތަކީ ވަޒީފާއަކަށް ދާން ޖެހުން ނޫނީ ކިޔަވަން ޖެހުން
  • މުޖުތަމައަށް ނުރައްކާ ނުވާނެ ކަމުގެ ޔަގީންކަން އުމަރު ދެއްވާ

ޖަލުގައި ތިބޭ ކުށްވެރިންނަށް ލުއިދީ، ކުށްވެރިން ދޫކޮށްލުމަކީ މީގެކުރިން ވެސް ކޮށްފައިވާ ކަމެކެވެ. އެގޮތުން މި އަހަރު ވެސް ޕެރޯލުގެ ދަށުން 300 ކުށްވެރިޔަކު ދޫކޮށްލަން ހޯމް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އެކަމަށް 248 މީހެއްގެ ނަން ޝޯޓް ލިސްޓު ވެސް މިހާރު ވަނީ ކޮށްފަ އެވެ. އަދި ކޮމެޓީ އެކުލަވާލައި، 150 ކުށްވެރިން މި ރޯދަ މަހު ފަހު ދިހައިގެ ތެރޭގައި ދޫކޮށްލުމަށް މިނިސްޓްރީން މިވަނީ ނިންމާފަ އެވެ.

އެއްފަހަރާ މިހާ ބައިވަރު ކުށްވެރިންތަކެއް މުޖުތަމައުއަށް ނިކުތުމާ މެދު ރައްޔިތުންގެ ކަންބޮޑުވުންތައް ގިނަ އެވެ. އުފެދޭ ސުވާލުތައް އެހާމެ ގިނަ އެވެ. މާރާމާރީތައް ގިނަވެފައިވާ މި ދުވަސްވަރު، މުޖުތަމައުގެ ސަލާމަތްތެރިކަމަށް މިކަމުން ކިހާ ވަރަކަށް އަސަރުކޮށްފާނެ ހެއްޔެވެ؟ މިގޮތަށް ކުށްވެރިން ދޫކޮށްލުމުން ހަމަނުޖެހުން ހިނގައި، ކުށްކުރުން އިންތިހާއަށް ގިނަވެފައި އެބަ ހުއްޓެވެ. ސުވާލަކީ މިފަހަރު ވާނީ ކިހިނެއްހެއްޔެވެ؟

ޓެގު އަޅުވައި މޮނީޓާކުރާނެ!

ކުރިން ކުށްވެރިން ދޫކޮށްލުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅިފައިނުވި ނަމަވެސް މިފަހަރު މިކަން މިކުރަނީ އުސޫލުތަކަކާއެކުގައި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެ އެވެ. ކުށްވެރިން އެ މީހުންގެ އާއިލާތަކާ ހަމަޔަށް ގެންދިޔަ ނަމަވެސް އެ މީހުން އެކީ މިނިވަނެއް ނުކުރެ އެވެ ހޯމް މިނިސްޓަރު އުމަރުގެ ބަހުރުވައިން އެއީ ހަމައެކަނި ގައިދީންއަށް ދެވޭ ލުޔެކެވެ. ކުޑަކުޑަ ލުޔެކެވެ. އެއީ، ޖަލުގައި ހުރުމުގެ ބަދަލުގައި އާއިލާ ކައިރީގައި ހުރުމުގެ ފުރުސަތެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ، ޖަލުން ގެންދާނީ ދީސާ އެ މީހަކު ނިސްބަތްވާ ރަށަކަށް ދެން ގޭބަންދަށް ކަމަށެވެ.

މީގެއިތުރަށް ދޫކޮށްލާ ކުށްވެރިންނަކީ ނުރައްކާތެރި، ބޮޑެތި ކުށްތަކަށް އަރައިގެންފައިވާ ކުށްވެރިންނެއް ނޫންކަމުގެ ޔަގީންކަން ކަރެކްޝަނަލް ސާވިސަސް އިން ވެސްދެ އެވެ. ދޫކޮށްލަނީ ވަކި ޝަރުތުތަކެއް ހަމަވާ ކުދި ކުށްތައް ކޮށްފައިވާ ކުށްވެރިންނެވެ.

ހޯމް މިނިސްޓަރު އުމަރު ވިދާޅުވަނީ އެއްވެސް ކުށްވެރިއަކު ދުލެއް ނުކުރާނެ ކަމަށާއި އެމީހުން ތިބޭނީ ޓެގު އަޅުވައި ބަރާބަރަށް ގަޑިންގަނޑިއަށް ބަލަހައްޓަމުން ގެންދާނެ ކަމަށެވެ. މިފަހަރު ގައިދީންތަކެއް މިނިވަން ކޮށް މުޖުތަމައަށް ދޫކޮށްލަނީ، ހާއްސަ ޓެގެއް އެޅުވުމަށްފަހު އެވެ. އެ ޓެގުގެ އެހީގައި އެމީހުން އުޅޭ ނޫޅޭ ގޮތް މޮނީޓާކުރެވެމުންދާނެ އެވެ. ވަކި ގަޑިއެއްގައި ތިބެންޖެހޭނީ ގޭގަ އެވެ. އެގޮތަށް އަމަލުނުކުރާނަމަ އަލުން ޖެހޭނީ އަނބުރާ ޖަލަށް ވަންނާށެވެ.

ޓެގުގެ ނިޒާމް ކާމިޔާބު!

މޮނިކޮން ނިޒާމްގެ ދަށުން ހޯމް މިނިސްޓަރު ތައާރަފްކުރި ޓެގުގެ ނިޒާމަކީ ކާމިޔާބު ނިޒާމެކެވެ. މިނިސްޓަރު ވިދާޅުވަނީ އެ ނިޒާމުގެ ސަބަބުން ގޭންގްތައް "ސައިޒް"ކުރެވިފައިވާ ކަމަށެވެ. އަދި ބޮޑެތި ކުށްތަކަށް ގޭންގް ލީޑަރުން އަރައިގަތުން ހުއްޓުވިފައިވާ ކަމަށެވެ. އަމާޒަކީ ގޭންގްތައް ފުނޑުފުނޑުކޮށްލުމެވެ. މިހާރު ވެސް 20 އަށްވުރެ ގިނަ މީހުންގެ ފައިގައި ވަނީ ޓެގު އަޅުވާފަ އެވެ. އަމުރާ ހިލާފުވެގެން ޖަލަށް ގެންދަން ޖެހުނީ އެންމެ މީހެކެވެ. މިކަމުން ވެސް ޓެގުގެ ނިޒާމް ކާމިޔާބުކަން އެނގެ އެވެ. އެކަން ފުރިހަމައަށް މޮނީޓާކުރެވޭކަން އެބަ އެނގެ އެވެ.

ޖަލު ނެރޭ ކުށްވެރިންގެ ފައިގައި ވެސް އަޅުވަނީ ޓެގެކެވެ. ނަމަވެސް އެ ޓެގަކީ މޮނިކޮން ޓެގަށްވުރެ ލުއި ޓެގެކެވެ. މޮނިކޮން ޓެގުގެ އެހީގައި ގޭންގް ލީޑަރުން މޮނީޓާކުރަމުންދާއިރު، ކުށްވެރިންގެ ފައިގައި އަޅުވާ ޓެގުގެ އެހީގައި އެ ކުށްވެރިން އުޅޭ ނޫޅޭ ގޮތް ވެސް މޮނީޓާކުރެވޭނެ އެވެ. އެމީހުންގެ ފަރާތުން ނޭދެވޭ އަމަލެއް ފެންނަނަމަ ފިޔަވަޅު އެޅޭނެ އެވެ.

ވަޒީފާއަށް ދާން ޖެހޭ ކިޔަވަން ޖެހޭ!

ދޫކޮށްލާ ކުށްވެރިންނަށް އެ ގޯޅި މި ގޯޅި ވެގެން ދުވާނެ ވަގުތެއް ނުލިބޭނެ އެވެ. އެ ފުރުސަތެއް ވެސް ނެތެވެ. މި ކުށްވެރިން ދޫކޮށްލަނީ ހާއްސަ ޝަރުތުތަކަކާއެކު އެވެ. އެ ޝަރުތުތަކުގެ ތެރޭގައި ވަޒީފާ އަދާކުރުން ނުވަތަ ކިޔެވުން ހިމެނެ އެވެ. ކުށްވެރިވެފައި ތިބި ނަމަވެސް އަލުން މުޖުތަމައު ބަލައިގަންނާނެ ބަޔަކަށްވުމަށް އެމީހުންނަށް ފުރުސަތެއް ދިނުމުގެ ގޮތުން ހޯމް މިނިސްޓަރު ނިންމާފައިވަނީ ލުއިދޭ ކުށްވެރިންނަށް ކިޔެވުމުގެ ފުރުސަތާއި ވަޒީފާގެ ފުރުސަތު ދޭށެވެ. އެކަން ނުކޮށް އެމީހުންނަށް ޖަލުން ބޭރުގައި ނުތިބެވޭނެ އެވެ.

މިހާ ބޮޑެތި ހިފެހެއްޓުންތަކަކާ އެކު ގައިދީން މިނިވަން ކުރާ މިއީ ފުރަތަމަ ފަހަރެވެ. މިކަމުގެ ނަތީޖާ ތަޖުރިބާކޮށްލަން ލިބޭ މިއީ ފުރަތަމަ ފަހަރެވެ. އަބަދުވެސް މައްސަލައަކަށް ވެފައި އޮންނަނީ ގައިދީން މިނިވަން ކުރަން އޮންނަ އުސޫލުގެ ބޭރުން މާ ދޯދިޔާކޮށް އެކި ސަބަބުތަކާ ހުރެ ކަންތައްތަކެއް ބަޔަކު ހިންގުމެވެ. ނަތީޖާއެއްގެ ގޮތުން މިގޮތަށް ދޫކޮށްލާ ގައިދީންގެ ކިބައިން އެންމެ ފަހުން މުޖުތަމައުގެ އަމާންކަން ގެއްލެނީ އެވެ. މިފަހަރު ވެސް އެ ބިރުވެރިކަން އެބަ އޮތެވެ. އެހެން ނަމަވެސް ހޯމް މިނިސްޓަރު އުމަރު އެކަން އެގޮތަށް ނުވާނެ ކަމުގެ ބޮޑު ޔަގީންކަމެއް ދެއްވަ އެވެ.